ކޮވިޑް-19 ގެ ހާލަތު ގޯސްވެ ލިވަޕޫލްގެ ގިނަ އަދަދެއްގެ ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވެ އެ ޓީމުގެ ޓްރޭނިންގ ސެންޓަރުތައް ބަންދުކުރަން ޖެހުމުން ބުރާސްފަތި ދުވަހުގެރޭ ލީގު ކަޕުގައި އާސެނަލާއި ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކޮށްފިއެވެ.
ޖެހިޖެހިގެން ތިން ދުވަހު ލިވަޕޫލްގެ ޓީމާ ގުޅޭ ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާއިރު ބުދަ ދުވަހު ވަނީ އެންމެ ފަހުން ރިޕޯޓްކުރި ޕޮޒިޓިވް ކޭސްތަކާއެކު ޓްރެއިނިންގ ސެންޓަރު ބަންދުކޮށްފައެވެ.
ބުރާސްފަތި ދުވަހުގެރޭ އާސެނަލްގެ ދަނޑުގައި ކުޅެން އޮތް ލީގު ކަޕްގެ މެޗު ފަސްކުރަން ލިވަޕޫލުން ހުށަހެޅީ އަންގާރަ ދުވަހުއެވެ. ލިވަޕޫލްގެ ހުށަހެޅުން، ލީގު ކަޕްގެ ކަންކަން އިންތިޒާމްކުރާ އީއެފްއެލް އިން ދިރާސާކުރަމުން ދަނިކޮށް ލިވަޕޫލުން ބުދަ ދުވަހު ވެސް ޕޮޒިޓިވް ކޭސްތަކެއް ރިޕޯޓްކުރުމާ އެކު އީއެފްއެލް އިން ނިންމީ ލިވަޕޫލްގެ އެޕްލިކޭޝަން ބަލައިގަންނާށެވެ.
އެކަމަކު ބުރާސްފަތި ދުވަހު ކުޅެން އޮތް މެޗު ފަސްކުރެވޭނީ ލިވަޕޫލުން ދެވަނަ ލެގު އާސެނަލްގެ ދަނޑުގައި ކުޅެން އެއްބަސްވާނަމަ ކަމަށް އީއެފްއެލް އިން ވަނީ ބުނެފައެވެ. އެއާއެކު ލިވަޕޫލުން ވަނީ އީއެފްއެލްގެ ހުށަހެޅުމަށް އެއްބަސްވެފައެވެ.
އީއެފްއެލް އިން ބުރާސްފަތި ދުވަހުގެރޭ ކުޅެން ހަމަޖެހިފައި އޮތް މެޗު ފަސްކޮށްފައިި، މެޗުތައް ކުޅެން އަލުން އެކުލަވާލި އާ ޝެޑިއުލްގައިވާ ގޮތުން މި މަހު 13 ވަނަ ދުވަހުގެ ލެގު ކުޅޭނީ ލިވަޕޫލް ދަނޑުގައެވެ. އަދި 20 ވަނަ ދުވަހު ކުޅޭ ދެ ވަނަ ލެގު އޮންނާނީ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައެވެ.
ލިވަޕޫލްގެ ކޮވިޑްގެ ހާލަތު ގޯސްވާން ފެށީ މީގެ ދެ ހަފްތާ ކުރިންނެވެ. އެ ކްލަބުން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ ފަބީނިއޯ އާއި ތިއާގޯ އަލްކަންޓާރާ އަދި ވާޖިލް ވެން ޑައިކެވެ. އޭގެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އާދިއްތަ ދުވަހު ޗެލްސީއާ ދެކޮޅަށް ލިވަޕޫލުން ކުޅެން އޮތް މެޗުގެ ކުރިން ބުރާސްފަތި ދުވަހު އެ ޓީމުގެ ގޯލްކީޕަރު އެލިސަން ބެކާ، ޑިފެންޑަރު ޖޮއެލް މަޓިޕް އަދި ފޯވާޑް ރޮބާޓޯ ފިރްމީނޯ ކޮވިޑަށް ޕޮޒިޓިވްވި އެވެ. އޭގެ ދެ ދުވަސް ފަހުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕަށް ވެސް ވަނީ ކޮވިޑް ޖެހިފައެވެ.
މިދިޔަ ތިން ދުވަހުވެސް ލިވަޕޫލާ ގުޅޭ ކޮވިޑްގެ ގިނަ ކޭސްތަކެއް ރިޕޯޓްކޮށްފައިވާއިރު ބުދަ ދުވަހު ވަނީ އެ ޓީމުގެ އެސިސްޓަންޓް ކޯޗު ޕެޕް ލައިންޑާސް ވެސް ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ރިޕޯޓްތައް ބުނާ ގޮތުން ލިވަޕޫލުގެ ފުރަތަމަ ޓީމުގައި ހިމެނޭ 10 ކުޅުންތެރިއަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
ލިވަޕޫލަށް ދެން އެންމެ އަވަހަށް އޮތް މެޗަކީ އިނގިރޭސި އެފްއޭ ކަޕްގައި އާދިއްތަ ދުވަހުގެރޭ ޝްރިއުސްބަރީއާ ދެކޮޅަށް ކުޅޭ މެޗެވެ.