ކ. މާލެ
|
3 ޖެނުއަރީ 2022 | ހޯމަ 02:56
ދިއްގަރު ހޯމްސްޓޭގެ ދަށުން އައި ސޫދާންގެ ދެމަފިރިންނާއި އެމެރިކާގެ ދެމަފިރިން
ދިއްގަރު ހޯމްސްޓޭގެ ދަށުން އައި ސޫދާންގެ ދެމަފިރިންނާއި އެމެރިކާގެ ދެމަފިރިން
އަލީ ޝާފީ
ހޯމްސްޓޭ ފަތުރުވެރިކަން
ހޯމްސްޓޭގެ ފުރަތަމަ ފަތުރުވެރިޔާގެ ތަޖުރިބާ
 
ދިއްގަރު ރައްޔިތުންނަކީ މިހާތަނަށް ދިމާވި އެންމެ ހިތްހެޔޮ މީހުން

ޖެނުއަރީ އެއްވަނަ ދުވަހު ރާއްޖޭގައި ފުރަތަމަ ފަހަރަށް ހޯމް ސްޓޭގެ ފަތުރުވެރިކަން މިވަނީ މ. ދިއްގަރުން ފަށައިގެންފައެވެ. އެ ރަށަށް ސޫދާންގެ ދެމަފިރިންނާއި އެމެރިކާގެ ދެމަފިރިން ވަނީ އައިސްފައެވެ. އެ ރަށުން މި ފަތުރުވެރިންނަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގޮތުން ސަގާފީ ހަރަކާތްތަކާއި ވޯޓަރ ސެލިއުޓަކުން ވަނީ މަރުހަބާ ކިޔާފައެވެ. އެމީހުންނަށް މަރުހަބާ ކިޔުމަށްޓަކައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ވަނީ ބަނދަރަށް ވެސް ޖަމާވެފައެވެ.

ހޯމްސްޓޭގެ ފުރަތަމަ ފަތުރުވެރިންގެ ތެރެއިން އެމެރިކާއަށް ނިސްބަތްވާ ޖޫލީ މެކް ވަނީ އޭނާގެ ތަޖުރިބާ ހިއްސާކޮށްފައެވެ. އެގޮތުން ޖޫލީ ބުނީ ދެ ދުވަސް ކުރިން އެ ދެމަފިރިންނަށް ހޯމްސްޓޭގެ ފުރަތަމަ ފަތުރުވެރިންނަށް ވުމަށްޓަކައި ދައުވަތު ލިބުނު ކަމަށެވެ. ރާއްޖެއިން ދުވަހަކުވެސް މީގެ ކުރިން މިފަދަ ތަޖުރިބާއެއް ކުރެވިފައިނުވާއިރު ގިނަ ފަތުރުވެރިން އަންނަނީ ރާއްޖޭގެ ލަގްޒަރީ ރިސޯޓުތަކަށެވެ. އެހެންކަމުން ރަށްތަކުގެ ދިރިއުޅުމާއި ސަގާފަތާއި ކަންތައްތަކެއް ފަތުރުވެރިނަކަށް ނޭނގެއެވެ. ޖޫލީ ބުނީ ހޯމް ސްޓޭ ފަތުރުވެރިކަމަކީ އަބަދުވެސް އެދަމަފިރިން ދަތުރުކުރުމަށް ޚިޔާރުކުރާ ގޮތް ކަމަށެވެ.

ޖޫލީ ބުނީ ދިއްގަރު ރައްޔިތުންނަކީ މިހާތަނަށް ދިމާވި އެންމެ ހިތްހެޔޮ މީހުން ކަމަށެވެ. އެމީހުންނަކީ ވެސް އެ އާއިލާތަކުގެ މީހުން ކަމަށް އިހުސާސްކޮށްދީފައިވާ ކަމަށާއި ދިއްގަރުގެ ސްކޫލާއި ސިއްހީ ނިޒާމާއި އެރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅި އެނގިގެން ހިނގައްޖެ ކަމަށެވެ. ޖުލީ ބުނީ މިއީ އައު މީހުންނާއި ބައްދަލުކޮށް، މިފަދަ ފަތުރުވެރިކަން އިޚުތިޔާރު ކުރާ މައިގަނޑު އެއް ސަބަބު ކަމަށެވެ.

ދިއްގަރުން އެ ފަތުރުވެރިންނަށް ހޫނު މަރުހަބާއެއް ކިޔާފައިވާތީ އެކަމަށް ޝުކުރު އަދާކޮށް ޖޫލީ ބުނީ ދިއްގަރު ރިހާކުރު ހަދާ ގޮތް ވެސް އެނގިއްޖެ ކަމަށެވެ. އަދި މިއީ ހަނދާނުން ފޮހެލަން ދަތި ތަޖުރިބާއެއް ކަމަށް ވެސް ޖޫލީ ބުންޏެވެ.

ހޯމްސްޓޭ ފަތުރުވެރިކަމާއެކު ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރައިގެންދާނެ ކަމަށް މިވަނީ ބެލެވިފައެވެ. ޓުއަރިޒަމް މިނިސްޓްރީން ވެސް ބުނީ ގިނަ ރަށްތަކުން ހޯމްސްޓޭ ފަތުރުވެރިކަން ފެށުމުގެ ޝައުގުވެރިކަން މިހާރު ފާޅުކޮށްފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ރަށްތަކުގައި ހޯމްސްޓޭ ފަތުރުވެރިކަން ފެށިގެންދާނެ ކަމަށެވެ.

ހޯމްސްޓޭ ފަތުރުވެރިކަމާއެކު ރަށްތަކަށް ވަންނަ އާމްދަނީ އިތުރުވެގެންދާނެއެވެ. ސަގާފީ ކަންތައްތައް ދިރުވާ އާލާ ކުރުމަށް ވެސް މިއީ ރަނގަޅު ފުރުސަތަކަށް ވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ. ހޯމްސްޓޭ ފަތުރުވެރިކަމާއެކު އެ ރަށެއް ކުރިއަރައިގެން ގޮސް، އިތުރު ވަޒީފާގެ ފުރުސަތު ވެސް ހުޅުވިގެންދާނެ ކަމަށް މިވަނީ ބެލެވިފައެވެ.

ހޯމްސްޓޭ ފަތުރުވެރިކަމަކީ ރާއްޖެއަށް މުޅިން އައު މޮޑެލްއަކަށްވީ ނަމަވެސް ރާއްޖޭގައި ވެސް މި މޮޑެލް ކާމިޔާބުކަމާއެކު ހިންގުމުގެ އުންމީދު ވަނީ ބޮޑުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
13%
34%
9%
25%
9%
9%
ކޮމެންޓް