އިނގިރޭސި ލީގު ކަޕުގެ ކުއާޓާ ފައިނަލުގައި ތިންވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ސަންޑަލެންޑް ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލަށް އާސެނަލް ދަތުރުކޮށްފިއެވެ.
އަންގާރަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ ސަންޑަލެންޑް އަތުން 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
މި މެޗުގައި އާސެނަލުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 17 ވަނަ މިނެޓުގައި އެޑްވާޑް އެންކެޓިއޭ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ 10 މިނެޓު ފަހުން އާސެނަލުގެ ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ނިކޮލަސް ޕެޕޭއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ސަންޑަލެންޑުން ފަރަގު ކުޑައިރު، މެޗުގެ 31 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ނޭތަން ބްރޯޑްހެޑެވެ.
މި މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް އާސެނަލުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މި ހާފުގެ ކުރީކޮޅު ދެ ލަނޑު ޖަހައި އެ ޓީމުގެ އެންކެޓިއޭ ވަނީ ހެޓްރިކެއް ހަދާފައެވެ. ދެން މި މެޗުގައި އާސެނަލުން ކާމިޔާބުކުރި އަނެއް ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އުމުރުން 18 އަހަރުގެ ފޯވާޑް ޗާލީ ޕަޓީނޯއެވެ. މި މެޗުގައި ޕަޓީނޯ ލަނޑެއް ޖެހިއިރު، މިއީ އޭނާ އާސެނަލުގެ ސީނިއާ ޓީމަށް ކުޅެދިން ފުރަތަމަ މެޗެވެ.
މި މެޗުން މޮޅުވެ މުބާރާތުގެ ސެމީގެ ޖާގައެއް އާސެނަލުން ހޯދިއިރު، މި މުބާރާތުގެ ކުއާޓާގެ އަނެއް ތިން މެޗު ކުޅޭނީ ބުދަ ދުވަހުގެރެއެވެ. އެގޮތުން ބުދަ ދުވަހުގެރޭ ބްރެންޓްފޯޑާއި ޗެލްސީ ބައްދަލުކުރާއިރު، ލިވަޕޫލް ނުކުންނާނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ. އަދި ޓޮޓެންހަމް ހޮޓްސްޕާ ވާދަކުރާނީ ވެސްޓް ހޭމް ޔުނައިޓެޑާއެވެ.