ކ. މާލެ
|
14 ނޮވެންބަރ 2021 | އާދީއްތަ 16:00
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ކެބިނެޓުގެ ބައްދަލުވުމެއްގައި
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު، ކެބިނެޓުގެ ބައްދަލުވުމެއްގައި
ރައީސް އޮފީސް
ރައީސް ސާލިހުގެ ސަރުކާރު
އެންމެ ތާހިރު ފަސް އަހަރު
 
ޚިޔާލު ފާޅުކުރުމާއި އެއްވެ އުޅުމާއި ދުލާއި ގަލަމުގެ މިނިވަންކަން ތައްމިނަށް ވަނީ ހުޅުވިފައި
 
ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލް ސަރވެންޓެއް ރާއްޖޭގައި ނުހުންނާނެކަން ވަނީ ކަށަވަރުވެފައި
 
ޒަމާނުއްސުރެ ހިފެހެއްޓިފައި ހުރި މަރުކަޒީ ބާރުތައް ވަނީ ދޫކޮށްލެވިފައި

ތެދުފުޅެކެވެ. ހިތްނޭދޭ އެތައް ނަމަކާއި ކަމެއްގެ ތެރޭން ދިވެހިން މަންޒިލު ހޯދައެވެ. ޖުމްހޫރިއްޔަތުގެ މަގުގައި މިދިޔަ ތިން އަހރު ސަރުކާރުން ގިނަކަންތައް ތަކެއް ކުރިއެވެ. ޑިމޮކްރަސީ ޢިއާދަކޮށް ހިފެހެއްޓުމަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްފިއެވެ. ހަތުރުވެރިކަމާއި އަދާވާތްތެރިކަމެއް ނެތް ގިނަޕާޓީ އެކުލެވޭ ވާދަވެރި ސިޔާސީ ނިޒާމަކަށް ރާއްޖެ ފައްކާ ކޮށްފިއެވެ. މައިނޯރިޓީއަށް އިހުތިރާމު ކުރަން ދަސްކޮށްދީފިއެވެ. ތަފާތު ފިކުރާއެކު ގައުމިއްޔަތުގެ ބަހާތައް ހިފަހައްޓައިގެން ވެރިކަން ކުރެވޭކަން އަމަލުން ދައްކައިފިއެވެ.

އާދޭހެވެ. ވަކި ސިޔާސީ ފިކުރަކުން މަޖުބޫރު ކުރެވޭ ސިވިލް ސަރވެންޓެއް ރާއްޖޭގައި ނުހުންނާނެކަން ކަށަވަރު ކޮށްދީފިއެވެ. ސިވިލް ސާރވަންޓުންނަކީ ސަރުކާރުގެ ސިޔާސަތާއި ވަޢުދުތައް އޭގެ ގޮތުގައި ތަންފީޒުކޮށްދޭ ގައުމީ ފައުޖެވެ. އެފައުޖަށް ރައްކާތެރިކަމާއި ކަށަވަރުކަން އިހުނަށް ވުރެ ބޮޑަށް ވަނީ ލިބިފައެވެ. އެޚިދުމަތުގައި ވަކި ފަރުދަކަށް، ވަކި ރަށަކަށް، ވަކި ފިކުރަކަށް ތަފާތު ކުރުމެއް މިހާރަކުނެތެވެ.

ޚިޔާލު ފާޅުކުރުމާ، އެއްވެ އުޅުމާ، ދުލާ ގަލަމުގެ މިނިވަންކަން ތައްމިނަށް ވަނީ ހުޅުވިފައެވެ. ޖުރިމަނާކޮށް ބަންދުކުރެވުނު މީޑިއާ ސްޓޭޝަނެއް ނޫހެއް ނެތެވެ. ގައުމީ މަސްލަހަތު އިސްކޮށް ގައުމިއްޔަތުގެ ރުކުންތައް ރައްކާތެރި ކުރުން ނޫންކަމެއް މިސަރުކާރަކުން ނުކުރެއެވެ. ނުވެސް ކުރާނެއެވެ.

ޒަމާނުއްސުރެ ހިފެހެއްޓިފައި ހުރި މަރުކަޒީ ބާރުތައް ވަނީ ދޫކޮށްލެވިފައެވެ. އަތޮޅުތަކުގެ ކުރިއެރުމަށް އޮތް ގޮންޖެހުން ނައްތާލާ އަމިއްލަ ކަންކަމުގައި ބަސްބުނެ، އެރަށެއްގެ ރައްޔިތުންނަށް ގޮތް ނިންމުގެ ބާރުވަނީ ލިބިފައެވެ. ރަށްރަށް ގާނޫނީ ބޮޑެތި ބާރާއި، އިޚްތިޔާރާއި، އިމްތިޔާޒުތައް މިހާރަށްވުރެ ބޮޑަށް ލިބިފައިވާ ޒަމާނެއް ދިވެހިން ނުދެކެއެވެ. ޖުމްހޫރިއްޔަތުގެ ހަގީގީ ބައިވެރިވުން ހިންގުމުގެ ތެރެއަށް ލާމަރުކަޒީ ނިޒާމު އޭގެ ގޮތުގައި ދަނީ ގެނެސް ދެވެމުންނެވެ.

މީހުން ބިނާ ކުރުމަކީ ތަރައްގީގެ ބިންގަލެވެ. ތައުލީމާއި، ތަމްރީނާއި، ސިއްހަތަކީ ރައްޔިތުންނަށް ސަރުކާރެއް އޮތުމުގެ އެންމެ ބޮޑު ބޭނުމެވެ. ދިރުންހުރި މުޖުތަމައަކާއި، ޖޯރު ހުރި އިގްތިސާދެއްގެ ފެށުމަކީ ތައުލީމާ ހުނަރުކަމަށް ސަރުކާރުން މިއަދު ގަބޫލުކުރެއެވެ. ކޮންމެ އަތޮޅެއްގައި އޭ-ލެވެލް އަށް ކިޔަވައިދެވޭއިރު، ހިލޭ ޑިގްރީ އަށް ކިޔަވައިދޭން ފަށައިފިއެވެ. ބިޔަބޮޑު ލޯން ސްކީމެއް ދަރިވަރުންގެ އަތްފޯރާފަށަށް ލުއި ގޮތެއްގައި ފޯރުކޮށް ދީފިއެވެ. އެއްދަންފަޅިއަށް ތައުލީމީ ނިޒާމު ބައްޓަންކޮށް 1000 އަށްވުރެ ގިނަ ކްލާސް ރޫމްގެ މަސައްކަތް އެހެރަދަނީ ބާރަށް ކުރިއަށެވެ.

ފަސް ސަރަހައްދަކުން ޓަރޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް ލިއްބައިދިނުމަށް ކުރެވޭ މަސައްކަތްތައް ފަތުއަޑުކިޔާފައި އެދަނީ ކުރިއަށެވެ. ބޮޑެތި އޮޕަރޭޝަންތައް ކުރުމާއި، ސްޕެޝަލިސްޓް ޚިދުމަތްތައް މާލެ ނައިސް ލިބޭނެ އިންތިޒާމް ހަމަޖެހިގެން ހިގައްޖެއެވެ. ނަފްސާނީ ބަލިތަކަށް އާސަންދައިން ފަރުވާ ކުރެވޭނެ ގޮތް ވެއްޖެއެވެ.

ޝައްކެއްނެތެވެ. ތަރައްގީ ފެށޭނީ ގައިން ތާހިރުވެ ތިބެވިގެންނެވެ. ހުރިހާ ރަށެއްގައި ސާފު ފެނާ، ނަރުދަމާގެ ނިޒާމު ގާއިމުވެ އެހެރަ ނިމެނީއެވެ. އުފަލުގެ ކޮޅެއް ނެތެވެ.  މިހިނގާ ފަސްއަހަރަކީ ދިވެހިޖުމްހޫރިއްޔާ މިހާތަނަށް ދެކޭނެ އެންމެ ތާހިރު ފަސްއަހަރު ކަމުގައި ވެގެން ދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
100%
0%
0%
0%
0%
ކޮމެންޓް