ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިންގައި އަންގާރަ ދުވަހުގެރޭ އާޖެންޓީނާއާ ދެކޮޅަށް ކުޅޭ މެޗުގައި ބްރެޒިލުގެ ތަރި ނޭމާއަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުން ބުނެފިއެވެ.
ރިޕޯޓުތައް ބުނާ ގޮތުން ނޭމާއަށް އަނިޔާވީ އާޖެންޓީނާ މެޗަށް ތައްޔާރުވާން ބްރެޒިލުން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިންނެވެ. އެއާއެކު ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ޓެސްޓުތަކެއް ހަދައިގެން ނޭމާ ފިޓްވި ނަމަވެސް، އާޖެންޓީނާ މެޗަށް އެކުލަވާލި ސްކޮޑުގައި ނޭމާ ނުހިމެނީ އިތުރު ރިސްކު ނުނެގުމަށް ކަމަށް ބްރެޒިލުގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ ބުނެފައެވެ.
ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިންގައި އަންގާރަ ދުވަހުގެރޭ އާޖެންޓީނާ އާއި ބްރެޒިލް ބައްދަލުކުރާއިރު، މި މެޗު ކުޅޭނީ އާޖެންޓީނާގައެވެ. މީގެ ކުރިން މިދިޔަ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހު ބްރެޒިލުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ފެށިތާ ފަސްވަނަ މިނެޓުގައި އެ ގައުމުގެ ސިއްހީ އޮފިޝަލުންނާއި، ފުލުހުން ވަނީ ދަނޑައް އެރައި، އެ މެޗު ފަސްކޮށްފައެވެ.
އެ މެޗުގައި ފުލުހުންނާއެކު ބްރެޒިލުގެ ސިއްހީ އޮފިޝަލުން ދަނޑަށް އެރީ މެޗަށް ނުކުތް އާޖެންޓީނާ ޓީމުގައި ބްރެޒިލުގެ ކަރަންޓީން އުސޫލާ ޚިލާފުވެފައިވާ ހަތަރު ކުޅުންތެރިއަކު ހިމެނުމުންނެވެ. އެ ކުޅުންތެރިންނަކީ އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ޖިއޮވާނީ ލޮ ސެލްސޯ އާއި، ކްރިސްޓިއަން ރޮމޭރޯ އަދި އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް އަދި އެމީ ބުއެންޑީއާއެވެ.
އޭގެ ފަހުން ފީފާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މެޗާ މެޗު ދެން އަމަލުކުރާނެ ގޮތެއް ނިންމާނީ ޑިސިޕްލިނަރީ ކޮމިޓީން ރަނގަޅަށް ދިރާސާކުރުމަށްފަހު ކަމަށެވެ. އެކަމަކު ބްރެޒިލުގައި ކުޅެން އޮޔް އެ މެޗު އަލުން ކުޅޭނެ ވަކި ތާރީޚެއް ފީފާއިން އަދި މިހާތަނަށްވެސް އިއުލާންކޮށްފައެއް ނުވެއެވެ.
ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިންގައި އާޖެންޓީނާ އާއި ބްރެޒިލް ބައްދަލުކުރާއިރު، މިދިޔަ ބުރާސްފަތި ދުވަހު ބްރެޒިލުން ކޮލަމްބިއާ ބަލިކޮށް ވޯލްޑް ކަޕުގެ ޖާގަ ކަށަވަރުކޮށްފައެވެ. އަދި ވޯލްޑް ކަޕުގެ ޖާގައެއް ހޯދަން އާޖެންޓީނާއަށް ކޮލިފައިންގައި ބާކީ އޮތް ހަ މެޗުން ދެން ބޭނުންވަނީ އެންމެ ދެ ޕޮއިންޓެވެ.
ދެކުނު އެމެރިކާ ކޮލިފައިންގެ ގަދަ ހަތަރު ޓީމަށް ވޯލްޑް ކަޕުގެ ޖާގަ ލިބޭއިރު، ކޮލިފައިންގެ އެއްވަނައިގައި ބްރެޒިލް އޮތީ ކުޅުނު 12 މެޗުން ލިބުނު 34 ޕޮއިންޓާއެކުއެވެ. އަދި ކޮލިފައިންގެ ދެވަނައިގައި އާޖެންޓީނާ އޮތީ ކުޅުނު 12 މެޗުން ލިބުނު 28 ޕޮއިންޓާއެކުއެވެ.