ކޮމަންޑޫ ދާއިރާގެ ޕާލިމަންޓަރީ ބައި-އިލެކްޝަން ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ނަން ހުށަހަޅާފައިވަނީ އެންމެ ބޭފުޅެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.
ނަން ހުށަހަޅާފައިވަނީ ށ. ފޯކައިދޫ މުހައްމަދު ރާޝިދެވެ. އޭނާއަކީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.
ޕްރައިމަރީއަށް އިތުރު މީހަކު ކުރިމަތި ނުލާތީ އެމްޑީޕީގެ ޕްރައިމަރީއެއް ނޯންނާނެ އެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން މިބާއްވަނީ އެދާއިރާގައި ހުންނެވި މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާ ގުޅިގެންނެވެ. ހުސައިން ވަހީދު އަވަހާރަވެފައިވަނީ ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ. އޭނާ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް، ޑިސެންބަރު މަހުގެ 13 ވީ ހޯމަ ދުވަހުގެ މެންދަމު 1:25ހާއިރުއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ށ)ގެ މަތީން، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުންނަށް އެ ފުރުސަތު، ޑިސެމްބަރު 16ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:30ން ފެށިގެން ޑިސެމްބަރު 30ވާ ބުރާސްފަތި ދުވަހުގެ ހަވީރު 3:00އާ ހަމައަށްވަނީ ހުޅުވާލާފައިވެއެވެ. އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ފޮނުވާނީ، ޑިސެންބަރު 16ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 8:30ން ފެށިގެން، ޑިސެންބަރު 30ވާ ބުރާސްފަތި ދުވަހުގެ ހަވީރު 3:00އާހަމައަށް، އިލެކްޝަންސް ކޮމިޝަންގެ އީމެއިލްއަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، ފެބުރުވަރީ 5ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00ން ހަވީރު 4:00އަށެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު، ވޯޓު ނަގާ ނިމޭތާ 30 މިނެޓުގެ ތެރޭގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ ފެބުރުވަރީ 10ވާ ބުރާސްފަތި ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ މީހުން ހުށަހަޅަންޖެހޭ އެޕްލިކޭޝަން ފޯމާއި، ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތަކާބެހޭ މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން ލިބެން ހުންނާނެއެވެ. އަދި ކޮމިޝަންގެ ވެބްސައިޓުން ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.