ކ. މާލެ
|
10 ޖެނުއަރީ 2022 | ހޯމަ 22:22
ޓާޓާ ކުންފުންޏާއެކު ރައީސް ނަޝީދުގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބާތިލުކުރީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހު
ޓާޓާ ކުންފުންޏާއެކު ރައީސް ނަޝީދުގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބާތިލުކުރީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހު
މުހައްމަދު ޝަރުހާން
ޓާޓާއަށް ބަދަލު ދިނުން
ފްލެޓް އެޅުމުން، ޓާޓާއަށް ދިނުމަށް އެއްބަސްވެފައިވާ ދެ ބިމާއި ފަޅުރަށް ހަވާލު ކުރުމުގެ އެއްބަސްވުން އަންނަ ހަފުތާގައި
އެއްބަސްވުން ބާތިލުކުރީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހު
އެއްބަސްވުން ބާތިލުކުރީ، މަސައްކަތް ފެށުމަށް ދިން ނޯޓިސްގެ މުއްދަތުގައި މަސައްކަތް ނުފެށުމުންކަމަށް ބުނެ
ފްލެޓު އެޅުމަށް 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު ވަނީ ބިންގާ ވެސް އަޅާފައި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފްލެޓު އެޅުމަށް އިންޑިއާގެ ޓާޓާ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލުކޮށްފައިވާއިރު، އެ ކުންފުންޏަށް ދިނުމަށް އެއްބަސްވެފައިވާ ދެ ބިމާއި، ރިސޯޓު ތަރައްގީ ކުރުމަށް ފަޅުރަށެއް ހަވާލު ކުރުން އަންނަ ހަފްތާގައި އޮންނާނެކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނެފިއެވެ.

މަޖީދީ މަގު އޯޑިއޯން އާއި ސޯސަން މަގުގައި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓު އެޅުމަށް ޓާޓާ ކުންފުންޏާއެކު ރައީސް ނަޝީދުގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ބާތިލުކުރީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުއެވެ. އޭރުގެ ހައުސިން މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު އޭރު ވިދާޅުވި ގޮތުގައި އެއްބަސްވުން ބާތިލުކުރީ އޯޑިއޯންއާއި ނާދީ ހުރި ބިމުގައި 127 ލަގްޒަރީ ފްލެޓް އެޅުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތް ފެށުމަށް ދިން ނޯޓިސްގެ މުއްދަތުގައި މަސައްކަތް ނުފެށުމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭރު އެއްބަސްވުން ބާތިލުކުރިއިރު، އެ ދެ ބިމުގައި ފްލެޓު އެޅުމަށް 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހު އޮތީ ބިންގާ ވެސް އަޅާފައެވެ. އެގޮތުން އޯޑިއޯން ހުރި ބިމުގައި 45 ފެލެޓް އެޅުމަށް އޭރު ނިންމާފައިވާއިރު، ނާދީހުރި ބިމުގައި އެޅުމަށް ހަމަޖެހިފައިވަނީ 75 ފްލެޓެވެ. އަދި ގާކޮށްޓާއި ކުރިން އަރަބިއްޔާ ހުރި ބިމުގައި ފްލެޓްތައް ހަދާފައި ވަނީ ވެސް ޓާޓާއިންނެވެ. 

އެހެންނަމަވެސް އެ އެއްބަސްވުން ބާތިލު ކުރުމުން ގެއްލުމުގެ ބަދަލު ހޯދުމަށް އެ ކުންފުނިން އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައި، އެ މައްސަލައާ ގުޅޭގޮތުން ކުރި މަޝްވަރާތަކުގެ ދަށުން މި ސަރުކާރުން ވަނީ ޓާޓާއާއެކު އެއްބަސްވުމަކަށް އައިސްފައެވެ. އެގޮތުން އަލުން އެއްބަސްވުން އެކުލަވާލީ މުއިއްޒު އަމަލު ކުރެއްވި ގޮތުގެ ސަބަބުން ކުންފުންޏަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ދޭންޖެހިދާނެ ކަމުގެ ބިރު އޮތުމުން ކަމަށް ސަރުކާރުން އޭރު ބުނެފައިވެއެވެ. މި އާބިޓްރޭޝަން ކުރިއަށް ގެންދިޔައީ އިންޑިއާގަ އެވެ.

ސަރުކާރުން ޓާޓާއާއެކު އަލުން އެއްބަސްވުން އެކުލަވާލާފައިވާއިރު، ކުރީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ނާދީ ހުރި ބިމާއި، ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމުގެ އިތުރުން، ލަގްޒަރީ ވިލާއެއް ހެދުމަށް ރަށެއް ދިނުން އެ އެއްބަސްވުމުގައި ހިމަނާފައިވެއެވެ. އެއްބަސްވުމާއި އެއްގޮތަށް ދެ ބިމާއި ރަށް ދިނުމަށް ނިންމައި، އަންނަ ހަފްތާގައި ސޮއި ކުރެވޭނެކަމަށް ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވިއެވެ. އެއްބަސްވުމުގެ ދަށުން ލަގްޒަރީ ވިލާއިން ސަރުކާރަށް ނުވަ މިލިއަން ޑޮލަރު ލިބޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

އެއްބަސްވުން ބާތިލު ކުރުމުގެ ސަބަބުން ސަރުކާރުން ބޮޑު ބަދަލެއް ދޭން ޖެހޭ ހިސާބަށް މި މައްސަލައިގައި ކަންކަން ދިޔައިރު، ރައީސް ޔާމީނުގެ ސަރުކާރުން ނޫމަޑީގެ 2 އެއްބަސްވުން ބާތިލުކުރި މައްސަލައިގައިވެސް ދައުލަތަށް ބޮޑެތި ބުރަތަކެއް އުފުލަން ޖެހުނެވެ. މި ދެ އެއްބަސްވުމުގެ މައްސަލައިގައި އޭރު ނޫމަޑިން، އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ހޯދުމަށެވެ. ކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް އެ ކުންފުންޏާއި ވާހަކަ ދައްކައި ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދިނީ، ރައީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމިޓީން ނިންމައިގެންނެވެ. އެގޮތުން ނޫމަޑިއާއި އެއްކޮށް ނެގޯޝިއޭޓް ކުރުމަށްފަހު ރައިސުލްޖުމްހޫރިއްޔާގެ އިޒުނަ ލިބިގެން ނޫމަޑިއާއެކު ސެޓްލްމެންޓް އެގްރީމެންޓެއްގައި ސޮއިކޮށްފައި ވަނީ 24 އޮގަސްޓް 2019 ގައެވެ.

ނޫމަޑިއިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާރބިޓްރޭޝަން މައްސަލައިގައި އޭރުގެ ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ދޮގު ބަޔާން ދެއްވުމާ ގުޅިގެން ދައުލަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ. އެގޮތުން ހައުސިންގ ޔުނިޓް މަޝްރޫއާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި، 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ވިދާޅުވުމާއި، ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާކަމަށް ވިދާޅުވެ އެކަމުގައި ދޮގު ބާޔަނެއް ދީފައިވާކަންވެސް މި މައްސަލައިގެ ދައުވާގައި ފާހަގަ ކޮށްފައިވެއެވެ.

ނޫމަޑި މައްސަލައިގައި ދޮގު ބަޔާނެއް ދީފައިވާތީ ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރުގެ މާލޭގެ މޭޔަރ ޑރ މުހައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައްވެސް މިހާރު އޮތީ ކޯޓު މަރުހަލާގައެވެ.

- ކޮމެންޓް