ކ. މާލެ
|
14 ޑިސެންބަރ 2023 | ބުރާސްފަތި 11:05
ލަތީފް (ކަނާތުން ތިންވަނަ) އާއި ރަނޭޝް (ވާތުން ދެވަނަ އަށް) ވޮލީ އެކްސްކޯގެ ބައެއް މެމްބަރުންނާއެކު
ލަތީފް (ކަނާތުން ތިންވަނަ) އާއި ރަނޭޝް (ވާތުން ދެވަނަ އަށް) ވޮލީ އެކްސްކޯގެ ބައެއް މެމްބަރުންނާއެކު
ވީއޭއެމް
ވޮލީބޯޅަ
ވޮލީއަށް ރައީސަކު ހޮވަންވީ 2025ގައި: ލަތީފް
ވޮލީ އިންތިހާބަށް ކުރިމަތިލައްވާ އެންމެ ތާއީދު ބޮޑު ބޭފުޅަކީ ލަތީފް

ބޮއްސުންލާފައިވާ ވޮލީބޯޅަ އެސޯސިއޭޝަނުގެ މައްސަލަތަކަށް ފުރިހަމަ ހަމަޖެހުމެއް ގެނައުމަށް އިންތިހާބު ބާއްވަންވީ 2025ގައި ކަމަށް ވޮލީ އެސޯސިއޭޝަނުގެ ކުރީގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.

ސަރަހައްދީ ވޮލީ ޖަމިއްޔާއެއް ކަމަށްވާ ސެންޓްރަލް އެސޯސިއޭޝަން ވޮލީބޯޅަ އެސޯސިއޭޝަން (ކާވާ)ގެ ރައީސްކަން ކުރަމުން އަންނަ ލަތީފް މިހެން ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހު ބޭއްވި ވޮލީ ކޮންގްރެސްގައި 10 ދުވަހުގެ ތެރޭގައި އިންތިހާބެއް ބޭއްވުމަށް ހަމަޖައްސައި ފާސްކުރި އަސާސީ ގަވާއިދާ ހަވާލާދީ މެމްބަރުން ވާހަކަ ދައްކަމުންދާތީ އެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ލަތީފަކީ ވޮލީބޯޅަ އެސޯސިއޭޝަންގެ އިންތިހާބުގައި ވާދަކުރައްވާނެ ބޭފުޅެކެވެ. އަދި މިވަގުތު އެ މަގާމަށް އެންމެ ތާއީދު ބޮޑު ބޭފުޅަކީ ވެސް އޭނާ އެވެ.

ވޮލީ އެސޯސިއޭޝަނުން އަލަށް ފާސްކުރި ގަވާއިދުގެ 56 ވަނަ މާއްދާގައި ބުނަނީ އެ ގަވާއިދު ފާސްކުރާ ދުވަހުން ފެށިގެން 10 ދުވަސްތެރޭގައި ވޮލީގެ އައު އިންތިހާބެއް ބާއްވަންޖެހޭނެ ކަމަށެވެ.

ވޮލީ އެސޯސިއޭޝަނުގެ އިންތިހާބެއް ބާއްވަންޖެހޭނެ ކަމަށް ގަވާއިދުގައި ލިޔެފައިވީ ނަމަވެސް އެ އެސޯސިއޭޝަނުގައި ރައީސަކު އެބަހުއްޓެވެ. އެއީ 2021ގައި އިންތިހާބުކުރި ރައީސް މުހައްމަދު ރަނޭޝް އެވެ. ކުރީގެ އެއްވަނަ ސެޓަރުގެ ދައުރު ހަމަވާނީ 2025 އަށެވެ. ނަމަވެސް އޭނާ މަގާމުން އިސްތިއުފާދިނުމަށް ވިސްނަމުންދާ ކަމުގެ އަޑުތައް ވޮލީ ކޮމިއުނިޓީ ތެރޭގައި ދަނީ ދެކެވެމުންނެވެ. އެއީ ރާއްޖޭން ބޭރަށް ވަޒީފާ އަދާކުރުމަށް ވަޑައިގަންނަވަން ބޭނުންފުޅުވާތީ އެވެ. ރަނޭޝް އަކީ ރާއްޖޭގައި ހުރި ކުޅަދާނަ ޕައިލެޓެކެވެ.

ލަތީފް ވިދާޅުވީ އޭނާ ބޭނުންވަނީ މައްސަލައެއްނެތި ރާއްޖޭގެ ވޮލީގެ އިންތިޒާމްތައް ހަމަޖެހިގެންދިއުން ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް އިސްކުރަނީ ވޮލީގެ މަސްލަހަތު. އަޅުގަނޑު ބޭނުންވަނީ 2025ގައި އިންތިހާބު ބާއްވަން. އެއީ އެންމެ ރަނގަޅު ގޮތަކީ. އެކަމަކު ކަންކަން ނިންމުމުގެ ބާރު އޮންނާނީ އަބަދުވެސް މެމްބަރު ކުލަބުތަކަށް،" ލަތީފް ވިދާޅުވި އެވެ.

ރާއްޖޭގެ ވޮލީގެ ހާލަތު ދަށްވެފައިވީ ނަމަވެސް ލަތީފްގެ ލީޑަރޝިޕުގައި އޭނާ ވަނީ ކާވާގެ ގިނަ ހަރަކާތްތަކެއް ހިންގައި އެ ޖަމިއްޔާ ސަރަހއްދީ ލެވެލްގައި ހިންގުންތެރި ތަނަކަށް ހަދައިދީފަ އެވެ. އަދިމިހާރު އޭނާ އަކީ ސަރަހއްދީ ވޮލީގައި ނަން ހިނގާ ފަރާތެކެވެ.

- ކޮމެންޓް