ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރު މި ސިނާއަތަކީ ރާއްޖޭގައި ކުރިއަރަމުން އަންނަ އެންމެ ބޮޑު އެއް ސިނާއަތެވެ. އެހެންނަމަވެސް މި ސިނާއަތާމެދު އަބަދުވެސް އޮންނަ ޝަކުވާއެއް އޮވެއެވެ. މި ސިނާއަތް އަގުބޮޑުވުމާއެކު ހުރި ދަތިތަކުގެ ވާހަކައެވެ. އެހެންނަމަވެސް އައު އަހަރު ފެށިގެން މިދިޔައީ ވަރަށް ވެސް އުފާވެރި ޚަބަރަކާއެކުގައެވެ. ރާއްޖެއަށް ހޯމް ސްޓޭ ޓުއަރިޒަމް ތައާރަފުވެގެންދާނެ ކަމުގެ ފޮނި އުންމީދާއެކުގައެވެ. މިކަމުގެ ސަބަބުން އެ ރަށެއްގައި ފަތުރުވެރިކަން އިޝްތިހާރު ކުރަން ފުރުސަތު ލިބި، އެ ރަށަކަށް ވަންނަ އާމްދަނީ ވެސް އިތުރުވެގެންދާނެ ކަމަށް މިވަނީ ބެލެވިފައެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ ހޯމް ސްޓޭ ޓުއަރިޒަމް ތައާރަފުކުރުމަށް ހަމަޖެހިފައި މިވަނީ މ. ދިއްގަރުންނެވެ. މޫރިތި ގެއިން ރާއްޖޭގެ ތާރީޚީ މި ހަރަކާތް ފެށިގެންދާއިރު އެ ގޭގެ ވެރިޔާ މުހައްމަދު އަހްމަދު (ގަދަ މުހައްމަދު) ބުނީ މިއީ އޭނާގެ ހަޔާތުގައި ވެސް އެންމެ އުފާވެރި އެއް ދުވަސް ކަމަށެވެ. ދިއްގަރުގައި ޓޫރިޒަމް ފެށިގެން ދިޔުމަކީ ވަރަށް ދެކެން ބޭނުންވި ދުވަހެއް ކަމަށް އޭނާ ބުންޏެވެ.
މޫރިތި ގޭގައި މީގެ ކުރިން ވެސް އެކި ދަތުރުތަކުގައި އަންނަ ދިވެހިން މަޑުކުރާ ކަމަށާއި އެހެންނަމަވެސް އެންމެ ދެކެން ބޭނުންވި ދުވަހަކީ ފަތުރުވެރިން އެ ރަށަށް އައިސް އެ ގޭގައި ތިބޭނެ ދުވަހެއް ކަމަށް މުހައްމަދު ބުންޏެވެ. އެ ގޯތި ލިބުނުތާ 8 އަހަރުވީ ނަމަވެސް މުޅި ގެ އެއްކޮށް ހެދުމަށް ދެ އަހަރު ދުވަސް ހޭދަވިއެވެ.
މުހައްމަދު އާމްދަނީ ހޯދުމަށްޓަކައި މައިގަނޑުގޮތެއްގައި ކުރަމުން އަންނަ މަސައްކަތަކީ މަސްވެރިކަމެވެ. އޭނާ ބުނީ އެއްވެސް ލޯނެއް ނުނަގާ މަސްވެރިކަމުން ލިބުނު ފައިސާ ރައްކާކޮށްގެން އެ ގެ ހަދާފައިވާ ކަމަށެވެ. އެގޮތުން ގެއަށް ޖުމްލަ ނުވަ ލައްކަ ރުފިޔާ ޚަރަދުވެދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ހޯމް ސްޓޭއާއެކު ކުރިން ހުރި މޫރިތި ގެ އިތުރަށް ފުރިހަމަ ކުރުމުގެ މަސައްކަތް އޭނާ ފެށިއެވެ. އެގޮތުން ގޭގައި ކުލަލާ، ވަރުނީސް ލުމާއި ރީތިވާ ޒާތުގެ ކަންތައްތަކަކީ އަމިއްލައަށް ކުރި ކަންތަކެކެވެ. އެ މަސައްކަތަށް އެކަނި ވެސް ތިނެއް ނޫނީ ހަތަރު މަސް ހޭދަވި ކަމަށް މުހައްމަދު ބުންޏެވެ.
މި ގޭގައި ހުރިހާ ފަރުނީޗަރާ އެކު ތިން ކޮޓަރިއާ ހަތަރު ފާޚާނާ އާއި ބަދިގެއަކާއި ސިޓިން ރޫމެއް އެބަހުއްޓެވެ. މޫރިތި ގެއިން ވެސް އިތުރު މަންފާތަކެއް ލިބި، އާމްދަނީގެ ގޮތުން ރަށް ކުރިއަރައިގެންދާނެ ކަމަށް މުހައްމަދު ގަބޫލުކުރެއެވެ.
މުހައްމަދު ބުނީ ހޯމް ސްޓޭގެ ކަންތައްތައް މައިގަނޑު ގޮތެއްގައި ބަލަހައްޓާނީ އޭނާގެ ދޮށީ ފިރިހެން ދަރިފުޅު ކަމަށެވެ.
ދިއްގަރުގައި ހޯމްސްޓޭ ފެށުމަށް ތައްޔާރުވެފައިވާއިރު މިހާރު ވެސް ހޯމް ސްޓޭއަށް އަމާޒުކޮށް މީހުން ތަންތަން ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ހޯމް ސްޓޭ ޓުއަރިޒަމާއެކު ފަތުރުވެރިންނަށް ރާއްޖޭގެ ހިތްގައިމު ރަށްތަކުގައި ހެޔޮއަގެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. މިއީ ރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރެވޭ މޮޑެލްއަކަށްވާއިރު ސަރުކާރުން ގަބޫލުކުރަނީ މިކަމުގެ ސަބުބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާވެގެން ގޮސް ފަތުރުވެރިކަން މުޅިން އެހެން ހަރުފަތަކަށް ގެންދެވޭނެ ކަމަށެވެ.