ކ. މާލެ
|
28 ޑިސެންބަރ 2021 | އަންގާރަ 14:45
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ރޮއިޓަރސް
ޓްރާންޕޭރެންސީ މޯލްޑިވްސް
އޭސީސީގެ މެމްބަރުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅި ގޮތުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ޓްރާންޕޭރެންސީ މޯލްޑިވްސްއިން ބުނެފި
މެންބަރުން ކޮމިޝަނުގައި ޚިދުމަތް ކޮށްފައިވަނީ ހަމައެކަނި 10 މަސްދުވަހު
ޕާރފޯމަންސް އޮޑިޓްގައި ބެލިފައިވާ ގިނަ މަސައްކަތްތަކަކީ މިހާރުގެ މެންބަރުންގެ ކޮމިޝަނާ ހަވާލުވުމުގެ ކުރީގެ މަސައްކަތްތަކެއް
ނިޒާމީ ގޮންޖެހުންތަކަށް އެދެވޭ ބަދަލެއް ނުގެނެވޭހާ ހިނދަކު އޭސީސީގެ މަސައްކަތްތައް އެންމެ ފުރިހަމަކޮށް އަދި މިނިވަންކޮށް ކުރުމުގެ ފުރުސަތު ކުޑަވާނެ

އޭސީސީގެ މެމްބަރުންގެ މައްސަލަ ބަލައި ފިޔަވަޅު އެޅި ގޮތުގައި ބޮޑެތި މައްސަލަތަކެއް ހުރިކަމަށް ޓްރާންޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ޓްރާންޕޭރެންސީ މޯލްޑިވްސްއިން ބުނީ ޖެނުއަރީ 2015 އިން ޖުލައި 2020 އަށް، 5 އަހަރާއި 6 މަސް ދުވަހުގެ ޕާފޯމަންސް އޮޑިޓް ރިޕޯޓެއް ކުރެވުނުއިރު، މިޕާރފޯމެންސް އޮޑިޓުގެ މުއްދަތުގެ ތެރެއިން މެންބަރުން ކޮމިޝަނުގައި ޚިދުމަތް ކޮށްފައިވަނީ ހަމައެކަނި 10 މަސްދުވަހުގެ މުއްދަތަކަށްވުމުން މި ޕާރފޯމަންސް އޮޑިޓްގައި ބެލިފައިވާ ގިނަ މަސައްކަތްތަކަކީ އެ މެންބަރުންގެ ކޮމިޝަނާ ހަވާލުވުމުގެ ކުރީގެ މަސައްކަތްތަކަށް ވެފައި، މެންބަރުންގެ މަސައްކަތްތަކަށް ޖުމްލަކޮށް އަދި ވަކިވަކިން ވެސް އަލިއަޅުވާލެވިފައިނުވާ ކަަމަށެވެ.

މިނިވަން މުއައްސަސާތަކުގެ ހިންގުމާއި މަސައްކަތްތަކަށް ސީދާ ގޮތުން ނުފޫޒު ފޯރުވައި، ކޮމިޝަންތަކުގެ މިނިވަންކަމާއި މުސްތަގިއްލުކަން ގެއްލުވާލަން މަސައްކަތްކޮށްފައިވާ ކަމަށާއި، ފާއިތުވެދިޔަ އަހަރުތަކުގައި މިނިވަން މުއައްސަސާތަކުން މެންބަރުން ވަކިކޮށް، ވަކި ސިޔާސީ ފިކުރަކަށް ނިސްބަތްވާފަރާތްތައް މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް އައްޔަން ކުރުމުގެ ސަބަބުން މުއައްސަސާތަކުގެ މިނިވަންކަން އަދި މުސްތަގިއްލު ކަމާމެދު ސުވާލު އުފެދި، އެ މުއައްސަސާތަކުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަސްޖެހި ނުވަތަ އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން، އޭސީސީގެ މެމްބަރުންނަށް ބިރުދައްކާ، ވަކިކުރުމުގެ މަރުހަލާގެ ކަންކަންހިންގާފައިވަނީ އޭސީސީގެ މައްޗަށް ނުފޫޒުފޯރުވުމަށާއި އެމުއައްސަސާގެ މިނިވަންކަމަށް ބުރޫއަރާނެ ފަދަ އަމަލުހިންގުމަށް މަގުފަހިކުރުމަށް ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައިވެއެވެ. އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތައް ހައްލުކުރުމުގެ ބަދަލުގައި އަދި އޭސީސީއަށް އެ މައްސަލަތައް ހައްލުކުރުމަށް ފުރުސަތު ދިނުމެއްނެތި އަދި ހައްލުކުރުމަށް ބޭނުންވާ އެއްބާރުލުމާއި އަދި ވަސީލަތްތައް ފޯރުނުކޮށްދީ، ކޮމިޝަންގެ މެންބަރުން ވަކިކޮށް މުޅި ކޮމިޝަން އެއްކޮށް ބަދަލުކުރި ނަމަވެސް، އޭސީސީއަށް ކުރިމަތިވެފައިވާ ނިޒާމީ ގޮންޖެހުންތަކަށް އެދެވޭ ބަދަލެއް ނުގެނެވޭހާ ހިނދަކު އޭސީސީގެ މަސައްކަތްތައް އެންމެ ފުރިހަމަކޮށް އަދި މިނިވަންކޮށް ކުރުމުގެ ފުރުސަތު ކުޑަވާނެކަމަށް ޓްރާންސްޕޭރެންސީން މޯލްޑިވްސްއިން ނެރެފައިވާ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ފާއިތުވި އަހަރުތަކުގައި، ސަރުކާރާއި މަޖިލީހުން މިނިވަން މުއައްސަސާތަކާއި މެންބަރުން އައްޔަނުކުރުމުގެ މަސައްކަތް ދިގުލައި ލަސްކުރުމުގެ ސަބަބުން، ރައްޔިތުންގެ ހައްގުތަކެއްވަނީ ގެއްލިފައި ކަމަށާއި، އޭސީސީގެ މެންބަރުންގެ ގޮނޑިތައް މުއްދަތަކަށް ހުސްވުމުން ތަހުގީގުތަކަށާއި، މަސައްކަތްތަކަށް ނޭދެވޭ އަސަރުކޮށް މައްސަލަތައް އިތުރަށް ދިގުލައިގެން ދިއުމަށް މަގުފަހިވާނެ ކަމަށެެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލާފައިވަނީ، އޭސީސީގެ މަސްއޫލިއްޔަތު އަދާކުރުން މެދު ކެނޑުނަ ނުދިނުދީ، ކޮރަޕްޝަންގެ މައްސަލަތައް ބެލުން މަޑުޖެހުނަ ނުދިނުމަށްޓަކައި، އޭސީސީގެ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އައްޔަނުކުރުމުގެ މަސައްކަތް ވަގުތު ނަގާނުލާ އަވަހަށް ކުރިއަށްގެންދިއުމަށެވެ. އަދި އޭސީސީގެ މެންބަރުންނަކީ ނަޒާހާތްތެރި، އަދި ސިޔާސީ އަދި ޕާޓީތަކުގެ ނުފޫޒުން ވަކިވެފައިވާ ބައެއްކަން ކަށަވަރުކުރުމާއި، މިނިވަން މުއައްސަސާތަކާއި އެ މުއައްސަސާތަކުގެ މެމްބަރުންނަށް ކުރިމަތިކުރުވާ ސިޔާސީ އަދި ޕާޓީ ފިއްތުންތަކާއި ބިރުދެއްކުން ހުއްޓުވައި މިނިވަންކަމާ އެކު މަސައްކަތްކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށެވެ.

މިނިވަން މުއައްސަސާތައް އެ މުއައްސަސާއެއްގެ މަސްއޫލިއްޔަތު މިނިވަންކަމާއި އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ބޭނުންވާ ބަޖެޓާއި، ވަސީލަތްތަކާއި އިކުއިޕްމެންޓް މުއައްސަސާތަކަށް ފޯރުކޮށްދިނުމަށް ގޮވާލާ ކަމަށާއި، އަދި އޭސީސީގެ އިންވެސްޓިގޭޓިވް އެންޑް އިންޓެލިޖެންސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ބޮޑެތި މާލީ ކުށްތަކުގެ ތަހުގީގުތައް ހިންގާނެ ގޮތުގެ ފަންނީ ގާބިލްކަން އިތުރުކުރުމަށް އެދިފައިވެއެވެ.

މުއައްސަސާތައް ގަވާއިދުން އޮޑިޓުކޮށް، ކުރެވޭ އޮޑިޓުތަކަކީ އެ މުއައްސަސާތަކުން ކުރާ މަސައްކަތްކަށް ފުރިހަމައަށް އަލިއަޅުވާލެވޭ އޮޑިޓުތަކެއްކަން ޔަގީންކޮށް، އަދި އެ އޮޑިޓުތަކުން ފާހަގަވާ ކަންކަން ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތަކީ، މަތި އޮމާންކުރުމަށް އަޅާ ފިޔަވަޅުތަކަކަށް ނުހެދުމަށް ވެސް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގޮވާލާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް