ކ. މާލެ
|
7 ޖެނުއަރީ 2022 | ހުކުރު 18:00
ވީއައިއޭގެ އައު ވީއައިޕީ ޓާމިނަލް
ވީއައިއޭގެ އައު ވީއައިޕީ ޓާމިނަލް
އެމްއޭސީއެލް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
ވީއައިއޭގެ އައު ވީއައިޕީ ޓާމިނަލުން ޚިދުމަތް ދޭން ފަށައިފި
މި ލައުންޖުން އެއްފަހަރާ 95 މީހުންނަށް ޚިދުމަތް ދެވޭ
މިއީ ހަތަރު ފަންގިފިލާގެ އިމާރާތެއް
ވީއައިޕީ ޓާމިނަލްގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ އައު ވީއައިޕީ ޓާމިނަލް ހުޅުވައި، ޚިދުމަތްދޭން ފަށައިފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ހުކުރު ދުވަހުގެ ހެނދުނު 06:00 އިން ފެށިގެން މާމަހި އެގްޒެކެޓިވް ލައުންޖުގެ ޚިދުމަތް ދޭން ފަށާފައިވާކަމަށެވެ. މިއީ ޖާގައިގެ ގޮތުން ބޮޑު ލައުންޖެކެވެ. ދެ ފިޔަވައްސަކަށް ބަހާލައިގެން ވީއައިޕީ/ސީއައިޕީ ޓާމިނަލުން ޚިދުމަތްދެމުންދާއިރު، އަދި ނިމިފައިވަނީ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

މިއީ ހަތަރު ފަންގިފިލާގެ އިމާރާތެކެވެ. އިމާރާތުގެ އެންމެ ތިރީ ފަންގިފިލާއިން ޚިދުމަތްދެމުންދަނީ ވީވީއައިޕީއިންނަށެވެ. ފުރަތަމަ ފަންގިފިލާ އަދި ދެވަނަ ފަންގިފިލާއިން ޚިދުމަތް ދެނީ ވީއައިޕީ އަދި ސީއައިޕީންނަށެވެ. ހަތަރުވަނަ ފަންގިފިލާއަކީ އިދާރީ މަސައްކަތްތަކަށް ޚާއްސަ ފަންގިފިލާއެކެވެ. މި ޓާމިނަލުން އެއްފަހަރާ 95 މީހުންނަށް ޚިދުމަތް ދެވޭނެއެވެ.

މިއީ ގާތްގަނޑަކަށް 2،000 އަކަމީޓަރުގެ ސަރަހައްދަކަށްވާއިރު، މި އިމާރާތުންވެސް ކުރީގެ ވީއައިޕީ ލައުންޖުން ލިބެމުންދިޔަ ޚިދުމަތްތައް ލިބޭނެއެވެ. އަދި މި އިމާރާތުގައި ތިން ޕްރައިވެޓް ލައުންޖް ހުރެއެވެ.

ވީއައިއޭގެ ވީއައިޕީ ޓާމިނަލްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި ޚިދުމަތްދޭން ފަށާފައިވާއިރު، މީގެ ކުރިން ވިއައިޕީންނަށް ޚިދުމަތް ދިން ލައުންޖް ތަޅާލައި ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށިގެންދާނެއެވެ.

ވީއައިޕީ ޓާމިނަލްގެ އިތުރުންވެސް އެއަރޕޯޓް ތަރައްގީ ކުރުމުގެ ގިނަ މަސައްކަތްތަކެއް އެބަ ކުރިއަށްދެއެވެ. މީގެ ތެރޭގައި 3،400 މީޓަރުގެ ދިގު ރަންވޭއެއް ހެދުމާއި، އައު ޕަސިންޖަރ ޓާމިނަލްއަކާއި، އައު ކާގޯ ޓާމިނަލްއެއް އަދި ތެޔޮ ރައްކާކުރާ ނިޒާމެއް ގާއިމްކުރުން ހިމެނެއެވެ. މި ހުރިހާ މަޝްރޫއުތަކެއްގެވެސް އަމަލީ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް