ޤާނޫން ހެދުމުގެ ބާރުގެ ތެރެއަށް އެއްވެސް ކޯޓަކުންވެސް އަދި ސުޕްރީމް ކޯޓަކަށްވެސް ނުވަދެވޭނެ ކަމަށް މިހާރު ޢަމަލް ކުރަމުންދާ ޤާނޫން އަސާސީ އެކުލަވާލި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ހިމެނިވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެންބަރ ހަސަން އަފީފް ވިދާޅުވެއްޖެވެ.
ހަސަން އަފީފް މިގޮތައް ވިދާޅުވީ ރާއްޖެ ޓީވީން ހޮނިހިރު ދުވަހުގެ ރޭ ގެނެސްދިން ފަލަ ސުރުޚީ ޕްރޮގްރާމްގައި ސުޕްރީމް ކޯޓުން ދާދިފަހުން ކުރި ހުކުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުންނެވެ. ސުޕްރީމް ކޯޓުން ދާދި ފަހުން ނިންމާފައިވަނީ މަޖިލީހުގައި ފާސްކުރާ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ފަހު ބަސް ބުނާނީ އެ ކޯޓުން ކަމަށެވެ.
ހަސަން އަފީފް ވިދާޅުވީ ސުޕްރީމް ކޯޓުން އެނިންމެވި ނިންމެވުން ނުވަތަ އެހުކުމަކީ ހަސަން އަފީފް ޤަބޫލު ކުރައްވާ ގޮތުގައި ސުޕްރީމް ކޯޓަށް ނިންމެވޭނެ ނިންމެވުމެއް ނޫން ކަމަށެވެ.
"ސުޕްރީމް ކޯޓުން އެނެރުއްވި ޤަރާރަކީ އަޅުގަނޑު ޤަބޫލް ކުރާ ގޮތުގައި އެއީ ސުޕްރީމް ކޯޓަށް ކުރެއްވޭނެ ކަމެއް ނޫން. ޤާނޫން އަސާސީގައި ވަރަށް ސާފު ބަހުން ބުނެފައިވާނޭ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަކީ އެއީ ރައްޔިތުންގެ މަޖިލީހުގެ ކަމެކޭ. އަދި ހަމަ އެހެންމެ މިނިވަން މުއައްސަސާތަކުގެ މެންބަރުން އެ މަޤާމުން ވަކިކުރުމަކީ ވެސް އެއީ ރައްޔިތުންގެ މަޖިލީހުން ކުރައްވަން ޖެހޭ ކަމެކޭ. ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއަށް އަދުލް އިންސާފްގެ ދާއިރާއިން ވަނުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާކަމެއް" ހަސަން އަފީފް ވިދާޅުވިއެވެ.
ހަސަން އަފީފް ވިދާޅުވީ އެއީ ދުސްތޫރު ހަލާކުކޮށްލުން ކަމަށާއި ސުޕްރީމް ކޯޓުން މިފަދައިން ކަންކުރި މިއީ ފުރަތަމަ ފަހަރު ނޫން ކަމަށެވެ. މީގެ ކުރިންވެސް މިފަދައިން ޢަމަލް ކޮށްފައި އެބަހުރި ކަމަށެވެ.
ހަސަން އަފީފް ވިދާޅުވީ މިހާރު މިއޮތީ ތިންބާރު ވަކިވެފައިވާ ނިޒާމެއް ކަމަށާއި އެއްބާރުން އަނެއް ބާރުގެ ތެރެއަށް ނުވަދެވޭނެ ކަމަށެވެ. ޤާނޫންތައް ހެދުމުގެ ބާރަކީ ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރެއް ކަމަށާއި މަޖިލީހަށްވެސް ޤާނޫން އަސާސީއާ ޚިލާފްވާ ޤާނޫނެއް ނުހެދޭނެ ކަމަށެވެ. އެފަދަ ޤާނޫނެއް ހަދައިފިނަމަ އެބިލެއް ތަސްދީޤް ނުކުރައްވާ ފޮނުއްވުން އެއީ ރައީސުލް ޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށާއި ސުޕްރީމް ކޯޓުގެވެސް ޒިންމާއެއް ކަމަށެވެ.
ޤާނޫން އަސާސީގައި ޤާނޫން ތަންފީޒް ކުރުމުގެ ބާރު ރައީސުލް ޖުމްހޫރިއްޔާއަށް ލިބިދީފައި އޮންނަނީ އެސަބަބަށްޓަައި ކަމަަށް ފާހަގަ ކުރައްވަމުން ހަސަން އަފީފް ވިދާޅުވީ އެފަދަ ޤާނޫނެއް ހަދައިފިނަމަ ސުޕްރީމް ކޯޓުން އިސްނަންގަވައިގެން އެޤާނޫނެއް ބާތިލް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ރާއްޖެއިން އެމަންޒަރެއް ފެނިގެން ނުދާކަމަށް އަފީފް ވިދާޅުވިއެވެ.
"ސުޕްރީމް ކޯޓަކީވެސް އަދި އެހެންވެސް ކޯޓަކީ ޤާނޫން ހެދުމުގެ ބާރު އޮންނަ ބައެއް ނޫން. ޤާނޫން ހެދުމުގެ ބާރު ލިބިދީފައި އޮންނަނީ ޤާނޫން އަސާސީ ރައްޔިތުންގެ މަޖިލީހަށް. އެމަޖިލީހުގެ ބާރު ތެރެއަކަށް އެހެން ބަޔަކަށް ނުވަދެވޭނެ. އެފަދަ ކަމެއް ކުރުމަކީ ޤާނޫން އަސާސީގެ ބާރު ކަނޑުވާލުން" އަފީފް ވިދާޅުވިއެވެ.