ކ. މާލެ
|
2 ޖެނުއަރީ 2022 | އާދީއްތަ 19:12
އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ކިއެރަން ޓްރިޕިއާ
އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ކިއެރަން ޓްރިޕިއާ
ގެޓީ އިމޭޖަސް
ޓްރިޕިއާ ހޯދަން މަސައްކަތްކުރުން
ނިއުކާސަލްއިން ޓްރިޕިއާއަށް ފާރަލަނީ
މި ޓްރާންސްފާ މާކެޓުގައި ނިއުކާސަލްއަށް 272 މިލިއަން ޑޮލަރު ޚަރަދުކުރެވޭނެ
ޓްރިޕިއާގެ ޓްރާންސްފާގެ މަޝްވަރާތައް އެތުލެޓިކޯ އާއި ނިއުކާސަލްއާ ދެމެދު ކުރިޔަށްދޭ

ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށް ކުޅެމުންދާ އިންގްލެންޑްގެ ޑިފެންޑަރު ކިއެރަން ޓްރިޕިއާއަށް ނިއުކާސަލް ޔުނައިޓެޑުން ފާރަލަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޓްރިޕިއާގެ ޓްރާންސްފާގެ މަޝްވަރާތައް އެތުލެޓިކޯ އާއި ނިއުކާސަލްއާ ދެމެދު ކުރިޔަށްދެއެވެ. އަދި މި މަޝްވަރާތައް ކާމިޔާބުވެއްޖެނަމަ ޓްރިޕިއާ ވެގެންދާނީ ޖެނުއަރީ ޓްރާންސްފާ މާކެޓުގައި ނިއުކާސަލްއާ ގުޅޭ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

އުމުރު 31 އަހަރުގެ ޓްރިޕިއާ އެތުލެޓިކޯއާ ގުޅުނީ 2019 ވަނަ އަހަރު 20 މިލިއަން ޕައުންޑުގެ ޓްރާންސްފާ ފީ އަކަށެވެ.

ޕްރިމިއާ ލީގަށް އެނބުރި ދާން ބޭނުންވާކަމަށް ބުނެފައިވާ ޓްރިޕިއާ ގެންދަން މިދިޔަ އަހަރު އާސެނަލް އާއި މެންޗެސްޓާ ޔުނައިޓަޑުން ވެސް މަސައްކަތްކުރިއެވެ. އެކަމަކު އެތުލެޓިކޯ އިން ކީ 51 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއަކަށް އެއްވެސް ކްލަބަކުން އެއްބަހެއްނުވިއެވެ.

ޕްރިމިއާ ލީގުގެ 19 ވަނައިގައި މިހާރު އޮތް ނިއުކާސަލުން ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި ރެލިގޭޝަނުން ސަލާމަތްވުމަށް ސްކޮޑު ވަރުގަދަ ކުރާނެ ކަމަށް ބެލެވެއެވެ.

ދާދި ފަހުން ސައުދީގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން ނިއުކާސަލް ގަނެފައިވާއިރު މި ޓްރާންސްފާ މާކެޓުގައި ނިއުކާސަލްއަށް 272 މިލިއަން ޑޮލަރު ޚަރަދުކުރެވޭނެއެވެ.

ޕީއައިއެފް އިން މެޖޯރިޓީ ހިއްސާއާ އެކު ނިއުކާސަލް ގަންނަން ޖުމްލަ 408 މިލިއަން ޑޮލަރު ހޭދަކުރި އެވެ. ނިއުކާސަލްގެ މެޖޯރިޓީ ހިއްސާ އޮތް ޕީއައިއެފްގެ މިލްކިއްޔާތުގައި 434 ބިލިއަން ޑޮލަރު އެބަހުއްޓެވެ.

ނިއުކާސަލްގެ އާ ބޯޑުން ޓާގެޓްކޮށްފައިވަނީ 10 އަހަރު ތެރޭ އިންގްލެންޑްގެ ޗެމްޕިއަންކަން ހޯދައި ޔޫރަޕްގެ ބާރަކަށް ވުމަށެވެ.

- ކޮމެންޓް