ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އައްޑޫސިޓީން ދޫކޮށްފައިވާ ގޯތިތަކުގައި ގެ ނޭޅިފައިވާ ފަރާތްތަކަށް ގެ އަޅައި ދިނުމާއި ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އައްޑޫސިޓީ ކައުންސިލާއި ތުރުކީވިލާތުގެ ވިޒްޔޮން ކުންފުންޏާއެކު ބުރާސްފަތި ދުވަހު އައްޑޫސިޓީ ކައުންސިލްގައި ވެވުނު މިއެއްބަސްވުމުގެ ދަށުން ޢިމާރާތްކުރުމަށް މިހާރު ހޭދަވާ އަގަށްވުރެ އަގުހެޔޮކޮށް ގެ އަޅައިދޭނެ ކަމަށް މޭޔަރ ޢަލީ ނިޒާރު ވިދާޅުވިއެވެ.
3 މޮޑެލަކަށް ފަރުމާކުރެވޭ ގެތަކުގެ ސާމްޕަލް ވަރަށް އަވަހަށް ދައްކާލާނެ ކަމަށް ވިޒްޔޮން ކުންފުނިން ވަނީ ހާމަކޮށްފައެވެ. އައްޑޫސިޓީ ކައުންސިލާއެކު ވިޒްޔޮން އިން ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މިމަސައްކަތަށް ބޭނުންވާ މެޝިނަރީތަކުގެ ފުރަތަމަ ޝިޕްމަންޓް އައްޑޫއަށް އަންނާނެއެވެ. ވިޒްޔޮން ކުންފުނިން މަޢުލޫމާތު ދޭގޮތުގައި އައްޑޫގައި އަޅާ ރެޒިޑެންޝަލް ހައުސިންގ ޔުނިޓްތަކަކީ ރާއްޖޭގެ މާޙައުލާއި ގުޅޭގޮތަށް 50 އަހަރަށްވުރެ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ފަދަ ރަނގަޅު ފެންވަރަކަށް ތައްޔާރުކުރެވޭ ގެތަކެކެވެ.
އާބާދީ ބޮޑު އައްޑޫސިޓީއަކީ ބޯހިޔާވަހިކަމުގެ ދަތިކަން އިންތިހާ އަށް އޮތް ސިޓީއެކެވެ. ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ހައުސިންގ ޔުނިޓްތަކެއް ދޫކުރުމުގެ އިތުރުން 3000 އާއި 4000 އަކަފޫޓުގެ ބިންވަނީ ރައްޔިތުންނަށް ދޫކޮށްފައެވެ. މިބިންތަކުގައި ބައެއް ފަރާތްތަކުން ގެއަޅައި ދިރިއުޅެން ފަށާފައިވީ ނަމަވެސް ބިން ދޫކުރިތާ 15 އަހަރަށްވުރެ ގިނަ ދުވަސްވީ ބައެއް ގޯތިތައް ވެސް އެއްވެސް މަސައްކަތެއް ނުފަށާ ހުރިކަން ފާހަގަ ކޮށްލެވެއެވެ. ވޭތުވެދިޔަ އަހަރުތަކުގައި އޭރުގެ ކައުންސިލުން މިގޮތަށް ހުރި ގޯތިތަކަށް މުހުލަތެއް ދިނުމަށްފަހު ދިރިއުޅެން ނުފަށާނަމަ ބިން އަނބުރާ ނަގަން ނިންމި ނަމަވެސް އެކަން އެގޮތަށް ތަންފީޒު ކޮށްފައެއް ނުވެއެވެ.
އައްޑޫސިޓީގެ ގޭގޭގައި ތޮއްޖެހިގެންނާއި ކުލި ދައްކައިގެންވެސް އެތައް ބަޔަކު ހާލުގައި އުޅުނު ނަމަވެސް ގޯތި ލިބިފައިވާ ފަރާތްތަކުން ޢިމާރާތް ނުކުރެވެނީ، ވަޒީފާގެ ފުރުސަތުނެތުމާއި ފައިސާގެ ތަނަވަސްކަން ލިބިފައި ނެތުމުންކަމުގެ ޝަކުވާ ރައްޔިތުން އުފުލައެވެ. މިދަނޑިވަޅަކީ މާލޭގައި ދިރިއުޅުނު ވަރަށް ގިނަ ޢާއިލާތައް ކޮވިޑްގެ ރާޅާއެކު ކުރިމަތިވި ތަދުމަޑުކަމުގެ ތެރޭގައި އައްޑޫސިޓީއަށް ބަދަލުވެ މިގޮތަށް ހުހަށް ހުރި ގޯތިތަކުގައި ޢިމާރާތްކުރަން ވެސް ފަށާފައިވާ ދަނޑިވަޅެކެވެ. އައްޑޫސިޓީ ކައުންސިލާއި ވިޒްޔޮން ކުންފުންޏާއެކު މި ވެވުނު އެއްބަސްވުން ވެގެންދާނީ ދަތި ޙާލުގައި އުޅޭ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ތަނަވަސްކަން ލިބުމާއެކު ފަޅުގޯތިތަކާއި ހުސްބިންތަކުން ފުރިފައިވާ އައްޑޫގެ މަލަމަތި އަލިވެ އުޖާލާވެގެންދާނެ ކަމެއްކަމަށް އެސިޓީގެ ބައެއް ރައްޔިތުން ދަނީ ބުނަމުންނެވެ.