ރާއްޖޭގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށް ސަމާލުވުމަށް އޮސްޓްރޭލިއާ އާއި އިނގިރޭސިވިލާތުން އެގައުމުގެ ދަތުރުވެރިންނަށް އަންގައިފި އެވެ.
އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ މުއައްސަސާތަކާއި އަދި ބޭރު މީހުން ގިނައިން ގޮސް އުޅޭ ފަދަ ތަންތަނަށް ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށެވެ. މީގެ އިތުރުން ބުނެފައިވަނީ އޮސްޓްރޭލިއާއާއި އޮސްޓްރޭލިއާގެ ރައްޔިތުންނަކީ، އިސްލާމިކް ސްޓޭޓް (އައިއެސް) އިން ހަމަލާދޭން ބޭނުންވާ ޓާގެޓެއް ކަމަށެވެ.
އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް އިން ވަނީ އެހެން ގައުމެއްގެ ރައްޔިތުންނަށް އަމާޒުކޮށްދޭ ހަމަލާއަކުން ވެސް ގެއްލުމެއް ލިބިދާނެތީ އެފަދަ ހަމަލާތަކަށް ސަމާލުވެގެން ދަތުރުފަތުރު ކުރުމަށް އެގައުމުގެ ރައްޔިތުންނަށް އަންގާފަ އެވެ.
އިނގިރޭސިވިލާތުގެ ސަރުކާރުން ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީގައި ވެސް ވަނީ ހަމަ އެއް ވާހަކަތަކެކެވެ. އެގޮތުން އައިއެސް އިން ހިންގަމުންދާ އަމަލުތަކުން ހިތްވަރު ލިބިގެން ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަމަލާތައް ދެމުންދާކަން ފާހަގަކޮށް، އިނގިރޭސީ ސަރުކާރުން ވަނީ ރާއްޖެއަށް ދަތުރުކުރުމުގައި ޓެރަރިސްޓް ހަމަލާއަކަށް ސަމާލުވުމަށް އެގައުމުގެ ރައްޔިތުންނަށް އަންގާފަ އެވެ.
އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއިން މިފަދައިން އެޑްވައިޒަރީ ނެރެފައިވާއިރު، އޭޕްރީލް މަހުގެ 24 ވަނަ ދުވަހު ފުލުހުން ވަނީ ބޮން ތައްޔާރުކުރަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފަ އެވެ. އެމީހުން ރާވަމުން ދިޔައީ މާލޭގެ ބައެއް ސަރަހައްދުތަކުގައި ބޮން ގޮއްވުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޓެރަރިޒަމާއި ގައުމީ ސަލާމަތަށް ނުރައްކާ ކުރުމުގެ މައްސަލައެއް ކަމަށް ބުނެ ކޯޓު އަމުރެއްގެ ދަށުން ތިން ގެއެއް ބަލާފާސްކޮށް، ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
ގެތައް ބަލާފާސްކޮށް، ގޮވާތަކެތި ތައްޔާރުކުރުމަށް ބޭނުންކުރާ ކެމިކަލް ކަމަށްވާ ޓްރައިނައިޓްރޯޓޮލުއީން (ޓީއެންޓީ) 10 ކިލޯއަށްވުރެ ގިނައިން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. މީގެ އިތުރުން ބަލާފާސްކުރި ތަންތަނުން ވަޔަރުތަކާއި، ޕްރެޝާ ކުކަރަކާއި، ފޯނެއްގެ އިތުރުން ބޮން ހެދުމަށް ބޭނުން ކުރާ ބައެއް އާލާތްތައް ފުލުހުން އަތުލައިގަތެވެ.