ހޮނިހިރު ދުވަހު ފަށާ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިލްތިމާސް ކުރައްވައިފިއެވެ.
ރޯދަމަސް ފެށުމުގެ މުނާސަބާގައި ރައީސް ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ރޯދަމަހަކީ އިސްލާމީ އުއްމަތަށް މާތް ﷲ މިންވަރު ކުރައްވާފައިވާ ވަރަށް މަތިވެރި މައްސަރެއް ކަމަށާއި ރަހުމަތާއި ނިއުމަތުގެ މައްސަރެއްކަމަށް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މަސްވަރަކީ، އަޅުކަމާއި ތަގުވާގެ އަގުހުރި ފުރުސަތެއްކަމަށާއި ތައުބާ ވުމާއި ހެޔޮކަންތައް ކުރުމުގެ ރޫހާނީ މޫސުމެއްކަމަށް ރައީސް ވިދާޅުވިއެވެ.
"ރަމަޟާން މަހަކީ މާތްﷲ އިސްލާމީ އުންމަތަށް މިންވަރު ކުރައްވާފައިވާ ވަރަށް މަތިވެރި މައްސަރެއް. ރަހުމަތާއި ނިއުމަތުގެ މައްސަރެއް ކަމަށާ އަޅުކަމާއި ތަގުވާގެ އަގުހުރި ފުރުސަތެއް" ރައީސް ޔާމީންގެ ހިތާބުގައި ވިދާޅުވެފައިވެ އެވެ.
އެހެންކަމުން ރޯދައިގެ މަތިވެރި އަޅުކަން ފުރިހަމަގޮތުގައި އަދާކޮށް، ފަރުޟު ފަސްނަމާދަށް ރައްކާތެރިވެ، ކީރިތި ޤުރްއާނަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދެއްވުމަށް ރައީސް ޔާމީން ވަނީ ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވާފަ އެވެ.
މީގެ އިތުރުން ރައީސް ޔާމީން ވަނީ ރޯދަމަހުގެ ތަހުނިއްޔާ ދިވެހި ރައްޔިތުންގެ އިތުރުން އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި އެ ގައުމުތަކުގެ ރައްޔިތުންނަށް އަދި ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ ވެރިންނަށް ވެސް ދަންނަވާފައެވެ.
މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މެއި 27 ވަނަ ދުވަހެވެ.