ރާއްޖޭގައި މިވަގުތު ހުރި ފައިޒަރ ވެކްސިންގެ އެކްސްޕަޔަރީ ޑޭޓް 9 މަހަށް އިތުރު ކޮށްފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިްއިއްޔާ (ޑަބްލިއުއެޗްއޯ)އިން މައުލޫމާތު ދީފައިވާކަމަށް އެޗްއީއޯސީގެ އިމިއުނައިޒޭޝަން ޕްރޮގްރާމުގެ ފަރާތުން ހައްވާ ގުރައިޝާ ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގުރައިޝާ ވިދާޅުވީ، ރާއްޖޭގައި މިވަގުތު ހުރި ފައިޒަރ ވެކްސިންގެ އެކްސްޕަޔަރީ ޑޭޓް 9 މަހަށް އިތުރު ކޮށްފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިިއްޔާ (ޑަބްލިއުއެޗްއޯ)އިން ދާދި ފަހުން މައުލޫމާތު ދީފައިވާ ކަމަށާއި، ވެކްސިން އެކްސްޕަޔަރީއަކީ ޑަބްލިއުއެޗްއޯއިން ޓެސްޓު ކުރުމަށްފަހު، އެކަމާ ގުޅޭ ތަހުލީލުތައްވެސް ހަދަމުންދާ އެއްޗެއް ކަމަށެވެ. ކުރިން ފައިޒަރ ވެކްސިންގެ އެކްސްޕަޔަރީއަކީ 6 މަސް ދުވަސް ކަމަށް ގުރައިޝާ ވިދާޅުވިއެވެ.
ގުރައިޝާ ވިދާޅުވީ، 9 މަސް ވަންދެން ވެކްސިން ބެހެއްޓުމަށްފަހު ޓެސްޓު ކުރިއިރުވެސް އޭގެ ބާރު ހުރިކަން ފާހަގަވާތީ، ރަސްމީކޮށް އެކްސްޕަޔަރީ 9 މަހަށް އިތުރު ކޮށްފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން އަންގާފައިވާ ކަމަށެވެ. އެއާއެކު މިހާރު ހުރި ފައިޒަރ ވެކްސިން ފެބްރުއަރީގެ ނިޔަލަށް ބޭނުން ކުރެވޭނެކަމަށް ގުރައިޝާ ވިދާޅުވިއެވެ.
ފައިޒަރ ވެކްސިންގެ ދެވަނަ ޑޯޒް ޖެހި ފަހުން ހަ މަސް ދުވަސްވެފައިވާ މީހުން، ބޫސްޓަރ ޑޯޒް ޖެހުމަށް އެޕޮއިންޓްމަންޓް ހެއްދުމަށްވެސް އެޗްޕީއޭއިން ވަނީ ހުޅުވާލާފައެވެ. ބޫސްޓާ ޝޮޓް އެމީހުންނަށް ދޭން ނިންމާފައި ވަނީ މިކަމާބެހޭގޮތުން މިހާތަނަށް ކޮށްފައިވާ ދިރާސާތަކަށް ބެލުމަށް ފަހު ކަމަށްވެސް އެޗްޕީއޭއިންވަނީ ބުނެފައެވެ. މި ވަގުތު ފައިޒަރ ވެކްސިނުން އެކަނި ބޫސްޓަރ ޝޮޓް ދޭން ނިންމާފައިވާއިރު، އެޗްޕީއޭއިން ބުނި ގޮތުގައި އެ ވެކްސިންގެ ބޫސްޓރ ޝޮޓް ދޭނީ އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލޭ ހޮސްޕިޓަލުން، އެޕޮއިންޓްމަންޓް އުސޫލުން އެކަންޏެވެ.
ބޫސްޓަރ ޝޮޓް ޖަހައިދޭނީ ކޯވިޑްގެ އެއްވެސް ވެކްސިނެއްގެ ދެ ވަނަ ޑޯޒް ޖެހިފަހުން، ހަ މަސް ދުވަސް ވެފައިވާ މީހުންނަށްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
ފައިޒަރ ވެކްސިން ވެގެން ގޮސްފައި މިވަނީ ކޮވިޑް-19އަށް އުފެއްދި ވެކްސިންތަކުގެ ތެރެއިން ފުލް އެޕްރޫވަލް ލިބުނު ފުރަތަމަ ކޮވިޑް-19 ވެކްސިނަށެވެ.
ކޮވިޑް-19އާ ދެކޮޅަށް ފައިޒަރ ވެކްސިން މަސައްކަތްކުރާ މިންވަރު 95 އިންސައްތަ ކާމިޔާބުކަން ދިރާސާތަކުން ދައްކާއިރު، މިވެކްސިނުން 12 އަހަރާ 15 އަހަރާ ދެމެދުގެ ކުދިންނަށް އަސަރުކުރާ މިންވަރު 100 އިންސައްތަ ކާމިޔާބުކަމަށް ދިރާސާތަކުން ދައްކައެވެ.
ފައިޒަރ ވެކްސިނަކީ އިމަރޖެންސީ ބޭނުންތަކަށް އެންމެ ފުރަތަމަ ހުއްދަ ލިބުނު ވެކްސިންތަކުގެ ތެރެއިން ވެކްސިނަކަށް ވާއިރު، މިވެކްސިން ދަނީ ދުނިޔޭގެ ގިނަ ގައުމުތަކެއްގައި މިހާރު ވެސް ބޭނުން ކުރަމުންނެވެ.