Advertisement
ކ. މާލެ
|
13 ނޮވެންބަރ 2021 | ހޮނިހިރު 16:35
އާގުބޯޓެއް ރާއްޖޭގެ ސަރަހައްދުގައި
އާގުބޯޓެއް ރާއްޖޭގެ ސަރަހައްދުގައި
މޯލްޑިވްސް ސްޓޭޓް ޝިޕިންގ
ޓްރާންސިޓް ބަނދަރު
ޓްރާންސިޓް ބަނދަރެއް ނެތަސް، ބޯޓުފަހަރަށް ޚިދުމަތް ދެވޭނެ: ސެންކޯ ޝަރީފް
ޓްރާންސިޓް ބަނދަރެއް ގާއިމްކުރުމަށް ގަރާރެއް ވަނީ ހުށަހަޅާފައި
ގިނަ އަދަދެއްގެ ބޯޓުފަހަރު އިހަވަންދިއްޕޮޅު ކައިރިން ދަތުރުކުރޭ
މިކަމުން ރާއްޖެއަށް ވަންނަ ބޭރުފައިސާ އިތުރުވާނެ

އިހަވަންދިއްޕޮޅުގައި ޓްރާންސިޓް ބަނދަރު ގާއިމްނުކޮށްވެސް އެތަނުން ބޯޓުފަހަރަށް އެކި ޚިދުމަތްތައް ދިނުމުގެ މަސައްކަތް މިހާރުން މިހާރަށްވެސް ފެށޭނެ ކަމަށް ކެޕްޓަން މުހައްމަދު ޝަރީފް (ސެންކޯ ޝަރީފް) ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ދާއިރާގައި އެންމެ ތަޖުރިބާކާރު އެއް ކެޕްޓަންގެ ހައިސިއްޔަތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ކެޕްޓަން ޝަރީފް ވިދާޅުވީ އިހަވަންދިއްޕޮޅުގައި ޓްރާންސިޓް ބަނދަރެއް ގާއިމްކުރުމުގެ ކުރިންވެސް އެތަނުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައި، ދައުލަތަށް އާމްދަނީ ހޯދުމަށް އެތައް މަސައްކަތެއް ކުރެވޭނެ ކަމަށެވެ.

Advertisement

އެގޮތުން އެ ސަރަހައްދުން ދަތުރުކުރާ ބޯޓުފަހަރަށް ޚިދުމަތް ދީގެން މި މަސައްކަތް ފަށައިގަނެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން ހއ. އުލިގަމުގައި ކަސްޓަމްސްއާއި އިމިގްރޭޝަން އަދި ސިއްހީ ފަރުވާދެވޭނެ ފަދަ ފެސިލިޓީތަކެއް ސަރުކާރުން މިހާރުވެސް ގާއިމްކޮށްފައިވާކަމަށާއި، މާ ބޮޑު ޚަރަދެއް ނުކޮށް މިހާރުން މިހާރަށްވެސް މަސައްކަތް ފަށައިގަނެވޭނެ ކަމަށް ކެޕްޓަން ޝަރީފް ވިދާޅުވިއެވެ.

އުލިގަމު ކައިރިން ދުވާލެއްގެ މައްޗަށް 40 އަށްވުރެ ގިނަ ބޯޓު ދަތުރުކުރާ ކަމަށާއި، އޭގެ ތެރޭގައި އެކި އެކި ކަންކަމުގައި ދަތުރުކުރާ ބޯޓުފަހަރު އުޅޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެހެންވީމަ އަޅުގަޑުމެންނަށް މިހާރުން މިހާރަށްވެސް ކުރެވޭނެ ކަމަކީ ބޯޓުފަހަރަށް ބަންކަރު ދިނުމާއި، ކާއެއްޗެހި ސަޕްލައި ކުރުމާއި، ބޮންޑު ސަޕްލައި ކޮށްދިނުމާއި، ކްރޫއިން ބަދަލުކުރުމާއި، މިހެންގޮސް ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކުރެވެން.
ސެންކޯ ޝަރީފް

ރާއްޖެ އޮންނަނީ ގިނަ ބޯޓުފަހަރު ދަތުރުކުރާ ރޫޓެއްގައި ކަމަށްވެފައި އެ ބޯޓުފަހަރަށް ބޭނުންވާ ތެލާއި، ކާނާ ސަޕްލައި ކުރެވޭނެ ކުންފުނިތައް މިހާރު ރާއްޖޭގައި ހުރުމުން މިކަމުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފައި، އާމްދަނީ އިތުރުކުރަން މަސައްކަތްކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި އެބަހުރި ތެޔޮ އެތެރެކުރާ ކުންފުނިތައް. އެމީހުން ފިއުލް ސަޕްލައި ކުރާނެ. ކާއެއްޗެހި ސަޕްލައި ކުރާނެ ކުންފުނިތައް ބައިވަރު އެބަހުރި. އެމީހުންނަށް ކައުންސިލްތަކާ ގުޅިގެން މި މަސައްކަތް އިތުރަށް ފުޅާކުރެވޭނެ.
ސެންކޯ ޝަރީފް

މިއީ ރާއްޖެއަށް ވަންނަ ފައިސާ ބޮޑުތަނުން އިތުރުވެ، އިގްތިސާދު ރަނގަޅުކުރުމަށް ކުރެވޭނެ މުހިންމު މަސައްކަތެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. މި ޚިދުމަތްތަކުން ރާއްޖެއަށް ވަންނާނީ ސީދާ ޑޮލަރު ކަމަށް ޝަރީފް ވިދާޅުވިއެވެ.

އިހަވަންދިއްޕޮޅުގައި އާގު ބޯޓުފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ. މި ގަރާރުގައި ވަނީ ރާއްޖެއަކީ ހުޅަނގާއި އިރުން މުދާ ހިފައިގެންދާ އާގު ބޯޓު ފަހަރު، ދަތުރުކުރާ މަގުގައި އޮތް ގައުމަކަށްވެފައި، ޚާއްސަކޮށް ރާއްޖޭގެ އުތުރުގައި އޮތް 8 ޑިގްރީ ޗެނަލަކީ ކާގޯ ބޯޓުފަހަރު ހުރަސްކުރާ ޗެނަލަކަށްވާތީ، މިކަމުން ހޯދެން އޮތް ނަފާއެއް ހޯދުމަކީ، މި ސަރަހައްދުގެ އެހެން ގައުމުތަކެކޭ އެއްގޮތަށް އަމާޒު ހިފިދާނެ ސިނާއަތެއް ކަމަށެވެ. ބޭރުގެ އާގުބޯޓުފަހަރަށް ޚިދުމަތް ދިނުމުގެ ސިނާޢަތެއް މިހިނދުން މިހިނދަށް ގާއިމުކުރުމަކީ، ބޭނުންތެރިކަމެއް ކަމަށް ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ.

ރާއްޖެ ހުރަސްކޮށް ގައުމުތަކަށް ގެންދާ މުދަލުގެ އަގު އިތުރުވެފައިވާ ކަމަށާއި، ރާއްޖެ ހުރަސްކޮށްދާ ބޯޓުފަހަރު ކޮންމެ އަހަރަކު ހާހުން އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، އެ ބޯޓުފަހަރުން ގެންދާ މުދަލުގެ އަގު ބިލިއަނުން ގުނާލެވޭ ކަމަށެވެ. އެހެންކަމުން އެ ސިނާއަތުގެ މަންފާ ހޯދުން މުހިއްމު ކަމަށެވެ. އެ މަންފާ ލިބޭނެ ޓްރާންސްޝިޕްމެންޓް ޕޯޓެއް، މިދިޔަ ދިގު މާޒީގައި ގާއިމުވެފައި ނެތް ކަމަށާއި، ރާއްޖެއަކީ މި ސިނާޢަތުން އެންމެ ފައިދާ ވާނެ ގައުމު ކަމުގައި ސަލީމް ވިދާޅުވިއެވެ. މިއީ އައު ވިސްނުމެއް ނޫން ކަމަށާއި، ކޮންމެވެސް ސަބަބަކާހެދި އެއަށް އަމަލީ ސިފައެއް މިހާތަނަށް ގެނެވިފައި ނުވާ ކަމަށެވެ.

މިފަދަ ބަނދަރެއް ގާއިމުކުރުމަށް ބިލިއަނުން އިންވެސްޓްމެންޓް ބޭނުންވާނެކަން ގަބޫލުފުޅުކުރެއްވޭ ކަމަށާއި، އެހެންނަމަވެސް އެވަރުގެ ފައިނޭންސާ ނުލައި ވެސް މިހާރުވެސް ކުރެވިދާނެ ކަންކަން އެބަހުރި ކަމަށް ސަލީމް ވިދާޅުވިއެވެ. ބޯޓުތައް ބަނދަރުކުރެވި، ކޮންޓެއިނަރުތައް ބާލައި، ކަންކަން ނުކުރެވުނަސް، އިހަވަންދިއްޕޮޅަކީ، ފަޅުވެރިންނަށް ޚިދުމަތްދެވޭނެ ޕޮއިންޓަކަށް ހެދިދާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް