Advertisement
ކ. މާލެ
|
29 މެއި 2017 | ހޯމަ 20:01
އަދީބު ދޫނިދޫއިން މާލެ ގެންނަނީ، އާއިލާއާއި ވަކީލުން ބުނާ ގޮތުގައި ސިއްޚީ ހާލަތު ވަރަށް ގޯސް
އަދީބު ދޫނިދޫއިން މާލެ ގެންނަނީ، އާއިލާއާއި ވަކީލުން ބުނާ ގޮތުގައި ސިއްޚީ ހާލަތު ވަރަށް ގޯސް
ރާއްޖެ އެމްވީ
އަދީބުގެ ސިއްހީ ހާލަތު
ބޭސްފަރުވާ އަށް އަދީބު ބޭރަށް ފޮނުވުމަށް ހުއްދަ ދޭނެ ފަރާތެއް އޮޅިއްޖެ!
ފުލުހުން ބުނަނީ އަދީބާ މެދު ގޮތް ނިންމާނީ ކަރެކްޝަނުން ކަމަށް
ކަރެކްޝަނުން ބުނަނީ އަދީބާ މެދު ގޮތް ނިންމުމުގެ ބާރު އޮތީ ފުލުހުންނަށް ކަމަށް
އަދީބުގެ ސިއްޚީ ހާލަތު ވަރަށް ދަށް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ސީރިއަސް ސިއްޚީ މައްސަލަތަކެއް ކުރިމަތިވެ ބޭސްފަރުވާއަށް ފޮނުވައިދިނުމަށް އާއިލާއިން އެދިފައިވާއިރު، އެކަމަށް ހުއްދަ ދޭނީ ކޮން ފަރާތަކުން ކަމާމެދު ސުވާލު އުފެއްދިއްޖެ އެވެ.

އަދީބުގެ ޢާއިލާއިން މިމަހުގެ 22 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 24 ވަނަ ދުވަހު އެމަނިކުފާނު ޖަލުގައި ހައްޔަރު ކުރެވުނު ފަހުން ވޭތުވެދިޔަ މުއްދަތުގައި ބޮޑެތި ސިއްޙީ މައްސަލަތަކަކާ ކުރިމަތިލައްވަން އަދީބަށް ޖެހިވަޑައިގެންފައިވާ ކަމަށެވެ.

އާއިލާއިން ބުނެފައިވާ ގޮތުގައި އަދީބަށް ދިމާވެފައިވާ ސިއްޙީ މައްސަލަތަކުގެ ތެރޭގައި އެތެރެހަށީގައި ސިސްޓެއް އުފެދިފައި ވުމާއި، ކިޑްނީގައި ހިލަ އުފެދިފައިވުމުގެ އިތުރުން ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމުގައިވާ "ގްލޮކޮމާ" އެމަނިކުފާނަށް ޖެހިފައިވާކަމަށް މާލެއިން ހެދި ޓެސްޓް ތަކުން ކަށަވަރުވެފައިވާ ކަމަށެވެ.

ބޭސްފަރުވާ ކުރުމަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވައިދިނުމަށް އެދި އާއިލާއިން ވަނީ ފުލުހުންނަށާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ސިޓީ ފޮނުވާފަ އެވެ. އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމްތަކެއް އިއްވާފައިވާއިރު، އެ ހުކުމްތައް ތަންފީޒް ކުރައްވަމުން ގެންދެވީ މާފުށީ ޖަލުގަ އެވެ. ނަމަވެސް، މިއަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހު ފުލުހުން ބެލުމުގެ ދަށަށް އަދީބު ބަދަލުކޮށް، ދޫނިދޫގައި ވަނީ ބަންދުކޮށްފަ އެވެ. 

އަދީބުގެ އާއިލާއިން ފުލުހުންނަށް ފޮނުވި ސިޓީގެ ޖަވާބުގައި ފުލުހުން ބުނެފައިވަނީ "އަހުމަދު އަދީބު އަބްދުލްޣަފޫރަކީ ޖިނާއީ ކުށުގެ މައްސަލައެއްގައި ޝަރުއީ ކޯޓަކުން ކުރައްވާފައިވާ ހުކުމަކާއި ގުޅިގެން ބަންދުކުރައްވާފައި ހުންނަ ބޭފުޅަކަށްވާތީ، އެބޭފުޅާއަށް ބޭސްފަރުވާ ކުރެއްވުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދެއްވުމަށް އެދި ދަންނަވަންޖެހޭނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި ކަމަށް ފެންނަ ވާހަކަ ދަންނަވަން" ކަމަށެވެ. 

މިމަހުގެ 18 ވަނަ ދުވަހު އަދީބުގެ އަނބިކަނބަލުންނަށް ފުލުހުން ފޮނުވި ޖަވާބުގައި އެފަދައިން ބުނެފައިވީ ނަމަވެސް، ފުލުހުންގެ ވާހަކަތަކާއި ކަރެކްޝަނުގެ ވާހަކަތައް ދިމައެއް ނުވެ އެވެ. ރާއްޖެއެމްވީ އިން ކަރެކްޝަނުގެ މީޑިއާ އޮފިޝަލްއާ ސުވާލުކުރުމުން އޭނާ ވިދާޅުވީ އަދީބު މިހާރު ހުންނެވީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެހެންކަމުން އަދީބާ ގުޅޭ ކަންކަން ނިންމުމުގެ އިހުތިސާސް އެ ސާވިސް އަށް ލިބިގެން ނުވާ ކަމަށެވެ. އަދި ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމާ މެދު މި ހާލަތުގައި ގޮތް ކަނޑައަޅާނީ ފުލުހުން ކަމަށް ކަރެކްޝަނުގެ މީޑިއާ އޮފިޝަލްވިދާޅުވި އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ ފުރަތަމަ ކަމަކަށް އަދީބު ބަންދުކޮށްފައި ބަހައްޓަންޖެހޭނީ ހުކުމް ތަންފީޒް ކުރާ ޖަލެއްގައި ކަމަށާއި، ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް ދޫނިދޫގައި އަދީބު ބަންދުކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށެވެ.

ސިރާޖު ވިދާޅުވީ އަދީބުގެ ސިއްޚީ މައްސަލަތަކާ ގުޅިގެން ފުލުހުންނާއި ކަރެކްޝަނުން ޒިންމާ ނަގަން ބޭނުން ނުވިޔަސް މިއީ ވަރަށް ސީރިއަސް ކަމެއް ކަން ދަންނަން ޖެހޭ ކަމަށެވެ. އެގޮތުން ގްލޮކޮމާ ޖެހި އަދީބުގެ ލޮލުގެ ފެނުމަށް މިހާރު އަސަރު ކުރަމުންދާ ކަމަށެވެ. އަދި އަދީބުގެ ހަށިގަނޑުގައި ތިން ސިސްޓެއް ނަގާފައިވާކަން މެޑިކަލް ރިޕޯޓްތަކުން އެނގޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިރާޖު ވިދާޅުވީ އެހެން ގައިދީންނަށް ވެސް ބޭސްފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދޭ ފަދައިން އަދީބުގެ ހާލަތާ މެދު ސީރިއަސްވެ އަދީބަށް ވެސް އެ ފުރުސަތު ދިނުމަށް އެެދިވަޑައިގަންނަވާ ކަމަށެވެ. 

ރަމަޟާން މަހާ ދިމާކޮށް ބައެއް ގައިދީންނަށް ލުއިދޭ އުސޫލުގެ ދަށުން އަދީބަށް ވެސް ލުއި ދެއްވުމަށް އެދި ކޮމިޝަނަ އޮފް ޕޮލިސް އަހުމަދު އަރީފަށާއި ކޮމިޝަނަ އޮފް ޕްރިޒަންސް އަހުމަދު ޝިހާންއަށް ސިރާޖު ވަނީ ސިޓީއެއް ވެސް ފޮނުއްވާފަ އެވެ. އެ ސިޓީގައި ވެސް އެދިވަޑައިގެންފައިވަނީ އަދީބުގެ ސިއްޚީ ހާލަތު ހުރި ގޮތުން ލުޔެއް ދެއްވުމަށެވެ.

ނައިބު ރައީސްގެ މަގާމުގައި ހުންނަވަނިކޮށް އަދީބު ހައްޔަރުކުރިއިރު، ތަހުގީގު ހިންގި މަރުހަލާގައިވެސް ސިއްޚީ މައްސަލަތަކެއް ކުރިމަތިވި އެވެ. އެހެންނަމަވެސް، ވަރަށް ގިނަ ދުވަސް ވަންދެން މާލެ ނުގެނެސް ދޫނިދޫއަށް ޑޮކްޓަރުންނާއި މެޝިނަރީޒް ގެންގޮސްގެން ފަރުވާ ދީފައިވެ އެވެ. ނަމަވެސް، މިފަހުން އަދީބު ޑޮކްޓަރަށް ދެއްކުމަށް މާލެ ގެންނަމުންދެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
29 މެއި 2017 | ހޯމަ 17:58
ވަލަކޭ
އަދީބަށް އެއްވެސް ތާކަށް ދެވޭނީ ފޮރުވާގެން ގެންގުޅޭ ލާރިކޮޅު ދިނީމާ. އޭގެ ކުރިން އަތެއް ފަޔެއް ހިރިލިއަވެސް ނުދޭން މިތިބީ