ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމް.އާރް.ޕީ) އާ ޚިލާފަށް ބޭސް ވިއްކާނަމަ، އެއްލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމް.އާރް.ޕީ) ކަނޑައެޅުމާއި ތަންފީޒު ކުރުމުގެ ގަވާއިދު އަންގާރަ ދުވަހު ގެޒެޓު ކޮށްފިއެވެ.
އެގޮތުން މި ގަވާއިދުގެ 4 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެޕްރޫވްޑް ޑްރަގް ލިސްޓުގައި ހިމެނޭ އެންމެހައި ބޭހުގެ އެމް.އާރު.ޕީ ކަނޑައެޅުމަށްފަހު، ބޭހުގެ އަގުތައް ހިމެނޭ ލިސްޓު، 15 ޖޫން 2022 ގެ ކުރިން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރަން ވާނެކަމަށް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
އެހެންނަމަވެސް، ގަވާއިދަށް އަމަލު ކުރަން ފެށުމާއެކު އެސެންޝިއަލް މެޑިސިން ލިސްޓު (އަސާސީ ބޭހުގެ ލިސްޓު) ގައި ހިމެނޭ ބޭހުގެ އެމް.އާރު.ޕީ ކަނޑައެޅުމަށްފަހު، ބޭހުގެ އަގުތައް ހިމެނޭ ލިސްޓު ގެޒެޓުކުރަން ވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އަސާސީ ބޭހުގެ ލިސްޓު ކަމަށް ބުނެފައި ވަނީ، ފަރުވާކުރާ ކޮންމެ ތަނެއްގައި އެ ތަނަކުން ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތަށް ކޮންމެހެން ބޭނުންވާ ކަމަށް ކަނޑައަޅައިފައިވާ ބޭހުގެ ލިސްޓަށެވެ.
އޭގެ އިތުރުން، "އެޕްރޫވްޑް ޑްރަގް ލިސްޓު" ކަމަށް ބުނެފައި ވަނީ، ޞިއްޙީ ޚިދުމަތުގެ ޤައުމީ ނިޒާމުގައި ބޭނުންކުރުމަށް އިމްޕޯޓުކުރުމަށާއި ވިއްކުމަށް ހުއްދަކުރާ ބޭހުގެ ލިސްޓަށް ކަމަށް ޤަވާއިދުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން، މިނިސްޓްރީގެ މައްޗަށްވެސް ޒިންމާތަކެއް ލާޒިމު ކޮށްފައިވާއިރު، އެމް.އާރު.ޕީ ކަނޑައެޅުމަށްފަހު، އެ އަގުތައް ކޮންމެ ތިން އަހަރަކުން އެއް ފަހަރު މިނިސްޓްރީން މުރާޖައާ ކުރަންވާނެ ކަމަށް ޤަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.
ކަނޑައަޅައިފައިވާ އެމް.އާރު.ޕީ އަށް ވުރެ ބޮޑު އަގުގައި ބޭސް ވިއްކުމަކީ މަނާކަމެއްކަން ފާހަގަކޮށް ޤަވާއިދުގައި ބުނެފައިވަނީ ބޮޑު އަގުގައި ބޭސް ވިއްކާނަމަ، ފުރަތަމަ ފަހަރު 10،000 ރުފިޔާ، ދެވަނަ ފަހަރު 10،000 އާއި 50،000 އާ ދެމެދުގެ އަދަދަކުން އަދި ތިން ވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 50،000 ރުފިޔާއާއި އެއްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.
އޭގެ އިތުރުން، ފާމަސީތަކުގައި ވިއްކާ ބޭހުގެ އެމް.އާރް.ޕީ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފެންނަ ގޮތަށް ހުރުންވެސް ލާޒިމެވެ. އެގޮތަށް އަމަލު ނުކުރާނަމަވެސް ބޮޑު އަގުގައި ބޭސް ވިއްކާނަމަ ޖޫރިމަނާ ކުރާ އުސޫލުގެ މަތިން ޖޫރިމަނާ ކުރެވެއެވެ.
މި ގަވާއިދަށް ޢަމަލުކުރަން ފަށާނީ، 1 ޖަނަވަރީ 2022 އިން ފެށިގެންނެވެ.