ކ. މާލެ
|
28 މެއި 2017 | އާދީއްތަ 20:04
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއް ޝުކޫރު އާދީއްތަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުއް ޝުކޫރު އާދީއްތަ ދުވަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
ރާއްޖެއެމްވީ
ކަރަންޓް ކެނޑުން
މައްސަލަ ހައްލެއް ނުވޭ، އަދިވެސް ކަރަންޓް ކެނޑިދާނެ: ސްޓެލްކޯ
ހޮނިހިރު ދުވަހުގެ ރޭ ކަރަންޓް ކެނޑުނީ ހައި ވޮލްޓޭޖްގެ މައި ކޭބަލަށް ލިބުނު ގެއްލުމަކުން
މައި ސްވިޗެއް ވެސް ހަލާކުވި
ކަރަންޓްގެ މައްސަލައާ ގުޅިގެން އާ ޖަނަރޭޓަރު ސެޓް ޓެސްޓްކުރުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައި

ހޮނިހިރު ދުވަހުގެ ރޭ މާލެއިން ކަރަންޓް ކެނޑުނީ ހައި ވޮލްޓޭޖްގެ މައި ކޭބަލަށް ލިބުނު ގެއްލުމަކާ ގުޅިގެން ކަމަށާއި އެ މައްސަލަ ހައްލު ނުވާތީ، އަދިވެސް ކަރަންޓް ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.

ސްޓެލްކޯއިން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުއް ޝުކުރޫ ވިދާޅުވީ މާލޭގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބަޔަކުން ހޮނިހިރު ދުވަހުގެ ރޭ ކަރަންޓް ދިޔައީ، ކޭބަލަށް ލިބުނު ގެއްލުމުގެ އިތުރުން، އަލަށް ބެހެއްޓި އަށް މެގަވޮޓްގެ ޖަނަރޭޓަރު ސެޓްގެ ޓެސްޓްތައް ކުރިއަށް ދާތީ ކަމަށެވެ.

ކޭބަލަށް ލިބުނު ގެއްލުމާ ގުޅިގެން އާ ޖަނަރޭޓަރު ސެޓް ނިވުނު ކަމަށާއި އެއާއެކު ދެން އެންމެ ބޮޑަށް ކަރަންޓް ލޯޑް ހިފި ޖަނަރޭޓަރު ވެސް ނިވުނު ކަމަށް ޝުކޫރު ވިދާޅުވި އެވެ. ދެ ދެ ޖަނަރޭޓަރުން 17 މެގަވޮޓްގެ ކަރަންޓް އުފައްދަ އެވެ.

"[މައްސަލަ] އެންމެ ރަނގަށް ހައްލުކުރެވިފައެއް ނޫން ހުރީ. ހޫނު ގަދަވާ ވަގުތު އެކި ހިސާބުތަކުން ކަރަންޓް ކަނޑަން ޖެހިދާނެ،" ޝުކޫރު ވިދާޅުވި އެވެ.

ހަލާކުވި ކޭބަލް މަރާމާތު ކުރަމުން ގެންދާ ކަމަށާއި ކަރަަންޓް ކެނޑުމުގެ މައްސަލަ މުޅިން ހައްލުވާނީ އެއަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޮނިހިރު ދުވަހުގެ ރޭ މާލެއިން ކަރަންޓް ކެނޑުނީ 2:00 ހާއިރު އެވެ. މުޅި މާލެއަށް އަލުން ކަރަންޓް ދެވުނީ 4:45 ހާއިރު އެވެ.

ހޮނިހިރު ދުވަހުގެ ރޭ މާލެ ބޮޑު ސަރަހައްދެއް އޮތީ ކަނުއަނދިރީގައި

މާލޭގައި ކަރަންޓް ދިނުމަށް ބޭނުންކުރާ 27 ޖަނަރޭޓަރު އުފައްދާ ކަރަންޓް، ދެ ބަޔަކަށް ބަހާލަންވެގެން ގުޅާފައިވާ ސްވިޗް ވެސް ހޮނިހިރު ދުވަހުގެ ރޭ ހަލާކުވި ކަމަށް ޝުކޫރު ވިދާޅުވި އެވެ.  

ކަރަންޓް އަލުން ދިނުމަށް ގިނަ ވަގުތު ނެގީ ޝުކޫރު ވިދާޅުވި ގޮތުގައި، މައި ކޭބަލް ހަލާކުވުމާއި ސްވިޗް ހަލާކުވުމުގެ ސަބަބުންނެވެ. އެހެންވެ. ކަރަންޓް ކެނޑުނު ސަރަހައްދުތަކަށް ކަރަންޓް ދޭން ޖެހުނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި ސަބް ސްޓޭޝަންތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.

ކޭބަލް ހަލާކުވިކަން އެނގުނީ ފުރަތަމަ ކަރަންޓް ދިއުމާ ގުޅިގެން، އަލުން ކަރަންޓް ދޭން އުޅުމުގެ ތެރޭގައި އިތުރު ޖަނަރޭޓަރު ސެޓެއް ފެއިލްވެގެން ބެލި ބެލުމުން ކަމަށް ޝުކޫރު ވިދާޅުވި އެވެ.

ސަތާރަ މެގަވޮޓްގެ ދެ ޖަނަރޭޓަރު ސެޓް ނިވުމާ ގުޅިގެން ދެން ހުރި ޖަނަރޭޓަރުތަކަށް މުޅި މާލެއަށް ކަރަންޓް ދެވޭނެ ލޯޑް ނުނެގުނު ކަމަށް ވެސް ޝުކޫރު ވިދާޅުވި އެވެ.

މާލޭގެ ބޮޑު ސަރަހައްދަކުން ހޮނިހިރު ދުވަހުގެ ރޭ ކަރަންޓް ކެނޑުމާ ގުޅިގެން، އަށް މެގަވޮޓްގެ ޖަނަރޭޓަރު އިތުރަށް ޓެސްޓްކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ވެސް ޝުކޫރު ވިދާޅުވި އެވެ.

ކަރަންޓްގެ މައްސަލަ ހައްލު ނުވާތީ އާދީއްތަ ދުވަހު ވެސް މާލޭގެ ބައެއް ސަރަހައްދު ތަކުން ވަނީ ކަރަންޓް ކެނޑިފަ އެވެ. 

- ކޮމެންޓް
29 މެއި 2017 | ހޯމަ 08:36
އައިސީ
ހަށްލުނުވެސްވާނެ އެގާބިލްކާމާ އެހުނަރު ވެރިކަމެއްނެތް ދެބުރިޔައް ހުރިތަންތަން 25 30 ބުރިއަށް އުފުލި އެންމެ އޭސީ އެއްބޭނުންކުރަމުން އައި ތަންތަނުން 25 އެސީބޭނުން ކުރަންފެށިއިރުވެސް ކަލޭމެންގެ ބަދަލުވަނީ ނަން އެކެއްގެ ޖީބު ފުރުމުން އަނެކަކަށް ފުރުސަތު ދެންކޮން ހަށްލެއް
28 މެއި 2017 | އާދީއްތަ 17:06
ޙާމިދު
ގުޅޭ ޚަބަރު. ނުވަތަ މަގުބޫލު ޚަބަރު ތައް ކިޔަމުންދާ ޚަބަރުގެ ތެރޭގަ ހުންނާތީ ވަރަށް ބޮލަށް އުދްގޫވޭ. ޚަބަރު ކިރުމުގެ ޝައުގުވެރިކަން ގެއްލެނީ.