ކ. މާލެ
|
28 މާރޗް 2024 | ބުރާސްފަތި 05:27
ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން
ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން
ވީއޭއެމް
ވީއޭއެމް
ވީއޭއެމްގެ ރައީސަކަށް ލަތީފް
ކާވާގެ ރައީސްކަމުގައި ދެ ވަނަ ދައުރު ފުރުއްވަމުން ގެންދަވާ ލަތީފް ވަނީ، މީގެ ކުރިން ވެސް ވީއޭއެމްގެ ރައީސްކަމުގެ މަގާމު އަދާކުރައްވާފައި

ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސްކަމުގެ މަޤާމަށް، މުޙައްމަދު ލަތީފް އިންތިޚާބު ކޮށްފި އެވެ.

ވީއޭއެމްގެ ރައީސްކަމުގެ މަޤާމަށް ލަތީފް އިންތިޚާބު ކޮށްފައި ވަނީ، ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާ ދެއްވުމުން، އެ ދައުރުގެ ބާކީ އޮތް މުއްދަތަށެވެ. ވީއޭއެމްގެ ރައީސްކަމުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި، އެ މަޤާމަށް ކުރިމަތިލެއްވީ ވެސް ލަތީފް އެކަންޏެވެ.

ވީއޭއެމްގެ ރައީސްކަމަށް ލަތީފް އިންތިޚާބު ކޮށްފައި ވަނީ އެކަމަށްޓަކައި ބޭއްވި އެ އެސޯސިއޭޝަންގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގަ އެވެ. އެ ކޮންގްރެސްގައި ވީއޭއެމްގެ މެމްބަރު ކުލަބުތަކުގެ ތެރެއިން، 10 ކުލަބަކުން ވަނީ ބައިވެރިވެފަ އެވެ. އެ ކޮންގްރެސްގައި ދުނިޔޭގެ ވޮލީ ބޯޅަ މައި އިދާރާ (އެފްއައިވީބީ)ގެ މަމްދޫބެއް ބައިވެރިވީއިރު، ކޮމިޝަނަރ އޮފް ސްޕޯޓްސްގެ އޮފީހުގެ ފަރާތުން ވެސް މަންދޫބުން ވަނީ ބައިވެރިވެފަ އެވެ.

އެ ކޮންގްރެސްގައި ވަނީ ވީއޭއެމްގެ ހިންގާ ކޮމިޓީން ހުސްވެފައިވާ އެހެން މަގާމުތަކަށް ވެސް މެމްބަރުން އިންތިޚާބު ކޮށްފަ އެވެ. އެގޮތުން ސީނިއާ ނައިބު ރައީސަކަށް މުޙައްމަދު ސާޖިދު (ބޮޑު ކާއްޓެ) ވަނީ އިންތިޚާބު ކޮށްފަ އެވެ. އޭގެ އިތުރުން ނައިބު ރައީސް ވޮލީބޯޅައިގެ މަޤާމަށް އިންތިޚާބު ކުރީ އަލީ ލަތީފް އެވެ. އަދި ނައިބު ރައީސް އިދާރީގެ މަގާމަށް އިއްޒަތު ވަހީދު، އަންހެން ނައިބު ރައީސްގެ މަޤާމަށް އާއިދާ އަބްދުލް ހަކީމް އިންތިޚާބު ކުރި އެވެ. ހަމައެހެންމެ، ހިންގާ ކޮމިޓީ މެމްބަރުންގެ މަގާމަށް ފަތުހުﷲ ވަހީދު (ފައްލޯ)ގެ އިތުރުން، ސޮފްވާން އަޙުމަދު، ޝިޔާމް އަލީ އަދި ހިންގާ ކޮމިޓީ އަންހެން މެމްބަރުގެ މަގާމަށް އައިޝަތު ފަތީނަތު ވަނީ އިންތިޚާބު ކޮށްފަ އެވެ.

ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ރައީސްކަމުގައި ދެ ވަނަ ދައުރު ފުރުއްވަމުން ގެންދަވާ ލަތީފް ވަނީ، މީގެ ކުރިން ވެސް ވީއޭއެމްގެ ރައީސްކަމުގަ މަގާމު އަދާކުރައްވާފަ އެވެ.

- ކޮމެންޓް