ކ. މާލެ
|
27 ނޮވެންބަރ 2021 | ހޮނިހިރު 12:58
ޕްލެއޮފުގައި ކުޅޭ ޕޯޗުގަލުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ
ޕްލެއޮފުގައި ކުޅޭ ޕޯޗުގަލުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ
ގެޓީ އިމޭޖަސް
ވޯލްޑް ކަޕް - ޔޫރަޕް ކޮލިފައިން
ޕޯޗުގަލާއި އިޓަލީގެ ތެރެއިން ގަތަރު ވޯލްޑް ކަޕުގައި ކުޅެވޭނީ އެއް ޓީމަކަށް
 
ޕްލޭއޮފް ފުރަތަމަ މެޗުގައި ޕޯޗުގަލް ނުކުންނާނީ ތުރުކީއާ ދެކޮޅަށް
 
ފުރަތަމަ މެޗުގައި އިޓަލީ ނުކުންނާނީ ނޯތު މެސެޑޯނިއާ ދެކޮޅަށް

އެންމެ ފަހުގެ ޔޫރަޕުގެ ޗެމްޕިއަންކަން ހޯދި ދެ ގައުމު ކަމަށްވާ ޕޯޗުގަލާއި އިޓަލީގެ ތެރެއިން ކޮންމެސް އެއް ޓީމަކަށް ގަތަރުގައި އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕުގައި ނުކުޅެވޭނެކަން ކަށަވަރުވެއްޖެއެވެ.

ހުކުރު ދުވަހުގެރޭ ބޭއްވި ޔޫރަޕް ކޮލިފައިންގެ ޕްލޭއޮފް މެޗުތަކުގެ ގުރުއަތުލުމުގައި އިޓަލީ އާއި ޕޯޗުގަލް ލައްވާލީ އެއް ފަޅިއެއްގައެވެ. އެގޮތުން ޕްލޭއޮފުގެ ފުރަތަމަ މެޗުގައި ޕޯޗުގަލް ނުކުންނާނީ ތުރުކީއާ ދެކޮޅަށެވެ. އަދި އިޓަލީން ޕްލޭއޮފުގެ ފުރަތަމަ މެޗުގައި ނުކުންނާނީ ނޯތު މެސެޑޯނިއާ ދެކޮޅަށެވެ. އެ ދެ މެޗުން މޮޅުވާ ދެ ޓީމެއް ޕްލޭއޮފް ފައިނަލް ބުރުގައި ވާދަކުރާނެތީ، ޕޯޗުގަލާއި އިޓަލީގެ ތެރެއިން ކޮންމެސް އެއް ޓީމަކަށް ވޯލްޑް ކަޕުގައި ނުކުޅެވޭނެކަން ވަނީ ޔަގީންވެފައެވެ.

މި ފަހަރުގެ ކޮލިފައިންގެ ޕްލޭއޮފުގައި އިޓަލީ ވާދަކުރާއިރު، އެންމެ ފަހުން ރަޝިއާގައި 2018 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕަށް ކޮލިފައިވުމަށްވެސް އިޓަލީ ޕްލޭއޮފް ކުޅުނެވެ. އެކަމަކު އެ ފަހަރު ޕްލޭއޮފް މެޗުން އެ ފަހަރު އިޓަލީ ވަނީ ސްވިޑެން އަތުން ބަލިވެފައެވެ.

މީގެ އިތުރުން މި ފަހަރުގެ ގަތަރުގައި ބާއްވާ ވޯލްޑް ކަޕަކީ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއަށް މުހިންމު މުބާރާތެކެވެ. އެއީ މި ފަހަރުގެ މުބާރާތަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ ޕޯޗުގަލަށް ކުޅެދޭނެ ފަހު މުބާރާތަށް ވުމުގެ ފުރުސަތު އޮތުމުންނެވެ.

ޕޯޗުގަލް ނެތި އެންމެ ފަހުން ވޯލްޑް ކަޕެއް ކުޅެފައިވަނީ 1998 ވަނަ އަހަރު ފްރާންސްގައެވެ. އޭގެ ފަހުން ކޮންމެ ވޯލްޑް ކަޕެއްގައިވެސް ޕޯޗުގަލް ކުޅެފައިވެއެވެ.

އަންނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕް އޮތީ އާންމުކޮށް މުބާރާތް ބާއްވާ ތާރީޚުގައެއް ނޫނެވެ. އެ މުބާރާތް ޝެޑިއުލްކޮށްފައި އޮތީ ގަތަރުގެ ފިނިހޫނުމިނަށް ބަލާފައި އަހަރު ފަހު ކޮޅަށެވެ. އެ ގޮތުން މުބާރާތް ކުރިއަށްދާނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހެށެވެ.

ގަތަރުގައި އަންނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕުގެ ޖާގަ ހޯދާފައިވަނީ ހޯސްޓްގެ ހައިސިއްޔަތުން ގަތަރުގެ އިތުރުން 12 ގައުމަކުންނެވެ. އެއީ ދެކުނު އެމެރިކާ ބައްރުން ބްރެޒިލާއި އާޖެންޓީނާގެ އިތުރުން ޔޫރަޕްގެ 10 ގައުމެކެވެ. އެ ގައުމުތަކަކީ ނެދަލެންޑްސް، ޖަރުމަން، ފްރާންސް، ޑެންމާކް، ބެލްޖިއަމް، ސްޕެއިން، ސާބިއާ، ކްރޮއޭޝިއާ، އިންގްލެންޑް އަދި ސްވިޓްޒަލެންޑްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް