އައްޑޫ ސިޓީގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކޮށްފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލް އިދާރާއިން ބުނެފިއެވެ.
އައްޑޫ ސިޓީގައި ކޮވިޑް-19ގެ ކޭސްތައް މަދުންނަމަވެސް އިތުރު ވަމުންދާތީ، ބަލި ފެތުރޭ މިންވަރު ކޮންޓްރޯލް ކުރުމަށްޓަކައި އެޅިފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް، 28 ނޮވެމްބަރުން ފެށިގެން އިތުރު ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އަންގާފައިވެއެވެ.
އޭގެތެރޭގައި، އާންމުކޮށް އެންމެން އެއްތަނަށް އެއްވެގެން ކުރިއަށް ގެންދެވޭ ހަރަކާތްތައް ކުރިއަށް ނުގެންދިޔުމަށާއި، ކިޔެވުން ފިޔަވައި ސްކޫލްތަކުގައި ހިންގޭ އެހެނިހެން ހަރަކާތްތަކެއް މިވަގުތަށް މަޑުޖައްސާލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
މީގެ އިތުރުން، އެއްގެއިން އަނެއްގެއަށް ޒިޔާރަތްކުރުން ހުއްޓާލުމާއި، އައްޑޫގެ ކާފިއު ވަގުތު މިހާރުއޮތް ގޮތަށް (ރޭގަނޑު 9:00އިން ފެށިގެން ފަތިހު 04:00އަށް) ދެމެހެއްޓުމަށް ވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.
އައްޑޫގެ އަވަށްތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. އެގޮތުން މަރަދޫގައި ކޮވިޑްގެ 139 ކޭސް އުޅޭއިރު، ހިތަދޫގައި 79 ކޭސް، ފޭދޫގައި 17 ކޭސް، މަރަދޫފޭދޫގައި 9 ކޭސް، ހުޅުދޫގައި 3 ކޭސް، ގަމުގައި ކޭހެއް، އަދި މީދޫގައި 22 އުޅޭކަމަށް ހޮސްޕިޓަލުން ބުނެއެވެ. އެއާއެކު އައްޑޫ ސިޓީގެ އެކްޓިވް ކޭސްތަކުގެ އަދަދު މިވަނީ 270އަށް އަރާފައެވެ.
އައްޑޫ ކޮވިޑް ފެސިލިޓީގައި 5 މީހަކަށް ފަރުވާ ދެމުންދާއިރު، މި ބަލީގައި އައްޑޫ ސީޓީން ވަނީ ތިން މީހަކު ނިޔާވެފައެވެ.