ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ "ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކް ޑިވެލޮޕަމަންޓް ޕްރޮޖެކްޓް" ޖަޕާން ސަރުކާރުން 25 މިލުޔަން ޑޮލަރު ހިލޭ އެހީގެ ގޮތުގައި ދީފިއެވެ.
ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ގްރާންޓް އެގްރިމަންޓްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރެވެ.
ޑިޖިޓަލް ޓެރެސްޓްރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިންގ ނެޓްވަރކް ޑިވެލޮޕަމަންޓް ޕްރޮޖެކްޓަކީ 36 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެކެވެ.
މި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ މަޝްވަރާތައް 2014 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ކަމަށެވެ. އަދި މި ޕްރޮޖެކްޓަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭ ޕްރޮޖެޓެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ މިއީ މިހާތަނަށް ޖަޕާން ސަރުކާރުން ރާއްޖެ އަށް ދިން އެންމެ ބޮޑު ހިލޭ އެހީ ކަމަށެވެ. އަދި މި ޕްރޮކެޓް ކުރިއަށް ގެންދާނީ ދިވެހި ސަރުކާރުން ބަޖެޓުން ވެސް ކޮންމެވެސް ވަރެއް ލައިގެން ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު ވިދާޅުވީ މި ޕްރޮޖެކްޓް ކުރިއަށް ގެންދާނީ ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މޯޑިއާއިން ކަމަށެވެ.
ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ މި ޕްރޮޖެ 23 މަސްދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވީ ނަމަވެސް އޭގެ ކުރިން މި ޕްރޮޖެކްޓް ނިންމާލެވޭނެ ކަމަށެވެ.
މި ޕްރޮޖެކްޓްގެ ދަށުން 10 ވަރަކަށް ޗެނަލްގެ ޚިދުމަތް ދެވޭނެ ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ޗެނަލްތައް ވެގެންދާނީ ޕްރައިވެޓް ޗެނަލް ތަކަކަށް ކަމަށް ޚަލީލް ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ މި ނިޒާމުގެ ތެރެއިން، މޫސުމީ ބަދަލުތަކާއި އެކި ކާރިސާތަކާ ގުޅިގެން ފޯރުކޮށްދޭންޖެހޭ މަޢުލޫމާތުތައް ވަގުތުން ފޯރުކޮށްދެވޭނެ ކަމަށާއި އަދި މި ނިޒާމަކީ ސެޓްލައިޓާ ނުލައި ޓެރެސްޓްރިއަލް އެންޓަނާތަކެއްގެ އެހީގައި ފޯރުކޮށްދޭ ޚިދުމަތެއް ކަމަށެވެ.