Advertisement
ކ. މާލެ
|
10 ޑިސެންބަރ 2021 | ހުކުރު 16:43
ބޮޑު ކަންނެލި މަސްވެރިން ކުރިއަށްގެންދާ މުޒާހަރާގައި ރައީސް ބައިވެރިވެވަޑައިގަތުން
ބޮޑު ކަންނެލި މަސްވެރިން ކުރިއަށްގެންދާ މުޒާހަރާގައި ރައީސް ބައިވެރިވެވަޑައިގަތުން
ރައީސް އޮފީސް
ބޮޑު ކަންނެލި މަސްވެރިންގެ ކަންބޮޑުވުން
ބޮޑު ކަންނެލި މަސްވެރިންގެ ޝުއޫރުތައް ރައީސް އަޑުއައްސަވައިފި
ބޮޑު ކަންނެލި ކިރާ އަގު މަތިކުރަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވި
މަސް ވިއްކޭނެ މާކެޓުތައް ފުޅާކުރަން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވި
18 އައިސްޕްލާންޓެއްގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެއްވި

ބޮޮޑު ކަންނެލި މަސްވެރިންނަށް ދިމާވާ އެކި ގޮންޖެހުންތަކަށް ހައްލު ހޯދައިދޭން މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ކ. ގާފަރަށް ވަޑައިގަތް ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން އިންތިޒާމު ކޮށްގެން ބޭއްވި ޝުއޫރު ފާޅުކުރުމުގައި ބައިވެރިވެވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ މަސްވެރިންގެ ހުރި ކަންބޮޑުވުންތައް އަޑުއައްސަވައި، އެކަންކަމަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ބޮޑު ކަންނެލި ކިރާ އަގު ދަށްވުމަކީ މަސްވެރިންގެ ބޮޑު ކަންބޮޑުވުމަކަށް ވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ބޮޑު ކަންނެލި ކިރާ އަގު މައްޗަށް ޖެއްސުމަށް ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިތުރު ގައުމުތަކަށް މަސް ވިއްކޭނެ އިންތިޒާމު ހަމަޖައްސައިދީ، މާކެޓް ފުޅާކުރަން މަސައްކަތްކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން، ބާނާ މަސް ތާޒާކަން މަތީ ދަމަހައްޓައި ކޮލިޓީ ހިފެހެއްޓުމަށް ބޭނުންވާ އައިސް ފޯރުކޮށްދިނުމަށް އިތުރު 18 އައިސް ޕްލާންޓް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މާލެ ސަރަހައްދުގައި ބަނދަރު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޗްޑީސީއާ ގުޅިގެން މަޝްވަރާތަކެއް ކުރެވެމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ގާފަރަށް ވަޑައިގެންފައިވާއިރު، ގާފަރުގައި ސަރުކާރުން ގާއިމުކޮށްފައިވާ 25 ޓަނުގެ އައިސް ޕްލާންޓް ރަސްމީގޮތުން ހުޅުވައިދެއްވުމަށާއި، ދެ ޖިންސުގެ ބޭފުޅުންނަށް އަމާޒުކޮށްގެން ބާއްވާ މަސްކެނޑުމުގެ މުބާރާތް ޝަރަފުވެރި ކޮށްދެއްވުމަށާއި، ފިޝަރީސް އެކްސްޕޯ ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ގާފަރުގައި ގާއިމްކޮށްފައިވާ އައިސް ޕްލާންޓު ހުޅުވުމުގެ އިތުރުން ހއ. ހޯރަފުށި, ފެލިވަރު އަދި ރ. މަޑުއްވަރީގައި ގާއިމްކޮށްފައިވާ އައިސް ޕްލާންޓުވެސް ހުކުރު ދުވަހުގެ ހަވީރު ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް