އަސާސީ ބޭސްތައް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުމުގެ ކުރިން، މިހާރު ކަނޑައަޅަފައިވާ އަގުތަކާ މެދު, ފާމަސީތަކާއި ބޭސް އެތެރެކުރާ ފަރާތްތަކުގެ ޝަކުވާއެއް ވާނަމަ އެކަން ލިއުމުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އާ ހިއްސާކުރުމަށް އެދިއްޖެއެވެ.
އެމްއެފްޑީއޭއިން ބުނީ، މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރްޕީ) ޕޮލިސީ ތަންފީޒް ކުރަންފެށުމުން، މި އަގަށްވުރެ ބޮޑުއަގުގައި ބޭސްވިއްކުމަކީ މަނާކަމެއް ކަމަށެވެ. އަދި ބޭހުގެ އެމްއާރްޕީ ކަނޑައެޅުމުގެ މަސައްކަތުގެ ތެރެއިން، މިހާރު އެންމެ މަތީ އަގު ކަނޑައަޅާފައިވާ އަސާސީ ބޭހުގެ ލިސްޓް، ބޭސް އެތެރެކުރާ ފަރާތްތަކާއި އަދި ފާމަސީ ތަކުގެ ވެރިންނާއި ހިއްސާ ކުރެވިފައިވާ ކަމަށެވެ. އަދި އަސާސީ ބޭސްތަކުގެ އެމްއާރްޕީ ކަނޑައެޅުމުގެ ކުރިން، މިހާރު ކަނޑައަޅަފައިވާ އަގުތަކާ މެދު ފާމަސީތަކާއި ބޭސް އެތެރެކުރާ ފަރަތްތަކުގެ ޝަކުވާއެއް ވާނަމަ އެކަން ލިއުމުން އެ އޮތޯރިޓީއާ ހިއްސާކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
އެމްއެފްޑީއޭއިން ބުނީ މިގޮތަށް ހުށައެޅޭ ޝަކުވާތައް އިވެލުއޭޓް ކުރުމަށްފަހު، ކަނޑައަޅަފައިވާ އަގަށް ބަދަލެއް ގެންނަޖެހޭނަމަ ކަނޑައެޅިފައިވާ ގަވާއިދުގެ މަތިން އެބަދަލެއް ގެނެވޭނެ ކަމަށެވެ.
މިހާރު ކަނޑައެޅިފައިވާ އެމްއާރްޕީ ކަލްލިއުލޭޓް ކޮށްފައިވަނީ ރާއްޖެއަށް ބޭސް އެތެރެކުރާ އިންވޮއިސްގެ އެފްއޯބީ އަގަށް 100 އިންސައްތައިގެ މާރކަޕްއެއް ހިމަނައިގެންނެވެ. މިގޮތަށް އިންވޮއިސްގެ އެފްއޯބީ ނެގުމުމަށްޓަކައި މައުލޫމާތު ނަގާފައިވަނީ ފާއިތުވި ފަސް އަހަރު ރާއްޖެއަށް އެތެރެކޮށްފައިވާ ބޭހުގެ ޑާޓާއިންނެވެ.
ފާއިތުވި ފަސް އަހަރުގެ އިމްޕޯޓް މައުލޫމާތު ނެގި ނަމަވެސް، ކޮވިޑްގެ ހާލަތަށް ރިއާޔަތް ކޮށް 2020 އަދި 2021ގައި އިމްޕޯޓް ކޮށްފައިވާ ބޭހުގެ އެފްއޯބީ އަގު ނަގާފައި ވަނީ މި ދެއަހަރުގެ މައުލޫމާތަށް ބިނާކޮށް ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.
1 ޖެނުއަރީ 2022ގައި ތަންފީޒް ކުރުމަށް ކަނޑައެޅިފައިވާ މި ޕޮލިސީ ތަންފީޒުކުރުމުގެ ފުރަތަމަ މަރުހަލާގެ ދަށުން މިހާރު އެމްއާރްޕީ ކަނޑައަޅަފައި ވަނީ މިވަގުތު އެމްއެފްޑީއޭއިން އެޕްރޫވް ކޮށްފައިވާ ދިވެހިރާއްޖޭގެ އަސާސި ބޭސް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއްގެ ހުރިހާ ބްރޭންޑަކަށެވެ.
މިސިޔާސަތުގެ ސަބަބުން ދިވެހިރާއްޖޭގައި ބޭސް ވިއްކުމުގައި ހުރި ގިނަ މައްސަލަތަކަށް ހައްލު ލިބިގެން ދާނެއެވެ. އޭގެ ތެރޭގައި އާސަންދަ ނުލިބޭ ބޭސްތަކަށް އާންމު ފަރުދުންގެ ޖީބުން ކުރާ ހޭދަ ކުޑަވުމާއި، ތަފާތު އަގުތަކުގައި އެއް ބޭހެއް (އެއް ބްރޭންޑް) ވިއްކުން ކޮންޓްރޯލް ކުރުމުގެ އިތުރުން ފާމަސީގެ ވެރިފަރާތުން ކަނޑައަޅާފައިވާ އަގާއި އަދި މިންގަނޑެއް ނެތި ބްލެކް މާރކެޓްގައި ބޮޑު އަގުގައި ބޭސް ވިއްކުން ހުއްޓުވިގެން ދާނެއެވެ.
މިސިޔާސަތުގެ މަސައްކަތް ކުރިއަށް ގެންދިޔައިރު ފާހަގަ ކުރެވިފައިވާ ބޮޑެތި މައްސަލަތަކުގެ ތެރޭގައި، ބޭސްސިޓީ އާ ނުލާ ވިއްކޭ ބައެއް އާދައިގެ ބޭސް (އެއް ކުންފުންޏެއް، އެއް ސްޓްރެންތު، ޑޯޒް)އެއް ތަފާތު އަގުތަކުގައި އެކި ފާމަސީތަކުން ވިއްކާފައިވާކަން ބެލި ބެލުމުން ފާހަގަ ވެފައިވާކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.
އެމްއެފްޑީއޭއިން ބުނީ މާކެޓްގައި އެއް ބްރޭންޑެއްގެ، އެއް ބޭހެއް ވިއްކާ އަގު އެތައްގުނައަކުން ތަފާތުކަން ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން ރާއްޖޭގައި އެންމެ ގިނައިން މީހުން ބޭނުންކުރާ އެއްބޭސް ކަމުގައިވާ 'އިސެމެޕްރަޒޯލް" ޖެނެރިކްގެ ބްރޭންޑެއް ކަމުގައިވާ "އިސޯޒް"ގެ އަގަށް ބަލާއިރު 3.25 ރުފިޔާއިން ފެށިގެން 6 ރުފިޔާއާ ހަމައަށް މާކެޓްގައި ބޭހުގެ އަގު ތަފާތު ހުރިކަން ފާހަގަ ކުރެވޭ ކަމަށް އެ އޮތޯރިޓީން ބުނެއެވެ. އަދި ބޭސް ސިޓީއާ ނުލައި ވިއްކޭ މިފަދަ ބޭހުގެ އަގުގެ ތަފާތު ބޮޑުވުމަކީ ބޭސްގަތުމަށް ރައްޔިތުމީހާގެ ޖީބުން ކުރަންޖެހޭ ހަރަދު އިރުތުވެގެންދާނެ ކަމެއް ކަމަށާއި، އެމްއާރްޕީ ސިޔާސަތު ތަންފީޒްކޮށް ނިމޭއިރު ރާއްޖޭގެ އެޕްރޫވް ޑްރަގް ލިސްޓްގައި ހިމެނޭ ހުރިހާ ބޭހެއް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅިގެން ދާނެ ކަމަށެވެ.
މިވަގުތު އަގު ކަނޑައަޅާ ބޭސްތަކަކީ މިހާރުވެސް މާރކެޓްގައި ހުރި ބޭހެވެ. މި ތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ ދީފައިވަނީ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ހުރިހާ މަރުހަލާ ތަކެއް ފުރިހަމަ ކުރުމަށްފަހުގައެވެ.
އަދި މުސްތަގުބަލުގައި ވެސް ރާއްޖެއަށް ބޭސް އެތެރެކުރެވޭނީ ބޭހުގެ ރައްކާތެރިކަމާއި ފެންވަރު ޔަގީން ކުރުމުގެ ހުރިހާ މަރުހަލާތަކެއް ފުރިހަމަ ކުރުމަށްފަހުގައެވެ.
ބޭސް ޓެސްޓް ކުރުން ހަރުދަނާ ކުރުމުގެ ގޮތުން ނެޝަނަލް ހެލްތު ލެބޯޓްރީ އަޕްގްރޭޑް ކުރުމުގެ ގިނަމަސައްކަތް ތަކެއް ކުރެވެމުންދެއެވެ. އަދި މިހާރުވެސް 60އަށްވުރެ ގިނަ ޖެނެރިކް ޓެސްޓް ކުރެވެއެވެ. މީގެ އިތުރުން މިވަގުތު ރާއްޖެއިން ނުކުރެވޭ ޓެސްޓްތައް ކުރުމަށްޓަކައި ސިންގަޕޯރގެ ލެބޯޓްރީ އަކަށް ސާމްޕަލް ފޮނުވައިގެ ޓޭސްޓްކޮށް ބޭހުގެ ކޮލިޓީ މޮނިޓަރ ކުރެވެމުންދާ ކަމަށް އެމްއެފްޑީއޭއިން ބުނެއެވެ.