ވޭތުވެދިޔަ 4 މަހާއި 10 ދުވަހަށް ފަހު އައްޑޫސިޓީން ކޮވިޑް-19ށް މީހަކު ޕޮޒިޓިވް ނުވާ ހަމައެކަނި ދުވަހަކީ އިއްޔެއެވެ. އިއްޔެ އައްޑޫގައި މި ބަލިން ރަނގަޅުވި މީހުންގެ އަދަދަކީ 3 އެވެ. ރަނގަޅުވި މީހުންގެ ތެރޭގައި ކޮވިޑް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދިން މީހަކު ވެސް ހިމެނެއެވެ. މިވަގުތު އައްޑޫގައި ކޮވިޑް ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 53 އެވެ. މިވަގުތު ކޮވިޑް ހޮސްޕިޓަލުގައި އެއްވެސް މީހަކު އެޑްމިޓް ކޮށްފައެއް ނުވެއެވެ. އައްޑޫގެ އެކްޓިވް ކޭސް ތަކަށްބަލާއިރު އެންމެ ގިނަ ބަޔަކު ޕޮޒިޓިވް ވެފައިވަނީ ހިތަދޫގައެވެ. އެއީ 44 މީހުންނެވެ. އޭގެ އިތުރުން މަރަދޫގައި 5 މީހަކު، މީދޫގައި 2 މީހަކު އަދި ފޭދޫގައި ވެސް 2 މީހަކު މިބައްޔަށް ޕޮޒިޓިވް ވެފައިވެއެވެ. މިވަގުތު އައްޑޫސިޓީގައި ކަރަންޓީނު ކުރެވިފައިވާ އެއްވެސް ތަނެއް ނެތެވެ. އިއްޔެ ވެސް 107 މީހެއްގެ ސާމްޕަލް ނަގައި ޓެސްޓު ކުރެވިފައިވާ ކަމަށް އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުން މަޢުލޫމާތު ދެއްވައެވެ.
އައްޑޫގެ ކޮވިޑްގެ ޙާލަތު ވަރަށް ބޮޑަށް ހަމައަކަށް އެޅިފައިވާތީ ސިޓީގެ އަވަށްތައް މޮނިޓަރިން އިން ނަގައިދިނުމަށް އެދި އައްޑޫސިޓީ ކައުންސިލުން ވަނީ އެޗްޕީއޭގައި އަނެއްކާވެސް އެދިފައެވެ. މިދިޔަ އޮގަސްޓް މަހުން ފެށިގެން އައްޑޫ މޮނިޓަރިންގައި އޮންނައިރު ވަނީ ރައްކާތެރިވުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން ވިޔަފާރިތަކަށާއި އެހެނިހެން ފަރާތްތަކަށް ވެސް ގެއްލުންވެ ކަންކަން ކުރުމަށް ހުރަހަކަށް ވެފައިވާތީ ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ލިބެމުން އަންނަ ކަމަށް އައްޑޫސިޓީގެ މޭޔަރ ޢަލީ ނިޒާރު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ އަދި މަރަދޫ ފޭދޫއާއި ފޭދޫ މޮނިޓަރިންއަށް ލީ މިދިޔަ އޯގަސްޓު މަހުގެ 28 ގައެވެ. ސިޓީގެ ހުޅުމީދޫ މޮނިޓަރިންއަށް ލާފައިވަނީ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
ކޮވިޑްގެ ހާލަތުން އަރައިގަތުމަށްޓަކައި ނޮވެންބަރު މަހުގެ ފަހުކޮޅު ވަނީ އައްޑޫގައި އިތުރު ފިޔަވަޅުތައް އަޅަންފަށާފައެވެ.
އެގޮތުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އެއްގެއިން އަނެއް ގެއަށް ޒިޔާރާތް ކުރުން މަނާ ކުރުމާއި އާއްމު އެއްވުންތަކާއި ހަރަކާތްތައް ނުބޭއްވުމާއި ސްކޫލްތަކުގެ ކިޔެވުން ފިޔަވައި އިތުރު ހަރަކާތްތައް މަޑު ޖައްސާލުމަށާއި ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 ޖެހުމާ ހަމައަށް، ކުރިން ވެސް އޮތްގޮތަށް ކާފިއު ދެމެހެއްޓުމަށް ނިންމާފައިވެއެވެ.
ކޮވިޑް- 19 ގައި އައްޑޫން މިހާތަނަށް 13 މީހަކު ވަނީ ނިޔާވެފައެވެ.