ކ. މާލެ
|
6 ޑިސެންބަރ 2021 | ހޯމަ 19:27
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް
ޔޫސުފް ސޮފްވާން ރަޝީދު
ވަޒީފާއިން ވަކިކުރި ޒުވާން އާބާދީ
ކޮވިޑުގެ ތެރޭގައި ވަޒީފާއިން ވަކިކުރި ޒުވާން އާބާދީގެ %72އަކީ ރިސޯޓު މުވައްޒަފުން
 
3،769 މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައި

ކޮވިޑްގެ ތެރޭގައި ވަޒީފާއިން ވަކިކުރި ޒުވާން އާބާދީގެ 72 އިންސައްތައަކީ ރިސޯޓު މުވައްޒަފުން ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އާންމުކޮށްފައިވާ ރިޕޯޓުން ދައްކާގޮތުން ޖުމްލަ 3،769 މުވައްޒަފުން ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އޭގެތެރެއިން 1،889 މީހުންނަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވާ މީހުންނެވެ. 6,490 މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލާފައިވާއިރު، އޭގެތެރެއިން 2،845 މީހުންނަކީ ރިސޯޓު މުވައްޒަފުންނެވެ. އަދި ގެސްޓް ހައުސްތަކުގައި މަސައްކަތް ކުރި 823 މީހަކު ވެސް ވަނީ ނޯޕޭ ލީވްއަށް ފޮނުވާލާފައެވެ.

ކޮވިޑާ ގުޅިގެން ފަތުރުވެރިކަމުގެ ސިނާއަތަށް އަސަރުކޮށްފައިވާއިރު، 30 އިންސައްތަ ނުވަތަ 54،000 ވަޒީފާ ވަނީ ނުސީދާ ގޮތުން މި ސިނާއަތާ ގުޅިފައެވެ. އެހެންކަމުން 12 އިންސައްތަ ނުވަތަ 12،000 ވަޒީފާއަށް އަސަރު ކުރި ކަަމަށް ވަނީ ލަފާކޮށްފައެވެ. އޭގެ ތެރޭގައި ޑައިވިންގއާއި ވޯޓަރ ސްޕޯޓްސްއާއި ޓްރެވަލް އެޖެންސީތަކާއި ޓުއަރ އޮޕަރޭޓަރުންނާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ މީހުންނަށް މިކަމުގެ އަސަރު ވަނީ ކޮށްފައެވެ.

އެހެންނަމަވެސް ކޮވިޑުގެ ހާލަތުގައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށްޓަކައި ސަރުކާރުން ވަނީ އެފަދަ ވިޔަފާރިތަކަށް އެކި ލޯނުތައް ހަމަޖައްސައިދީ، ވިޔަފާރީ ދެމެހެއްޓުމަށްޓަކައި ގިނަ ތަންތަނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

ވަޒީފާއިން ވަކިކޮށްފައިވާ މީހުންގެ ތެރެއިން އުމުރުން ދުވަސްވީ މީހުންގެ އާބާދީއަށްވުރެ، ވަޒީފާ އިން ވަކިކޮށްފައިވާ ޒުވާން އާބާދީގެ ނިސްބަތް ވަނީ އިތުރުވެފައެވެ. ސަބަބެއް ކަަމަށް ލަފާކޮށްފައިވަނީ ވަޒީފާ ދިން ފަރާތްތަކުން އެމީހުންނާއެކު ދިގު މުއްދަތަކަށް މަސައްކަތްކުރި މީހުންނަށް އިސްކަން ދިނުމެވެ. އަދި އެފަދަ ދަތި ދަނޑިވަޅެއްގައި ޒުވާން އުމުރުފުރައިގެ މީހުން، އުމުރުން ދުވަސްވީ މީހުންނާއި އަޅާކިޔާއިރު ތަޖުރިބާ އެ މިންވަރަށް ނެތްކަން ފާހަގަކޮށް ރިޕޯޓުގައި ބުނެފައިވަނީ، މިއީ ވެސް ޒުވާން އާބާދީގައި ހިމެނޭ މީހުންނަށް ވަޒީފާ ގެއްލުނު ސަބަބެއް ކަމުގައެވެ.

ވަޒީފާއިން ވަކިކުރި މީހުންނާ އަޅާބަލާއިރު، ކޮވިޑުގެ ހާލަތާއި ގުޅިގެން ނޯޕޭ ލީވްގައިވެސް ތިބި މީހުންގެ ތެރެއިން އެންމެ ގިނައީ ޒުވާނުންނެވެ. އެގޮތުން ނޯޕޭގައި ތިބި މީހުންގެ އުމުރު ފުރައަކީ 25-29 އަހަރެވެ. މުސާރަ ދަށްވި މީހުންގެ ނިސްބަތަށް ބަލާއިރު ވެސް ޒުވާން އާބާދީގެ 64 އިންސައްތަ މީހުންގެ މުސާރަ ވަނީ ދަށްވެފައެވެ. އެގޮތުން އެންމެ ގިނައިން މުސާރަ ދަށްވެގެން ރިޕޯޓުކޮށްފައިވަނީ އުމުރުން 25-29 އަހަރުގެ އުމުރުފުރައިގެ މީހުންނެވެ. އަދި މުސާރަ ދަށްވެގެން އެންމެ ގިނައިން ރިކޯޑުކޮށްފައިވަނީ އުމުރުން 26 އަހަރު މީހުންނެވެ.

މިނިސްޓްރީގެ ރިޕޯޓް ބުނާގޮތުން ކޮވިޑާއި ގުޅިގެން އިންކަމް ސަޕޯޓް އެލަވަންސް ލިބުނު 4،478 މީހުންގެ މުސާރަ ވަނީ އެއްފަހަރު ނަމަވެސް ކުޑަކޮށްފައެވެ. އޭގެ ތެރެއިން 2،823 މީހުންނަކީ ޓޫރިޒަމް ސެކްޓަރއަށް ނިސްބަތްވާ މީހުންނެވެ.

މީގެއިތުރުން އެއްފަހަރު ނަމަވެސް މުސާރަ ކުޑަވެގެން ޖުމްލަ 63.9 މިލިއަން ރުފިޔާ ދީފައިވާއިރު، އޭގެތެރެއިން 34.5 މިލިއަން ރުފިޔާ ދީފައިވަނީ ރިސޯޓު މުވައްޒަފުންނަށެވެ. އަދި 6.5 މިލިއަން ރުފިޔާ ދީފައިވަނީ އެއަރޕޯޓް މުވައްޒަފުންނަށާއި އެ ސެކްޓަރގައި މަސައްކަތް ކުރާ މުވައްޒަފުންނަށެވެ. އަދި ޓްރާންސްޕޯޓް ސެކްޓަރގައި މަސައްކަތް ލކުރާ މުވައްޒަފުންނަށް 3.5 މިލިއަން ރުފިޔާ ވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް