ކ. މާލެ
|
6 ޑިސެންބަރ 2021 | ހޯމަ 06:40
ބާޒާރު މަތީ ފިހާރައެއް ކައިރީގައި ފުލުހެއް ހަރަކާތްތެރިވަނީ
ބާޒާރު މަތީ ފިހާރައެއް ކައިރީގައި ފުލުހެއް ހަރަކާތްތެރިވަނީ
ރާއްޖެއެމްވީ
މުދާގަންނަ ފަރާތާއި ވިއްކާ ފަރާތް
ކޮންސިއުމަރ އޮމްބަޑްސްމަނަށް ހުށަހެޅޭ މައްސަލަތަކުގައި ގާނޫނާއި ޚިލާފުނަމަ 250،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭނެ
 
ބަދަލުތަކުގެ ތެރެއިން 1 ބަދަލު ނުވަތަ އެއަށްވުރެ އިތުރު އަދަދެއްގެ ބަދަލު ނަގައިދިނުމުގެ އިޚުތިޔާރު، ކޮންސިއުމަރ އޮމްބަޑްސްމަނަށް ލިބިގެންވޭ
 
ދުވާލުގެ އެކަށީގެންވާ ވަގުތެއްގައި، މުދާ ވިއްކާ ތަނަކަށް ނުވަތަ ޚިދުމަތްދޭ ތަނަކަށް މަދުވެގެން 2 ދުވަހުގެ ނޯޓިސް ދިނުމަށްފަހު، އެ ތަނަކަށް ވަދެވޭނެ
 
ވަކި މުއްދަތެއްގައި ކަމެއް ރަނގަޅު ނުކޮށްފިނަމަ، 5000 - 250،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، 6 މަހަށްވުރެ ދިގުނޫން މުއްދަތަކަށް އެ ތަނެއް ބަންދުކުރުމުގެ ބާރު ލިބޭ

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަނަށް ހުށަހެޅޭ މައްސަލަތަކުގައި، އެ ގާނޫނުން މަނާކޮށްފައިވާ ކަމެއް ކޮށްފައިވާ ފަރާތެއްގެ މައްޗަށް ނުވަތަ އެ ގާނޫނާ ޚިލާފުވެފައިވާ ފަރާތެއްގެ މައްޗަށް 250،000 ރުފިޔާއާއި ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ގަވާއިދެއް ހަދައިފިއެވެ.

މި ގަވާއިދަކީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގެ 87 ވަނަ މާއްދާގެ (ށ) ގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަންގެ މަސްއޫލިއްޔަތު އަދާކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް އެކުލަވައިލުމަށް ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހަށް ލިބިދީފައިވާ ބާރުގެ ދަށުން ހަދައިފައިވާ ގަވާއިދެކެވެ.

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނާއި ޚިލާފުވެގެން މައްސަލަތައް ހުށަހަޅަންވާނީ އެ ކަމެއް ހިނގި ތާރީޚުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައެވެ. މި ގަވާއިދުގެ ދަށުން، ކޮންސިއުމަރ އޮމްބަޑްސްމަންގެ އޮފީހަށް މައްސަލަ ހުށަހެޅޭނީ މުދާ ގަތް ނުވަތަ ޚިދުމަތް ލިބިގަތް ފަރާތް ނުވަތަ މުދާ ގަތުމަށް ނުވަތަ ލިބިގަތުމަށް އެއްބަސްވެފައިވާ ފަރާތާއި، ކޮންސިއުމަރުން ނުވަތަ މުދަލާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ތަމްސީލުކުރާ ޖަމްޢިއްޔާ އަދި މުދާ ނުވަތަ ޚިދުމަތް ލިބިގަނެފައިވާ ފަރާތްތަކުގެ ތެރޭގައި، އެއް ޝަކުވާއެއް ނުވަތަ އެއް މައްސަލައެއް ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކެއް ވާނަމަ، އެފަދަ ފަރާތަކުން ނުވަތަ ގިނަ ފަރާތްތަކެއް އެކުގައި ނުވަތަ ގިނަ ފަރާތްތަކެއްގެ ފަރާތުންނެވެ.

މި ގަވާއިދުގެ ދަށުން ހުށަހަޅައިފައިވާ މައްސަލައެއް ބަލައި ތަހުގީގު ކުރުމަށް ޓަކައި، ދުވާލުގެ އެކަށީގެންވާ ވަގުތެއްގައި، މުދާ ވިއްކާ ތަނަކަށް ނުވަތަ ޚިދުމަތްދޭ ތަނަކަށް މަދުވެގެން 2 ދުވަހުގެ ނޯޓިސް ދިނުމަށްފަހު، އެ ތަނަކަށް ވަދެ، ގާނޫނާއި އެއްގޮތަށް ކަންތައްތައް ހިނގާތޯ ކޮންސިއުމަރ އޮމްބަޑްސްމަނަށް ނުވަތަ އޭނާ އައްޔަންކުރާ ބަޔަކަށް ބަލައި ޗެކްކުރެވިދާނެއެވެ.

މީގެ އިތުރުން ނޯޓިސް ދިނުމަށްފަހުވެސް، އެ ތަނަކަށް ވަނުމަށް ރުހުން ދީފައިނުވާނަމަ، ނުވަތަ ހުރަސްއަޅައިފިނަމަ، ކޯޓުގެ އަމުރެއް ހޯދުމަށް، ކޮންސިއުމަރ އޮމްބަޑްސްމަނަށް، ކޯޓަށް މައްސަލައެއް ހުށަހެޅިދާނެއެވެ.

މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ޙިމާޔަތްކުރުމުގެ ގާނޫނުގެ ދަށުން ކޮންސިއުމަރ އޮމްބަޑްސްމަނަށް ހުށަހެޅޭ މައްސަލަތަކުގައި، އެ ގާނޫނުން މަނާކޮށްފައިވާ ކަމެއް ކޮށްފައިވާ ފަރާތެއްގެ މައްޗަށް ނުވަތަ އެ ގާނޫނާ ޚިލާފުވެފައިވާ ފަރާތެއްގެ މައްޗަށް، ފިޔަވަޅުތައް އެޅުމުގެ ބާރު، ކޮންސިއުމަރ އޮމްބަޑްސްމަނަށް ލިބިގެންވެއެވެ.

ކަނޑައެޅޭ އަދަބުތައް

  • ފުރަތަމަ ފަހަރު 1000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެ ކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދިނުން.
  • ތަކުރާރުކުރާ ކޮންމެ ފަހަރަކު 1500 ރުފިޔާއާއި 250،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، އެ ކަމެއް ރަނގަޅުކުރުމަށް މުއްދަތެއް ދިނުން.
  • އަދި ދީފައިވާ މުއްދަތުގައި އެ ކަމެއް ރަނގަޅުކޮށްފައި ނުވާނަމަ، 5000 ރުފިޔާއާއި 250،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، 6 މަސްދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް އެ ތަނެއް ބަންދުކުރުން.

މި ގަވާއިދުގައި ބުނެފައިވަނީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ޝަރުޠެއް ގަންނަ މުދަލެއްގައި ފުރިހަމަނުވެގެން ނުވަތަ އެ ގާނޫނުގެ އެހެން މާއްދާއަކާ ޚިލާފުވެގެން، އެކަމަކާ ގުޅިގެން ލިބިފައިވާ ގެއްލުމުގެ ބަދަލު ހޯދުމަށް މުދާ ގަންނަ ފަރާތަށް، ކޮންސިއުމަރ އޮމްބަޑްސްމަންއަށް ހުށަހެޅިދާނެ ކަމަށެވެ. އަދި ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ހުށަހަޅާ މައްސަލަތަކުގައި އަންނަނިވި ބަދަލުތަކުގެ ތެރެއިން 1 ބަދަލު ނުވަތަ އެއަށްވުރެ އިތުރު އަދަދެއްގެ ބަދަލު ނަގައިދިނުމުގެ އިޚުތިޔާރު، ކޮންސިއުމަރ އޮމްބަޑްސްމަނަށް ލިބިގެންވެއެވެ.

އެގޮތުން ޝަކުވާ އުފުލިފައިވާ މުދަލުގެ ބަދަލުގައި އައު، އަދި އެއްވެސް ހަލާކުވުމެއް ނެތް އެ ބާވަތުގެ އެހެން މުދަލެއް ފޯރުކޮށްދިނުމަށް އެންގުމާއި، މުދަލުގެ އަގު ނުވަތަ ޝަކުވާ ހުށަހެޅި ފަރާތުން ދައްކައިފައިވާ އަގު/ ފީ އަނބުރާ އެ ފަރާތަށް ދިނުމަށް އެންގުން އަދި މުދާ ވިއްކާ ފަރާތުގެ އިހުމާލުން ނުވަތަ ޚިދުމަތް ފޯރުކޮށްދޭ ފަރާތުގެ އިހުމާލުން، މުދާ ގަންނަ ފަރާތަށް، ބޭނުންކުރާ މުދަލެއްގެ ސަބަބުން ނުވަތަ ހޯދާ ޚިދުމަތެއްގެ ސަބަބުން ލިބޭ ގެއްލުމުގެ ނުވަތަ ލިބިފައިވާ އަނިޔާގެ ބަދަލު ހޯދުމުގެ ހައްގު ލިބިގެންވާކަމަށް ނިންމުމުގެ އިތުރުން މުދަލުގައި ނުވަތަ ޚިދުމަތުގައި ހުރި ނުރަނގަޅުކަން ރަނގަޅުކުރުމަށް އެންގިދާނެ ކަމަށް މި ގަވާއިދުގައި ބުނެއެވެ.

މި ގަވާއިދުގެ ދަށުން އަނެއް ފަރާތުގެ އިހުމާލުން ވެފައިވާ ގެއްލުމުގެ ނުވަތަ ލިބިފައިވާ އަނިޔާގެ ބަދަލު ނަގައިދޭންޖެހޭކަމަށް ކޮންސިއުމަރ އޮމްބަޑްސްމަންގެ ތަހުގީގުން ސާބިތުވާ މައްސަލަތަކުގައި، އެފަދަ ގެއްލުމުގެ ބަދަލު ނަގައިދޭންޖެހޭކަމަށް ނިންމާ މައްސަލަތަކުގައި، ބަދަލާ ގުޅޭގޮތުން ގޮތެއް ނިންމުމަށް، ބަދަލު ހޯދުމަށް އެދޭ ފަރާތުން ކޯޓަށް ހުށަހަޅަންވާނެއެވެ.

އަދި ކޮންސިއުމަރ އޮމްބަޑްސްމަނަށް ހުށަހެޅޭ މައްސަލައަކީ ޖިނާއީ ކުށެއް ހިމެނޭ ކަމެއްކަމުގައި ކޮންސިއުމަރ އޮމްބަޑްސްމަނަށް ގަބޫލުކުރެވޭ ހާލަތްތަކުގައި، އެފަދަ މައްސަލަތައް ބަލައި ތަހުގީގު ކުރުމަށް، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގެ ބާރު ލިބިގެންވާ އިދާރާއަށް ފޮނުވަންވާނެ ކަމަށް މި ގަވާއިދުގައި ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް