ހައްޖު ކޯޕަރޭޝަނުން އިންތިޒާމުކުރާ ފެބްރުއަރީ މަހުގެ އުމްރާއަށް ރަޖިސްޓްރީ ކުރެވޭ ފަހު ތާރީޚަކީ، ޖެނުއަރީ 20ވަނަ ދުވަސް ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެ ކޯޕަރޭޝަނުގެ ކޮމްޕެނީ ސެކްރެޓަރީ އަބްދުﷲ ނާހިދު ވިދާޅުވީ، ފެބްރުއަރީ އުމްރާއަށް އެދި ފޯމު ހުށައެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާކަމަށެވެ. މިއަހަރު 4 އުމްރާ ދަތުރު އެ ކޯޕަރޭޝަނުން އިންތިޒާމް ކުރަމުން އަންނަ ކަމަށާއި، އެއީ ފެބްރުއަރީ މަހާއި، ރަމަޟާން މަހާއި، އޮކްޓޫބަރު މަސް އަދި ޑިސެމްބަރު މަހުގެ ދަތުރުތައް ކަމުުގައި ނާހިދު ވިދާޅުވިއެވެ.
ނާހިދު ވިދާޅުވީ، 8 އަހަރު ދުވަހުގެ ޚިދުމަތަށްފަހު މިއަހަރުގެ ތެރޭގައި ހައްޖާއި އުމްރާއަށް ދާ މީހުންނަށް ވިސާގެ ދޫކުރަން މި އަހަރު ފަށާފައިވާ ކަމަށެވެ. އެހެން އެޖެންސީތަކުން ދާ މީހުންނަށްވެސް ހައްޖު ކޯޕަރޭޝަނުން އެ ފުރުސަތު ހުޅުވާލާފައިވާކަން ނާހިދު ފާހަގަކުރެއްވިއެވެ.
ނާހިދު ވިދާޅުވީ، އުމްރާ ދަތުރުތަކަށް ޚާއްސަކޮށްގެން މިހާރު ދެ ޕެކޭޖެއް ތައާރަފްކޮށްފައިވާ ކަމަށެވެ. އެއީ ބޭސިކް އަދި ޕްރިމިއަމް ޕެކޭޖެވެ. ބޭސިކް ޕެކޭޖްގައި ދެކޮޅު ޓިކެޓާއި، ހުރުމާއި ކެއުމާއެއްކޮށް އުމްރާގެ ހުރިހާ ކަމެއް ހިމެނޭނެ ކަމަށް ނިހާދު ވިދާޅުވިއެވެ. އަދި ޕްރިމިއަމް ޕެކޭޖްގައި، ބޭސިކް ޕެކޭޖްގައި ހިމެނޭ ކަންކަމުގެ އިތުރުން ހައްޖު ކިޓް އަދި އިހުރާމް ކިޓް ލިބޭނެއެވެ. އަދި ދެ އުމްރާގެ ފުރުސަތުވެސް ޕްރިމިއަމް ޕެކޭޖް ނަގާ މީހުންނަށް ލިބޭނެ ކަމަށް ނާހިދު ވިދާޅުވިއެވެ.
މީގެ އިތުރުން ބައެއް ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުސަތުވެސް ދިނުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް ނާހިދު ވިދާޅުވިއެވެ. ކޯޕަރޭޝަންގެ ވިސްނުން ހުރީ، އިސްލާމީ ހަޟާރަތު ދައްކުވައިދޭ ތަންތަން ބަލަން ދެވޭނެ ގޮތަށް ދަތުރުތައް ރޭވުމަށެވެ.
އޮމިކްރޯނާއެކު ސައުދީން އަޅަމުންދާ ފިޔަވަޅުތަކާ އެއްގޮތަށް ކަންކަން އިންތިޒާމްކޮށް، ރައްޔިތުންނަށް އެންމެ ރަނގަޅު ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހައްޖު ކޯޕަރޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށް ނާހިދު ވިދާޅުވިއެވެ.