ކ. މާލެ
|
6 ޖެނުއަރީ 2022 | ބުރާސްފަތި 10:54
ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު
ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު
ރާއްޖެ އެމްވީ
މުއިއްޒު ދެއްވި ދޮގު ބަޔާނުގެ މައްސަލަ
މުއިއްޒު ދޮގު ބަޔާން ދެއްވި މައްސަލައިގެ އަޑުއެހުން ކެންސަލް
އަޑުއެހުން ތާވަލުކޮށްފައި އޮތީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ށް
ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް އަލުން ފުރުސަތު ދެއްވާފައިވޭ
އަޑުއެހުން ކެންސަލްވީ ގާޒީ ސަލާމުގައި ހުންނެވުމުން

ނޫމަޑި މައްސަލައިގައި ދޮގު ބަޔާނެއް ދީފައިވާތީ ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރު މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

މި މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައި އޮތީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށެވެ. އަޑުއެހުން ކެންސަލްވެފައިވަނީ މައްސަލަ ބައްލަވާ ގާޒީ ސަލާމުގައި ހުންނެވުމުންކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި މިދިޔަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުވެސް އަޑުއެހުމެއް ބާއްވާފައިވެއެވެ. އެ އަޑުއެހުމުގައި އޮތީ މުއިއްޒުގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހެޅުއްވި ހުށަހެޅުންވުންތަަކަށް ޚުލާސާ ގޮތެއްގައި ވާހަކަ ދެއްކެވުމެވެ. އެއަށްފަހު ދައުލަތުން އެ ހުށަހެޅުއްވުންތަކަށް ރައްދު ދެއްވުމަށް ވެސް އޮތީ ހަމަޖެހިފައެވެ.

އެހެންނަމަވެސް، ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކަށް ފުރުސަތު ދެއްވަން ޖެހޭނީ އެ މައްސަލައަކީ މަދަނީ މިންގަނޑުން ބެލޭނެ މައްސަލައެއްކަމަށް ކަނޑައެޅުއްވުމަށްފަހުކަމަށް ހައިކޯޓުން އާދިއްތަ ދުވަހު ނިންމި މައްސަލައެއްގައި ވަނީ ޙުކުމެއް ނެރެފައެވެ. އެހެންކަމަށްވުމާއެކު، ދިފާއުން ވަނީ އެ ގަޒިއްޔާ ކޯޓުގެ ސަމާލުކަމަށް ގެނެސް، ހައިކޯޓުގެ އެ ނިންމުމަށް ރިއާޔަތް ކުރައްވައި، ޑރ. މުއިއްޒުގެ މައްސަލައަކީ ވެސް މަދަނީ މިންގަނޑުން ބެލޭނެ މައްސަލައެއްކަމަށް ކަނޑައެޅުއްވުމުގެ ބަޔަށް ފަހު، އަލުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ބައި ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ.

ދައުލަތުންވެސް ވަނީ ހައިކޯޓުން އާދިއްތަ ދުވަހު ނިންމެވި ނިންމެވުމަށް ރިއާޔަތް ކުރުމަށް އެދިވަޑައިގެންފައެވެ. ދައުލަތުގެ ވަކީލު ވިދާޅުވީ، ދިފާއުން އެދޭގޮތަށް މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް އަލުން ކުރިއަށް ގެންދިއުމާމެދު އިއުތިރާޒު ނުކުރައްވާ ކަމަށެވެ.

މި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ޙަބީބު ވިދާޅުވީ، މައްސަލައިގައި މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ހައިކޯޓުގެ ނިންމުމާއެކު ފަރުވާއެއް ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލައަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ގާޒީ ސޮފްވަތު ވަނީ ކަނޑައަޅުއްވާފައެވެ. ގާޒީ ސޮފްވަތު ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ފުރުސަތު ދެއްވާފައެވެ. އަދި ދިފާއުން ބޭނުންވާނަމަ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކުގެ ބައި އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ކުރިއަށް ގެންދެވިދާނެކަން ފާހަގަ ކުރައްވާފައެވެ. ނަމަވެސް ދިފާއުން ވަނީ އިބްތިދާއީ މަރުޙަލާ އަލުން ފަށައިގެން ކުރިއަށް ގެންދަން ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރެއްވި ކަންކަމަށް ރިއާޔަތް ކުރައްވައި ގާޒީ ސޮފްވަތު ނިންމެވީ އިބްތިދާއީ އަޑުއެހުންތައް އަލުން ފަށައިގެން ކުރިއަށް ގެންދެވެން ނެތްކަމަށެވެ. ނަމަވެސް ގާޒީ ސޮފްވަތު ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް އަލުން ފުރުސަތު ދެއްވުމަށް ނިންމަވާފައެވެ.

އެއާއެކު ދައުލަތުން ވަނީ އިތުރު ހުށަހެޅުމެއް ނެތްކަން ފާހަގަ ކުރައްވާފައެވެ. ނަމަވެސް ދިފާއުން ވަނީ ހުށަހެޅުންތަކެއް ހުރިކަން ފާހަގަކޮށްފައެވެ. އެކަމަށްޓަކައި 15 ދުވަހުގެ މުއްދަތެއް ޝަރީއަތުން ވަނީ ދެއްވާފައެވެ. އަދި އޮކްޓޯބަރު 26 ގެ 14:00 ގެ ކުރިން ހުށަހެޅުންތައް ހުށަހެޅުއްވުމަށް ގާޒީ އެދިވަޑައިގެންނެވިއެވެ.

މައްސަލައިގެ ޚުލާސާއެއް:

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާރބިޓްރޭޝަން މައްސަލައިގައި އޭރުގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ދޮގު ބަޔާން ދެއްވުމާ ގުޅިގެން ދައުލަތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ. އެގޮތުން ހައުސިންގ ޔުނިޓް މަޝްރޫޢާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި، 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ވިދާޅުވި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާކަމަށް ވިދާޅުވެ އެކަމުގައި ދޮގު ބާޔަނެއް ދީފައިވާކަން ވެސް ޕީޖީ އޮފީހުން ފާހަގަ ކޮށްފައިވެއެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ބާޠިލު ކުރި މި ދެ އެއްބަސްވުމުގެ މައްސަލައިގައި އޭރު ނޫމަޑިން، އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ހޯދުމަށެވެ. ކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް އައު ސަރުކާރުން އެ ކުންފުންޏާ ވާހަކަ ދައްކައި ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދިނީ، ރައީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމިޓީން ނިންމައިގެންނެވެ. އެގޮތުން ނޫމަޑިއާ އެއްކޮށް ނެގޯޝިއޭޓް ކުރުމަށްފަހު ރައިސުލްޖުމްހޫރިއްޔާގެ އިޒުނަ ލިބިގެން ނޫމަޑިއާ އެކު ސެޓްލްމެންޓް އެގްރީމެންޓެއްގައި ސޮއިކޮށްފައި ވަނީ 24 އޮގަސްޓް 2019 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް