ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހެޅުމެއްނެތި ފިޝަރީޒް މިނިސްޓްރީން ދެމިލައަނަށްވުރެ ގިނަ ރުފިޔާގެ ތަކެތި ހޯދާފައިވާކަން ހާމަވެއްޖެއެވެ.
މިކަން ހާމަވީ އެމިނިސްޓްރީގެ މިދިޔަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުންނެވެ.
އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވާފައިވާ އެރިޕޯޓުގައި ބުނެފައިވާ ގޮތުގައި ޓެންޑާ އިވެލުއޭޝަން ބޯޑަށް ހުށަހެޅުމެއް ނެތި 2.7 މިލިއަން ރުފިޔާގެ ތަކެތި ފިޝަރީޒް މިނިސްޓްރީން މިދިޔަ އަހަރު ވަނީ ގަނެފައެވެ.
އެރިޕޯޓުގައި ބުނެފައިވާ ގޮތުގައި އޮއިވާލި ކަނދުފަތި ތައްޔާރު ކުރަން ބޭނުންވާ ތަކެތި ފޯރުކޮށް ދިނުމުގެ މަސައްކަތް ދެއަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެކިފަހަރު މަތިން ހޯދާފައިވާ ތަކެތީގެ އަގު 2714568 (ދެމިލިއަން ހަތް ސަތޭކަ ސާދަހާސް ފަސްސަތޭކަ އަށެއް) ރުފިޔާއަށް އަރާ ކަމަށެވެ. ނަމަވެސް އެމަސައްކަތް ހަވާލު ކުރުމުގައި ޓެންޑަރ އިވެލުއޭޝަން ބޯޑަށް ހުށަހަޅާފައި ނުވާކަމަށް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ސޮއިކުރައްވާ ނެރުއްވި އެއޮޑިޓް ރިޕޯޓުގައި ވެއެވެ.
ސާމާނުގެ ގޮތުގައި ޓެންޑާ ބޯޑުގެ ހުއްދަ ނެތި އެ ތަކެތި ހޯދާފައިވާއިރު މާލިއްޔަތު ގަވާއިދު ބުނާގޮތުން 1.5 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަގުގެ ތަކެތި ގަންނަ ނަމަ އެކަން ކުރަން ޖެހޭނީ ޓެންޑާ ބޯޑަށް ހުށަހަޅައި، އެ ބޯޑު މެދުވެރިކޮށެވެ.
މީގެ އިތުރުން ހަރު މުދަލުގެ ރެކޯޑް ރަނގަޅަށް ބަލަހައްޓާފައި ނެތް މައްސަލަ އާއި އެ މިނިސްޓްރީން މާލީ ބަޔާންތައް މާލިއްޔަތު ގާނޫނުގައިވާ ގޮތުގެ މަތިން އޮޑިޓް ކުރަން އޮޑިޓް އޮފީހަށް ހުށަހަޅާފައި ނެތް މައްސަލަ ވެސް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެކަންކަން އިސްލާހު ކުރަން އެ ރިޕޯޓުގައި އަންގާފައިވެ އެވެ.