ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅުތައް ފުއްދެވުމަށް ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ނުހިނގާ އެންމެ ރަށެއް ވެސް ނެތް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ ހޯރަފުށީ އެއާރޕޯޓުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަ ކުރުގެ ގޮތުން ހޯރަފުށީ އެއާރޕޯޓް ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އެ އަރޕޯޓްފަދަ ތަންތަނަކީ ޚިދުމަތް ހޯދަން އެކި ހިސާބުތަކުން މީހުން އަންނަ ތަންތަންކަން ފާހަގަ ކުރައްވައި ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި ކަންކަން ލުއި ފަސޭހަ ކޮށްދިނުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ ރާއްޖެ ލާމަރުކަޒު ކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒުކަމަށާއި އެކަން ފުރިހަމަ ކުރުމަށް ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރެވެމުން ދާތަން މިހާރު ފެންނަމުން އަންނަ ކަމުގައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ސަރުކާރުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެކިދާއިރާތަކުން ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ވޭތުވެދިޔަ މި 3 އަހަރުގެ ތެރޭގައި ކުރިޔަށް ގެންދަވާކަން ފާހަގަ ކުރައްވާފައެވެ.
ސަރުކާރުގެ އެންމެ ބޮޑު އަމާޒެއްގެ ގޮތުގައި އޮތީ ލާމަރުކަޒު ކުރުން. މިއީ ދިގުދަތުރެއް. މި ފެންނަނީ އެންމެ މުހިންމު ކަންކަން ކުރާތައް. ބޮޑެތި މަޝްރުއުތައް ކުރިއަށްގެންދާއިރު ހަނދާންކޮށްދޭންޖެހޭ ކަމަކީ ކާބަފައިން ކޮށްދިން ކަންކަން. ކޮވިޑަށްފަހު އަޅުގަނޑުމެންގެ ވައްޓަފާޅި ބަދަލުކުރަންޖެހޭ. ލީޑަރުން ވާހަކަ ދައްކަނީ ތިމާވެށީގެ ވާހަކަ. ސާފުތާހިރުކަން، އިސްރާފު ކުޑަކުރުން ޅަދަރިންނަށް ދަސްކުރަންޖެހޭނައިބު ރައީސް ފައިސަލް ނަސީމް
ނައިބްރައީސް ވިދާޅުވީ ކުރިއަށް އޮތްތާގައި ތަރައްގީއާ ހަމައަށް ދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި ރައީސް ވެވަޑައިގެންނެވި ވައުދު ފުއްދުމަށް ރާއްޖޭގައި މަސައްކަތް ކުރިއަށްނުދާ އެއްވެސް ރަށެއް ނެތް ކަމަށެވެ. މީގެ ތެރޭގައި ފެނާއި ނަރުދަމާ، ބަނދަރު، ސްކޫލް، މަގުތައް، އިންޖީނުގެ ހިމެނޭ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އެއަރޕޯޓުގައި ބޭއްވި މި ރަސްމިއްޔާތު ފެށުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރީޖަނަލް އެއަރޕޯޓްސްގެ މޮނިއުމަންޓް ހުޅުވައި ދެއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ރީޖަނަލް އެއަރޕޯޓުގެ ފަރާތުންނާއި ހޯރަފުށީ ކައުންސިލުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ.
ހޯރަފުށީ އެއަރޕޯޓުގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން ބޭއްވި ގަސްއިންދުމުގެ ޙަރަކާތުގައި ބައިވެރިވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެއަރޕޯޓް ސަރަޙައްދުގައި ގަސް އިންދަވައި ދެއްވާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހޯރަފުށީ ހެލްތު ސެންޓަރާއި ހއ.އަތޮޅު ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަން ބައްލަވައިލައްވައި މުވައްޒަފުންނާ މަޝްވަރާކޮށްލައްވައިފައެވެ.