Advertisement
ކ. މާލެ
|
30 މެއި 2017 | އަންގާރަ 21:12
ސްރީ ލަންކާގައި ފެންބޮޑުވެ ހާލުގައި ޖެހިފައިވާ ސަރަހައްދެއްގައި ހާލުދަރަވެފައިވާ މުސްކުޅި އަންހެނަކު އުފުލާލައިގެން ގެންދަނީ
ސްރީ ލަންކާގައި ފެންބޮޑުވެ ހާލުގައި ޖެހިފައިވާ ސަރަހައްދެއްގައި ހާލުދަރަވެފައިވާ މުސްކުޅި އަންހެނަކު އުފުލާލައިގެން ގެންދަނީ
ބީބީސީ
އަވައްޓެރިން ހާލުގައި
އަވަށްޓެރިން ހާލުގައި، ދިވެހި ސަރުކާރުގެ ކަންބޮޑުވުމެއް ނެތީތަ؟
ލަންކާގައި 180 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި
ބަންގްލަދޭޝްގައި މަރުވި މީހުންގެ އަދަދު ދަނީ އިތުރުވަމުން
ދިވެހި ސަރުކާރުން ބަންގްލަދޭޝް އަށް ހަމްދަރުދީގެ މަސެޖެއް އަދި ނުފޮނުވާ

ދިވެހި ރައްޔިތުން ހާލުގައި ޖެހުނު ކޮންމެ ފަހަރެއްގައި އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދެނީ އަވަށްޓެރި ގައުމުތަކުންނެވެ. ހާއްސަކޮށް ސްރީ ލަންކާ އާއި އިންޑިއާއިންނެވެ. އެންމެ ފަހުން ދިމާވި، ފެނުގެ ކާރިސާއަށް ބަލަމާ ހިނގާށެވެ. އަވަށްޓެރި ހުރިހާ ގައުމަކުން ރާއްޖެއަށް އެހީ ފޯރުކޮށް ދިނެވެ. އެ ގައުމުތަކުގައި ސާފު ބޯފެން ފޮދެއް ނުލިބޭ އެތައް މިލިއަން މީހުން ތިބި ނަމަވެސް، ރާއްޖެއަށް ފެން ފޯރުކޮށް ދިނެވެ.

ނަމަވެސް، އަވަށްޓެރިންނަށް ހެޔޮކަމުގެ ބަދަލު ދިވެހިރާއްޖެއިން ދެނީ ކިހިނަކުންތޯ ސުވާލު އުފެދެ އެވެ. މިހާރުގެ ހާލަތަށް ބަލާއިރު، ސްރީ ލަންކާއަށް ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ގޮސް އެތައް ރައްޔިތުންނެއް މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ހާލުގައި ވަނީ ޖެހިފަ އެވެ. ބަންގްލަދޭޝް އަށް އަންގާރަ ދުވަހު އެރި ނަގޫރޯޅިން ގިނަ ބަޔަކު މަރުވެ، އެތައް ހާސް އާއިލާއެއްގެ ދިރިއުޅުން ސުންނާފަތިކޮށްލައިފަ އެވެ. އެތައް ސަތޭކަ ގެއެއް ބިމާ ހަމަވެފަ އެވެ. އެތައް ލައްކަ ބައެއް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފަ އެވެ.

އަވަށްޓެރި މި ދެ ގައުމުގެ ހާލަތު މިދަރަޖައަށް ގޮސްފައިވާއިރު، ދިވެހި ސަރުކާރުން ފޮނުވީ އާންމުކޮށް، ދުރާލައި ލިޔެފައި އޮންނަ ހަމްދަރުދީގެ މަސެޖެކެވެ. އެވަސް ހަމައެކަނި ސްރީ ލަންކާ އަށެވެ. ވާރޭވެހި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ލަންކާއިން 180 އަށް ވުރެ ގިނަ މީހުން މަރުވެ، 100 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ސްރީ ލަންކާއަށް ރަމްޒީ ގޮތުން ނަމަވެސް އެހީއެއް ފޯރުކޮށްލަ ދިނުމުގެ ވިސްނުން އައީ، ހާދިސާ ހިނގިތާ ތިން ދުވަސް ފަހުން ނެވެ. ދިވެހި ސަރުކާރުގެ މި އެހީ ފޯރުކޮށްދިނުމަށް، ފޮރިން މިނިސްޓަރު މުހައްމަދު އާސިމް އަންގާރަ ދުވަހު ވަނީ ވަޑައިގެންފަ އެވެ. ނަމަވެސް މާބޮޑަށް ލަސްވެއްޖެ އެވެ. އަޚްވަންތަ ކަމެއް ނުދެއްކުނެވެ. ސްރީ ލަންކާއިން ފޯރުކޮށްދޭ އެހީތެރިކަމުގެ ބަދަލެއް ދިންކަމުގެ އިހްސާސެއް ނުކުރެވެ އެވެ.

އެންމެ އަވަށްޓެރި ގައުމުގެ މަތިން ފުރިހަމައަށް ހަނދާންކޮށް، އެހީތެރިކަން ފޯރުކޮށްދިނުން ލަސްވެގެން ދިޔުމުން ފެނިގެންދަނީ މި ސަރުކާރުގެ އާންމު ސްޕީޑް ލަސްކަމެވެ. އަވަށްޓެރިން ހެޔޮކޮށް ހިތިޔަސް ބަދަލުގައި ހެޔޮކޮށް ނުހިތާ ކަމެވެ. ނުވަތަ ހެޔޮކޮށް ހިތުން ލަސްވެގެން ދާކަމެވެ. މި ގައުމަށް ކަމެއް މެދުވެރިވާތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މަނަރުވަރުތައް ފޮނުވައި އެ ނޫން ވެސް ގޮތްގޮތުން އަވަށްޓެރިން އެހީފޯރުކޮށްދިން ނަމަވެސް އެތަން ނުފެންނަ ތަނެވެ. 

ލަންކާ އަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުން ލަސްވެގެން ދިޔައިރު، ބަންގްލަދޭޝްގެ މަތިން އަދި ހަނދާންހުރިހެން ހިއެއް ނުވެ އެވެ. ހަމްދަރުދީގެ މަސެޖެއް ފޮނުވައެއް ނުލަ އެވެ. އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމުގެ ވިސްނުން ހުރިކަން ފެނިގެން ނުދެ އެވެ.

ދިވެހިންނަކީ ހަގީގަތުގައި ހެޔޮ ބަޔަކަށް ވިޔަސް، މި ސަރުކާރުގެ ފަރާތުން އެ ހެޔޮކަމެއް ނުދެއްކެއެވެ. މިއީ ވަރަށް ބޮޑު މައްސަލައެކެވެ. ކަންބޮޑުވުމެކެވެ. ސަރަހައްދީ ގައުމުތަކުން މިކަން ދައްނާނެއެވެ. އެ ގައުމުތައް ހާލުގައި ޖެހުނު ދުވަހު އެހީވުމުގެ ބަދަލުގައި ފަހަތު ފަޔަށް ބުރަވެފައި އޮތުމަކީ ލަދުވެތި ކަމެކެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް