ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިމެނޭ މައްސަލައާއި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުގެ މައްޗަށް އެމްއެމްޕީއާރްސީ ޚިޔާނާތާއި ގުޅިގެން ތަހުގީގުކޮށް ދައުވާކުރަން ފޮނުވާފައިވާ މައްސަލައިގައި ދައުވާ ކުރުމާމެދު އަންނަ ހަފުތާގެ ކުރީކޮޅު ގޮތެއް ނިންމަވާނެކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ޝަމީމް އެހެން ވިދާޅުވީ އާދިއްތަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އޭސީސީން މިފަހުން ބައެއް މައްސަލަތައް ފޮނުވާފައިވާކަން ފާހަގަ ކުރައްވައި ޕީޖީ ވިދާޅުވީ، އޭސީސީން މައްސަލަތަކުގައި މަޝްވަރާ ކުރުމެއް ނޯންނާތީ އިތުރަށް ބަލަންޖެހޭ ގިނަ ކަންކަން ހުންނަ ކަމަށެވެ. ވުމާއެކު ޕީޖީ އޮފީހުންވެސް އަލުން ބަލުން މައްސަލައިގައި ބަލަންޖެހޭ ގިނަ ކަންކަން ހުންނަކަން ޝަމީމް ފާހަގަ ކުރެއްވިއެވެ. އެގޮތުން ވެންޓިލޭޓަރު މައްސަލަވެސް އަލުން އޭސީސީން ފޮނުވީ ޕީޖީ އޮފީހާއެކު އެއްވެސް މަޝްވަރާއެއް ނުކޮށްކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.
ޝަމީމް ވިދާޅުވީ، މައްސަލަތަކުގައި މަޝްވަރާ ކޮށްލުމަކީ އޭސީސީގެ މުސްތަގިއްލުކަމަށް އަސަރު ކުރާނެ ކަމެއް ނޫންކަމަށާއި، އެކަމާމެދު އޭސީސީއާވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
އޭގެ އިތުރުން، ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިމެނޭ މައްސަލައާއި ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފުގެ މައްޗަށް އެމްއެމްޕީއާރްސީ ޚިޔާނާތާއި ގުޅިގެން ތަހުގީގުކޮށް ދައުވާކުރަން ފޮނުވާފައިވާ މައްސަލައިގައި އަންނަ ހަފުތާގެ ކުރީކޮޅު ގޮތެއް ނިންމަވާނެކަންވެސް ޝަމީމް ފާހަގަ ކުރެއްވިއެވެ.
ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަނުގެ ޢަމަލުތައް ހިންގާފައިވާ މައްސަލައިގައި 11 މީހެއްގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލައާ ގުޅިގެން، ތަހުގީގު އިތުރަށް ފުރިހަމަކުރުމަށް ޕީޖީ އޮފީހުން އަންގާފައިވާ ކަންކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އަލުން އޭސީސީން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. އަދި 14 އޮކްޓޫބަރު 2020 ގައި މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ 11 ފަރާތަށް ދަޢުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމާމެދު ކޮމިޝަނުން އޭރު ނިންމާފައިވާ ނިންމުމަށް ބަދަލު ގެނެސްފައި ނުވާނެކަން އޭސީސީން ފާހަގަކުރެއެވެ.
އޭސީސީން ވަނީ މި މައްސަލައިގައި ދަޢުވާ ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ 11 ފަރާތަށް އިތުރު ދައުވާތަކެއް ކޮށްދިނުމަށް އެދިފައެވެ.
އޭގެ އިތުރުން، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަނާއި އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި މިނިސްޓަރު މަހްލޫފްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި މައްސަލަ ވަނީ ފޮނުވާފައެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ވެގެންދާއިރުވެސް އަދިވެސް އެ މައްސަލައިގައި ދައުވާ ކުރުމާމެދު ގޮތެއް ނިންމަވާފައެއް ނުވެއެވެ.