ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް އިސްރާއީލުގައި ކޮވިޑް ވެކްސިންގެ ބޫސްޓަރ ދެވަނަ ޑޯޒް ޖަހަން ފަށާފައިވާކަމަށް އެގައުމުގެ ސިއްހީ އޮފިޝަލުން ބުނެފިއެވެ.
ނަމަވެސް އާބާދީގެ ބޮޑު ބަޔަކަށް ބޫސްޓަރ ދެވަނަ ޑޯޒް ޖެހުމަށް އަދި ނުނިންމާކަމަށް އެގައުމުން ބުނެއެވެ. އިސްރާއީލްގެ ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިންނަށް ވަނީ ވެކްސިންގެ ހަތަރު ވަނަ ޑޯޒް ދީފައެވެ. މިއާއެކު ބޫސްޓަރ ދެވަނަ ޑޯޒް އަކާއެކު އޮމިކްރޯން ވޭރިއަންޓް ފެތުރުން ކޮންޓްރޯލްކުރެވިދާނެތޯ ބެލުމުގެ ދިރާސާތައް ފެށިގެންދާނެއެވެ. މިދިރާސާތަކުގެ ނަތީޖާ ދެ ހަފްތާ ފަހުން ލިބިގެންދާނެއެވެ.
ބޫސްޓަރ ދެވަނަ ޑޯޒް ޖަހާކަން އިއުލާންކުރައްވަމުން އިސްރާއީލްގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވިދާޅުވީ އޮމިކްރޯން ވޭރިއަންޓުން ދިފާއުވުމުގައި އިސްރާއީލުން ގެންގުޅޭ ސިޔާސަތު ވަރަށް ސާފުކަމަށެވެ. ގިނަ ކޭސްތައް ފެންނަމުންދާ ވަރަށް ވައިރަސް ޖެހުމުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އިތުރުވެ ވަރުގަދަވާނެ ކަމަށް ބެނެޓް ވިދާޅުވިއެވެ.
އިސްރާއީލުގެ ހެލްތު މިނިސްޓަރ މިދިޔަ ހަފްތާގައި ވަނީ އިސްރާއީލުން ފައިޒަރ ވެކްސިންގެ ހަތަރު ވަނަ ޑޯޒެއް ސިއްހީ މަސައްކަތްތެރިންނާއި އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ތައްޔާރުވަމުން އަންނަކަމަށް ވިދާޅުވެފައެވެ.
ނަމަވެސް ބައެއް މާހިރުން ބުނާގޮތުގައި ކޮވިޑް ވެކްސިންގެ ހަތަރު ވަނަ ޑޯޒެއް ބޭނުންވާކަން ނިންމޭނެ ފަދަ ޑާޓާތަކެއް އަދި ލިބިފައެއްނުވެއެވެ.
މީގެ އަހަރެއްކުރިން ކޮވިޑް-19 ވެކްސިން ޖަހަން ފަށާފައިވާއިރު އިސްރާއީލަކީ އާބާދީގެ ބޮޑުބަޔަކަށް އެންމެ އަވަހަށް ވެކްސިން ޖެހި ގައުމެވެ. އެހެންކަމުން އިސްރާއީލުން ފެންނަ ޑާޓާތަކާއި ދިރާސާތަކަކީ ގިނަ ގައުމުތަކުން ބަލަމުން އަންނަ ކަމެކެވެ. ބޫސްޓަރ ދެވަނަ ޑޯޒެއް ޖެހުމާމެދު ގައުމުތަކުން ގޮތެއް ނިންމުމުގައިވެސް އިސްރާއީލުން ކުރިޔަށް ގެންދާ ދިރާސާއަށް އަންނަނީ ބަލަމުންނެވެ.