Advertisement
ކ. މާލެ
|
30 މެއި 2017 | އަންގާރަ 21:51
ސްކޫލެއްގެ ދަރިވަރުންތަކެއް: ބުދަ ދުވަހުން ފެށިގެން ދެވަނަ ސެމިސްޓަރގެ ފިލާވަޅުތައް ފެށުމަށް އެޑިއުކޭޝަނުން ވަނީ އަންގާފަ
ސްކޫލެއްގެ ދަރިވަރުންތަކެއް: ބުދަ ދުވަހުން ފެށިގެން ދެވަނަ ސެމިސްޓަރގެ ފިލާވަޅުތައް ފެށުމަށް އެޑިއުކޭޝަނުން ވަނީ އަންގާފަ
މުހައްމަދު ޝަރުހާން
ތައުލީމީ ދައިރާ
ރިޕޯޓް ދިނުމާއި ހަމައަށް ކިޔަވައިދިނުމަށް އެންގުމުން ޓީޗަރުންގެ ކަންބޮޑުވުން
ފުރަތަމަ އަންގާފައިވަނީ އަންގާރަ ދުވަހު ކިޔަވައިދިނުން ފެށުމަށް
ރަމަޟާން މަސް ކަމުން ގިނަ ދަތިތަކާއި ދިމާވާނެ ކަމަށް މުދައްރިސުން ބުނޭ
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކާއި މަޝްވަރާނުކޮށް ކަންކަން ނިންމާތީ ސްކޫލްތަކުގެ ވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ

ފުރަތަމަ ޓާމްގެ ކިޔެވުން ނުނިމެނިސް ދެވަނަ ޓާމްގެ ކިޔެވުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އެންގުމުން، ޓީޗަރުން އެކަމާ ނުރުހުން ފާޅުކޮށްފިއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގާފައިވަނީ ފުރަތަމަ ޓާމްގެ އިމްތިހާނު ނިމި، ރިޕޯޓް ދިނުމާ ދެމެދު ހޭދަވާ ހަފްތާގައި ދެވަނަ ޓާމްގެ ކިޔެވުން ކުރިއަށް ގެންދިއުމަށެވެ. އަންގާރަ ދުވަހުން ފެށިގެން ދެވަނަ ޓާމްގެ ކިޔެވުން ފެށުމަށް ކުރިން އެންގި ނަމަވެސް، އެކަމާ ސްކޫލްތަކުގެ ވެރިން ދެކޮޅުހެދުމުން، މިހާރު އަންގާފައިވަނީ ބުދަ ދުވަހުން ފެށިގެން ހުރިހާ ސްކޫލެއްގައިވެސް ދެވަނަ ޓާމްގެ ސިލަބަހަށް ކިޔެވުން ކުރިއަށް ގެންދިއުމަށެވެ.

އާންމު އުޞޫލުން، ޒަމާނުއްސުރެވެސް ކަންކުރަމުން ގޮސްފައިވާ ގޮތަކީ ޓެސްޓު ނިމުމާއި، ރިޕޯޓްފޮތް ދިނުމާ ދެމެދު ހިނގާ ހަފްތާއެއްހާ ދުވަހު، ދަރިވަރުންނަށް، އާންމު ޝެޑިއުލަށްވުރެ ކުރު ޝެޑިއުލެއް ހަމަޖެއްސުމަށްފަހު، މުދައްރިސުން ޕޭޕަރު މާކުކޮށް، ރިޕޯޓްފޯމް ތައްޔާރުކުރުމެވެ. ނަމަވެސް މިގޮތަށް ލިބޭ މުއްދަތުގައި ކުރިއަށް އޮތް ޓާމުގެ ފިލާވަޅުތައް ނަގައިދޭން ފަށައިފިނަމަ، ޕޭޕަރު މާކުކުރުމާއި، ރިޕޯޓްފޯމް ތައްޔާރު ކުރުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށް މުދައްރިސުން ބުނެއެވެ. 

މި މައްސަލައިގައި ރާއްޖެއެމްވީއާ  ވާހަކަ ދެއްކި މުދައްރިސަކު ބުނީ، މިގޮތަށް އަމަލުކުރަން ފަށައިފިނަމަ، ސްކޫލުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހޭނެ ކަމަށާ، ރަސްމީ ގަޑީގައި ކިޔަވައިދިނުމަށްފަހު، ޕޭޕަރު މާކުކޮށް، ރިޕޯޓް ފޮތް ތައްޔާރުކުރަން ޖެހޭނީ އިތުރުގަޑީގައި ކަމަށެވެ. ނަމަވެސް މިއީ ރަމަޟާން މަސް ކަމުން، އެގޮތަށް ސްކޫލުގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމުން، ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށާއި، ގޭގައި ކުރަން ހުންނަ އެތައް ކަމެއް ނުކުރެވި ދާނެކަމަށެވެ. 

މީގެ އިތުރުން، ރާއްޖެއެމްވީއާއި ވާހަކަދެއްކެވި ބައެއް ސްކޫލްތަކުގެ އިސްވެރިން ވަނީ ސްކޫލްތަކާއި މާބޮޑު މަޝްވަރާކުރުމެއް ނެތި، އެޑިއުކޭޝަން މިނިސްޓްރީން ކުއްލި ނިންމުންތައް ނިންމަމުންދާތީ، އޭގެން ދަރިވަރުންނާއި، މުދައްރިސުންނަށްވެސް އެކި ކަހަލަ ދަތިތައް ކުރިމަތިވާކަން ފާހަގަކުރައްވާ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

މިމައްސަލައިގައި އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ޖޫން މަހުގެ 8 ވަނަ ދުވަހާ ހަމައަށް ކިޔެވުން ކުރިއަށްދާނެ ކަމަށް އެކަޑަމިކް ކަލަންޑަރުގައި އޮންނާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް