އިދިކޮޅު ޕީޕީއެމުން ށ. ފުނަދޫގައި ހުކުރު ދުވަހު ކުރިއަށް ގެންދިޔަ "އިންޑިއާ އައުޓް" ކެމްޕެއިން ކުރިއަށް ގެންގޮސްފައިވަނީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނިކޮށްކަން ހާމަވެއްޖެއެވެ.
ފުނަދޫން ކޮވިޑްގެ ކޭސްތަކެއް ފެނުމުން އެރަށް މޮނިޓަރިންގެ ހާލަތަށްގެނެސް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ން އެކަން އަންގާފައިވަނީ ހުކުރު ދުވަހުގެ މެންދުރު ފަހުއެވެ. އެގޮތުން ހުކުރުގެ މެންދުރުފަހު 15:25ގައި އެޗްޕީއޭންވަނީ ފުނަދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަން އިއުލާނުކޮށްފައެވެ.
ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމް ފުޅު ވިދާޅުވީ އެޗްޕީއޭން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާކަމުގެ ރަސްމީ ލިޔުން މެއިލްގެ ޒަރިއްޔާއިން ލިބިފައިވަނީ ހުކުރު ދުވަހުގެ ހަވީރު 16:38ގައި ކަމަށެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ބައިވެރިވެވަޑައިގެން މި ހަރަކާތް ފަށާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 16:25ގައި ކަމަށެވެ.
ހުކުރު ދުވަހުގެ ހަވީރު އިދިކޮޅުން ފުނަދޫގައި ބޭއްވި އިންޑިއާ އައުޓް ކެމްޕެއިން ފެށިތާ ގާތްގަނޑަކަށް 10 މިނިޓް ފަހުން އެޗްޕީއޭގެ ރަސްމީ ލިޔުން ފުނަދޫ ކައުންސިލަށް ލިބިފައިވީ ނަމަވެސް ކައުންސިލުން އެހަރަކާތް ހުއްޓުވާފައެއް ނުވެއެވެ. އަދި މި ހަރަކާތުގައި ފުނަދޫ ކައުންސިލްގެ ރައީސްވެސް ބައިވެރިވެވަޑައިގަތެވެ.
އިދިކޮޅުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދާ މި ކެމްޕެއިނުގައި އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށް އަންނަނީ ގޮވާލަމުންނެވެ. އަދި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ގުޅިގެން އަންނަނީ މި ކެމްޕެއިން އަތޮޅުތެރޭގެ އެކި ރަށްތަކުގައިވެސް ކުރިއަށް ގެންދަމުންނެވެ.
އެގޮތުން ހުކުރު ދުވަހުގެ ހަވީރު ފުނަދޫގައި އޮތް އިންޑިއާ އައުޓް ކެމްޕެއިނުގައި ކުރީގެ ރައީސް ޔާމީނު ވަނީ ފާރުތަކުގައިވެސް އިންޑިއާ އައުޓް ޖެހުމަށް ގޮވާލާފައެވެ. ގިނަ ބަޔަކު އެއްވެގެން އިދިކޮޅުން ފުނަދޫގައި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އެރަށުގައި މީހުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެފައިވަނިކޮށެވެ.