ވޭތުވެ ދިޔަ 3 އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރުވެފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ، "ރޯގާގެ ގޮތުގައި ފެތުރެމުންދާ ބަލިތަކުގެ ހާލަތު ނޮވެންބަރު 2021" ގައި ބުނެފައިވަނީ ވޭތުވެ ދިޔަ 3 އަހަރާ (2020-2018) އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ އޮކްޓޫބަރު މަހާ އަޅާބަލާއިރު ނޮވެންބަރު މަހު އަރިދަފުސް ރޯގާޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ދަށްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، އަރިދަފުސް ރޯގާ ޖެހިގެން އޮކްޓޫބަރު މަހު 30483 ކޭސް ރިޕޯޓުކޮށްފައިވެއެވެ. އަދި ނޮވެންބަރު މަހު 19598 ކޭސް ރިޕޯޓުކޮށްފައިވެއެވެ.
އެޗްޕީއޭއިން ބުނީ މިއަހަރުގެ އޮކްޓޯބަރު މަހާ އަޅާ ބަލާއިރު ނޮވެންބަރު މަހު އިންފުލުއެންޒާގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރެވުނު އަދަދު މަދުވެފައިވާ ކަމަށެވެ. މީގެތެރެއިން ޕޮޒިޓިވް ވެފައިވާ އަދަދު ވެސް ދަށަށް ގޮސްފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެހެންކަމުން ނިސްބަތުން ނޮވެމްބަރު މަހު ޕޮޒިޓިވިޓީ ވަނީދަށްވެފައެވެ. އެއީ އިންފުލުއެންޒާއަށް މިއަހަރުގެ މިހާތަނަށް ޓެސްޓުކޮށްފައިވަނީ 3757 މީހުންނެވެ. އަދި ޕޮޒިޓިވްވެފައިވަނީ 875 މީހުންނެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ ވޭތުވެ ދިޔަ 3 އަހަރާ (2020-2018) އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު އިތުރުވެފައިނުވާ ކަމަށެވެ. އަދި މިދިޔަ އޮކްޓޫބަރު މަހާ އަޅާބަލާއިރު ނޮވެންބަރު މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ދަށް ވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، އޮކްޓޫބަރު މަހު 1717 ކޭސް ރިޕޯޓުކޮށްފައިވާއިރު، ނޮވެންބަރު މަހު ރިޕޯޓު ކޮށްފައިވަނީ 1240 ކޭހެއެވެ.
ޑެންގީ ހުމުގެ ހާލަތާ ބެހޭ ގޮތުން އެޗްޕީއޭއިން ބުނީ ވޭތުވެ ދިޔަ 3 އަހަރާ (2018-2020) އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދު ވެސް މަދުވެފައިވާ ކަމަށެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން އޮކްޓޫބަރު މަހު ރިޕޯޓުކޮށްފައިވަނީ 10 ކޭހެވެ. އަދި ނޮވެންބަރު މަހު ރިޕޯޓުކޮށްފައިވަނީ 22 ކޭހެވެ.
މި ދުވަސްވަރު މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މަދު ކަމުގައި ވީނަމަވެސް ޑެންގީ އާއި ޗިކުންގުންޔާ ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަކީ މުހިއްމުކަމެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.