އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ޕްރައިމަރީ ހެލްތު ކެއަރ އަލުން ތައާރަފު ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރަށް ތިން އަހަރު ފުރުމާއި ގުޅިގެން ރާއްޖެ ޓީވީއަށް ދެއްވި ޚާއްސަ އިންޓަރވިއު އެއްގައި މިނިސްޓަރ ނަސީމް ވިދާޅުވީ ޕްރައިމަރީ ހެލްތު ކެއަރއަކީ މީގެ އަހަރުތަކެއް ކުރިން ކުރިއަށްގެންގޮސް، މިހާރު ހުއްޓާލާފައިވާ މަސައްކަތެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ޑޮކްޓަރުން މަދުވިޔަސް ޕްރައިމަރީ ހެލްތު ކެއަރގެ ތެރެއިން ބަލި މީހުންގެ ކަންކަން ބެލެހެއްޓޭނެ ކަމަށެވެ. މިކަމުގެ ރަނގަޅު ނަތީޖާ މީގެ ކުރިން ފެނިފައިވާކަމަށާއި، އެހެންނަމަވެސް ކަމެއްގެ ރަނގަޅު ނަތީޖާ ފެންނާނީ އެކަމެއް ދިގު މުއްދަތަކަށް ކުރިއަށްގެންގޮސްގެން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގައި އުޅޭ އެކި އެކި ބަލިތައް ގިނަވެފައިވަނީ މި ބައި ދޫކޮށްލެވުނީމަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން ޕްރައިމަރީ ހެލްތު ކެއަރ އަލުން ތައާރަފު ކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި، މި މަސައްކަތްތައް ނިންމައި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މި މަސައްކަތް ފެށިގެންދާނެ ކަމަށް ހެލްތް މިނިސްޓަރ ވިދާޅުވިއެވެ.
މިކަންތައް ނުކޮށް ރާއްޖޭގެ ސިއްހީ ދާއިރާ ރަނގަޅެއް ނުވާނެ. ރައީސުލްޖުމްހޫރިއްޔާ އިއުލާނުކުރައްވާފައި އެބައޮތް މި އަންނަ އަހަރު ޕްރައިމަރީ ހެލްތު ކެއަރގެ ކަންކަން ފައްޓަވާނެ ކަން. އަޅުގަނޑުމެން މިހާރު މިކަމާ ގުޅޭގޮތުން ކުރަންޖެހޭ ހުރިހާ އިދާރީ ކަންކަން ކޮށް ނިންމާފައި ހުންނާނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ފުރަތަމަ ކުއަރޓަރުގެ ތެރޭގައި މަސައްކަތް ފައްޓާނަންހެލްތް މިނިސްޓަރ އަހުމަދު ނަސީމް
މިނިސްޓަރ ވިދާޅުވީ ޕްރައިމަރީ ހެލްތް ކެއަރގެ ސަބަބުން ބަލިތަކުގައި ބޮޑުވަރުވާ މިންވަރު ކުޑަކޮށްދޭނެ ކަމަށެވެ. ބަލިވެ ބަލީގައި ބޮޑުވަރު ވުމުގެ ކުރީގައި ބަލި ދެނެގަނެވި އެ ބައްޔަށް ފަރުވާދެވެން ފެއްޓޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން އުރަމަތީ ކެންސަރުފަދަ ކުރިން ދެނެގަނެވޭ ކަންކަން ކުރިން ދެނެގަނެ ބޭނުންވާ ފަރުވާ ފެށޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދ ޕްރައިމަރީ ހެލްތު ކެއަރ އާއެކު ރާއްޖޭގެ ސިއްހީ ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޕްރައިމަރީ ހެލްތު ކެއަރ ތައާރަފުކުރެވުނީމަ ދުވަސް ނުފުރާ ވިހާ ވިހެއުންވެސް މަދުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ޕްރައިމަރީ ހެލްތް ކެއަރގެ ތެރެއިން ހެލްތް ވޯކަރުންގެ މަސައްކަތާއެކު މައިމީހާއަށް ވަކި ޑައިޓެއް ދެވި، ނުރަނގަޅު ކަންކަން ދުރުކުރެވި އަވަސް އަވަހަށް ޓެސްޓުތައް ހެދޭ މިންވަރުވެސް އިތުރުވާނެއެވެ.
ދިވެހިރާއްޖޭގެ ސިއްހީ ނިޒާމު އަލަށް ބައްޓަން ކުރެވުނު ޒަމާނުގައި، އެންމެ ބޮޑު އިސްކަމެއް ދެވުނީ ޕްރައިމަރީ ހެލްތުކެއަރ މެދުވެރިކޮށް ރައްޔިތުންނާ ގާތުން ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށެވެ. ނަމަވެސް، ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލުތަކާއި، ދުނިޔޭގެ ސިއްހީ އޮނިގަނޑަށް އައި ބަދަލުތަކާއި ލިބުނު ކުރިއެރުންތަކާއި، ކެއުންބުއިމުގެ އާދަކާދަތައް ބަދަލުވުމާއި، ދިވެހި ރައްޔިތުންގެ އެކްސްޕެކްޓޭޝަންސް ބަދަލުވުމާއި، އަދި އެހެނިހެން ކަންކަމާ ގުޅިގެން، ރާއްޖޭގެ ސިއްހީ ނިޒާމުގެ ފޯކަސް ބަދަލުވީ ކިއުރެޓިވް ކެއަރ ނުވަތަ ބަލިވުމަށްފަހު ބޭސްފަރުވާ ހޯދުމުގެ ގޮތުން، ސްޕެޝަލިސްޓް ކެއަރ ކުރިއެރުވުމުގެ ސިސްޓަމަކަށެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޮސްޕިޓަލްތަކާއި ޒަމާނީ ހެލްތު ސެންޓަރުތައް ޤާއިމު ކުރުމުގެ މަސައްކަތްތައް ވަނީ ކުރެވިފައެވެ.