ސިއްޙީ ދާއިރާގައި މަސައްކަތްކުރާ ޓެކްނީޝަނުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ފެށުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއީ ހޮސްޕިޓަލް އަދި ހެލްތް ސެންޓަރުތަކުގައި ބޭނުންކުރާ ވެހިކަލްތައް މަރާމާތުކޮށް ބަލަހައްޓާއި ޓެކްނީޝަނުންނަށް "އޮޓޮމޯޓިވް މެއިންޓަނަންސް ޕްރޮގްރާމް" ހިންގުމަށްޓަކައި މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް ޕޮލީޓެކްނިކްއާއި ދެމެދު ވެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތް އަހްމަދު ނަސީމް އެވެ. އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ހަސަންއެވެ.
މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ ހޮސްޕިޓަލް އަދި ހެލްތް ސެންޓަރ ތަކުގައި މަސައްކަތްކުރާ 18 ޓެކްނީޝަނުންނަށް 3 މަސް ދުވަހުގެ އޮޓޮމޮޓޯވް މެއިންޓަނަންސް ޓްރެއިނިންގ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވާހަކަފުޅުދައްކަވާފައެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ސިއްޙީ ދާއިރާގައި ބޭނުންކުރާ ވެހިކަލްތައް މަރާމާތުކޮށް ބެލެހެއްޓުމުގައި ދިމާވާ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ އެކި އެކި ސެންޓަރުތަކުގައި ބޭނުންކުރާ ވެހިކަލްތައް މަރާމާތުކުރުމުގެ މަަސައްކަތަކީ ވަރަށް ބޮޑު ބުރައަކާއި ކުރިމަތިލާންޖެހޭ މަސައްކަތެއް ކަމަށެވެ.
ސިސްޓަމެޓިކް ގޮތެއްގައި މިކަންކަން ނުކުރެވޭތީ މިކަމަށް ދާ ޚަރަދުވެސް ވަރަށް ބޮޑުވެގެންދާ ކަމަށާއި، މިކަން ހައްލުކުރުމަށް ވިސްނާފައިވާ އެއް ގޮތަކީ މިމަސައްކަތުގައި މިހާރު ތިބި މުވައްޒަފުން އިތުރަށް ތަމްރީނުކުރުން ކަމަށް ހެލްތު މިނިސްޓަރު ވިދާޅުވިއެވެ. މިކަމުން އެމީހުންގެ ފުށުން އެހެން މީހުން ތަމްރީނުކުރެވިގެންދާނެ ކަމަށާއި މިފަދަ ގޮތަކަށް މިކަން ނުކުރެވޭނަމަ ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރެވިގެން ނުދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ޓްރެއިނިންގެ ސަބަބުން ހޮސްޕިޓަލް އަދި ހެލްތް ސެންޓަރ ތަކުގައި މަސައްކަތްކުރާ ޓެކްނީޝަނުންގެ ފަންނީ ގާބިލްކަން އިތުރުވެ، އެމްބިއުލާންސް ފަދަ ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ފަސޭހައިން ހައްލުކުރެވި، މިފަދަ ތަކެތީގެ މަރާމާތަށްދާ ޚަރަދު ކުޑަވެގެންދާނެއެވެ.