އޭޝިއާ އެވޯޑްސްއިންދޭ އޭޝިއާ ސަރަހައްދުގެ އެންމެ ފުރިހަމަ ރައީސަކަށް ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ރައީސް މުޙައްމަދު ލަތީފް ހޮވިއްޖެއެވެ.
މީގެ ކުރިން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސްކަންވެސް ކުރެއްވި ލަތީބެ ކާވާގެ ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގަތީ މިދިޔަ އަހަރުއެވެ. ދިވެހިންގެ ތެރެއިން ސަރަހައްދީ ކުޅިވަރުގެ ޖަމިއްޔާއެއްގެ ރައީސްގެ ގޮތުގައި ހަމައެކަނި ހުންނެވީ ލަތީފް އެވެ. އޭޝިއާ ސަރަހައްދުގެ އެންމެ ފުރިހަމަ ރައީސަކަށް ލަތީފް ހޮވުމާއި ގުޅިގެން އޭޝިއާގެ ވޮލީބޯޅައިގެ މައިޖަމިއްޔާ އޭޝިއަން ވޮލީބޯޅަ ފެޑަރޭޝަން (އޭވީސީ) އިން ވަނީ މަރުހަބާކިޔާފައެވެ.
ލަތީފްގެ ރައީސްކަމުގެ ދަށުން ކާވާގެ ހިންގުން ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާއިރު، ކާވާގެ ހިންގާ ގަވައިދު އިސްލާހު ކުރުމާއެކު އަސާސީ ގަވައިދު މިހާރު ވަނީ ރަޖިސްޓްރީކުރެވިފައެވެ. ކާވާގެ މެންބަރު 14 ގައުމުގެ ހިމެނޭއިރު، ކޮވިޑްގެ ދަތި ހާލަތާއިއެކުވެސް މިދިޔަ މަހު ވަނީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް ބަންގްލަދޭޝްގައި ބާއްވާފައެވެ. އަދި މި އަހަރުގެ ސެންޓްރަލް ޒޯންގެ މެޗުތައް ރާއްޖޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ކާވާގެ މަސައްކަތްތަކުގެ ތެރެއިން މިހާރު އެންމެ އިސްކަމެއް ދީގެން ކުރައްވަމުން ގެންދަވާ މަސައްކަތަކީ ކާވާގެ ހެޑް އޮފީސް ރާއްޖޭގައި ގާއިމް ކުރުމަށް ކުރައްވަންޖެހޭ މަސައްކަތް ކުރެއްވުން ކަމަށާއި، އެކަން ކުޅިވަރާ ބެހޭ ވުޒާރާއާ ގުޅިގެން ކުރެއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ލަތީފް ވިދާޅުވިއެވެ.
އޭޝިއާގެ ވޮލީބޯޅައިގެ މައިޖަމިއްޔާ އަކީ އޭވީސީ އެވެ. ކާވާ އަކީ އޭވީސީގެ ގުނަވަނަކަށްވާއިރު ސެންޓަރަލް އޭޝިއާ އަދި ސައުތުއޭޝިއާގެ ޒިންމާތައް އަދާކުރަނީ ކާވާއެވެ. ދުނިޔޭގެ ވެސް އެންމެ ބައިބޯ އަދި ވޮލީގެ ބާރުގަދަ ޖަމިއްޔާގެ ހެޑް އޮފީސް ރާއްޖޭގައި ގާއިމް ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާއިރު މި އޮފީސް ގާއިމް ކުރެވުމުން ކުޅިވަރަށް އެކަމުން އެތައް ފައިދާތަކެއް ކުރާނެ ކަމެއް ކަމަށް ލަތީފް ވިދާޅުވިއެވެ.
ކާވާގެ ހަރަކާތްތައް ބާރު ސްޕީޑްގައި ކުރިޔަށްދާއިރު ބަންގްލަދޭޝްގައި ކާވާގެ އަހަރީ ޖަލްސާ ކުރިޔަށްގެންގޮސް 2022 ވަނަ އަހަރުގެ ކަލަންޑަރު ވަނީ ފާސްކޮށްފައެވެ. 2022 ވަނަ އަހަރުގެ މުބާރާތްތަކުގެ ތެރެއިން ފުރަތަމަ ފަހަރަށް ބާއްވަން އިއުލާން ކުރި ސެންޓްރަލް އޭޝިއަން ވޮލީބޯޅަ ޗެލެންޖް ކަޕްގެ ފިރިހެން އަދި އަންހެން މުބާރާތް ރާއްޖޭގައި ބާއްވަން މިހާރު ވަނީ ނިންމާފައެވެ. ކާވާގެ ގިނަ މުބާރާތްތަކެއް މިއަހަރު ބޭއްވުމަށް ނިންމާފައިވާއިރު މި ޖަމިއްޔާ އަކީ މެމްބަރު ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ފަދަ ފޯރުންތެރި ޖަމިއްޔާއަކަށް ހެދުމަށް މި އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ލަތީފް ވަނީ ވިދާޅުވެފައެވެ. އެގޮތުން އިންޓަނޭޝަނަލް ސްޕޮންސަރ ހޯދައިގެން މުބާރާތްތަކުގެ ފެންވަރު މިހާރަށް ވުރެން ވަރުގަދަ ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ލަތީފް ވިދާޅުވިއެވެ.