ރަމަޟާން މަހު ރާއްޖޭގެ ރައްޔިތުންނަށް ބެހުމަށް ސައުދީ ސަރުކާރުންނާއި ޔުނައިޓެޑް އަރަބް އެމެރޭޓްސްގެ ސަރުކާރުން އިސްލާމިކް މިނިސްޓްރީއާ ހަވާލު ކޮށްފައިވާ ކަދުރު ބެހުން ހައުސިން މިނިސްޓްރީން ފަސްކޮށްފިއެވެ.
މާލެ އާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބެހުމަށް އިސްލާމިކް މިނިސްޓްރީން ހަވާލުކޮށްފައިވަނީ ހައުސިން މިނިސްޓްރީއާއެވެ.
ހައުސިން މިނިސްޓްރީގެ އާންމު ހިދުމަތްތަކާއި ބެހޭ ބައިގައި ހުކުރު ދުވަހު ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ދިމާވި ސަބަބަކާއި ހެދި މިއަދު ބެހުމަށް ހަމަޖެހިފައިވާ ކަދުރު ދޫކުރެވެން ނެތްކަމަށް ހިތާމައާއިއެކު ދަންނަވާކަމަށެވެ. އަދި ކަދުރު ދޫކުރާނެ ތާރީހެއް ވަރަށް އަވަހަށް އަންގާނެ ކަމަށްވެސް އެ އެންގުމުގައި ބުނެފައިވެއެވެ.
ހަދިޔާކުރި ކަދުރުތައް ބެހުމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން މީގެކުރިން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ އެޗްޑީސީ ކަމަށާއި އަދި އަތޮޅުތަކުގަ އާއި ރަށްރަށުގައި ކަދަރު ބެހުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ކަމަށެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް ސައުދީ ސަރުކާރުން މިއަހަރު ވެސް ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ 50 ޓަނުގެ ކަދުރެވެ.