ބައިނަލް އަގްވާމީ ދަތުރުފަތުރުގައި އުޅޭ ބޯޓު ފަހަރަށް ބަންކަރިންގެ ޚިދުމަތް ދޭން ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި އިހަވަންދިއްޕޮޅުގައި ފައްޓަވާނެ ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރ މުހައްމަދު ސައީދު އާދިއްތަ ދުވަހުގެ ރޭ ވަނީ ވިދާޅުވެފައެވެ.
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހައިގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ވެސް ހުންނެވި ސައީދު ވިދާޅުވީ، މި ޚިދުމަތް ފެށުމުން، ރާއްޖޭގެ އިގުތިސާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.
ސައީދު ވިދާޅުވި ގޮތުގައި މި ހިދުމަތް ފެށުމާ އެކު މިހާރު ޖީޑީޕީ ގެ ގޮތުގައި އޮންނަ 6.5 ބިލިއަން ޑޮލަރުގެ ތެރެއަށް ބަންކަރިންގެ ހިދުމަތް ފެށުމުން މި ޖުލައި އިން އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 400 މިލިއަން ޑޮލަރު އިތުރުވާނެ ކަމަށެވެ.
މިއީ އިކޮނޮމީ ޑައިވަރސިފައި ކުރާ ގޮތަކީ 400 މިލިއަން ޑޮލަރު ނުވަތަ .... ހަ ބިލިއަން ދިވެހި ރުފިޔާ މުޅިން އަލަށް އާ ސިނާއަތެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޖީޑީޕީގެ ތެރޭގައި އެނބުރެން ފަށާނެ،" ސައީދު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، މި ފާއިތުވެ ދިޔަ 7 މަސް ދުވަހުގެ ތެރޭގައި މި މަސައްކަތައް އެސްޓީއޯ އިން ބޮޑު ދެ ޓޭންކަރު ގަނެ މިހާރު ޚިދުމަތް ފަށަން ތައްޔާރު ވެފައިވާ ކަމަށެވެ.
އޭގެ އިތުރުން މަސައްކަތް ފެށުމަށްޓަކައި، އެމްއެންޑީއެފްއާ ގުޅިގެން ޗާޓުތައް އަޕްޑޭޓްކުރުމުގެ މަސައްކަތާއި، ކަސްޓަމްސް އާއި އިމިގްރޭޝަންއާ ގުޅިގެން އެސްޓީއޯ އިން ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެއާއެކު ބޭނުންވާ އިކުއިޕްމަންޓް ގަތުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
ސައީދު މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު، މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ހޯރަފުއްޓަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި މިނިސްޓަރު ސައީދު ވިދާޅުވީ ޖުލައި މަސް ނިމުމުގެ ކުރިން އިހަވަންދިއްޕޮޅުގައި ބަންކަރިން ވިޔަފާރި ފަށައިގަނެވޭނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ ދެތިން ހަފްތާ ތެރޭގައި އަޅުގަނޑުމެންނަށް ދުނިޔޭގެ ޓޮޕް 10 ގައި ހިމެނޭ އެންމެ ވަރުގަދަ އެއް ކުންފުންޏާއެކު ބަންކަރިން ހިދުމަތަށް މި ސަރަހައްދު ވަންނާނެ، އެކަން އެހިސާބަށް ދިޔައިމަ ކުރިއަށް އޮތް ދެ ތިން މަސްތެރޭގެ، އަޅުގަނޑުމެން އުއްމީދު މި ކުރަނީ ޖުލައި މަސް ނިމުމުގެ ކުރިން މިތާ އެ ވިޔަފާރި ފަށައިގަނެވޭނެ ކަމަށް،" ހޯރަފުށީގައި ދެއްކެވި ވާހަކައިގައި ސައީދު ވިދާޅުވި އެވެ.
އޭގެ ފަހުން، މާޗު މަހުގެ 27 ގައި ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭންގައި، ސަރުކާރުގެ ކެންޑިޑޭޓަށް ތާއީދު ހޯދަން، ހޯރަފުށީގައި ބޭއްވި ޖަލްސާ އެއްގައި ބަންކަރިން ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ، ޖޫން މަހުގެ ތެރޭގައި މަސައްކަތް ފެށޭނެ ކަމަށެވެ.
އިހަވަންދިއްޕޮޅު ގައި މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގެ ނަމުގައި މި ސަރުކާރުން ހިންގާނެ ކަމަށް ބުނާ މަޝްރޫއުގެ ދަށުން އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯ އިން ނެދަލޭންޑްސްގެ ކުންފުންޏެއް ކަމަށްވާ "ވިޓޯލް"އާ އެކު އެކުލަވާލާ މަޝްރޫއުގެ ޓާރމް ޝީޓުގައި މިދިޔަ މާޗު މަހުގެ 13 ވަނަ ދުވަހު ވަނީ ސޮއި ކޮށްފައެވެ.
މި ޓާމް ޝީޓަކީ، ބަންކަރިން ވިޔަފާރި ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ކަނޑައަޅައި ދެ ފަރާތުން ނިންމަން ޖެހޭ ލިޔެކިޔުންތައް ވަކި ތާރީޚެއްގެ ތެރޭ ނިންމަން ސޮއި ކުރެވޭ އެއްބަސްވުމެއް ކަމަށް އޭރު ވަނީ ބުނެފައެވެ.
މި އެއްބަސްވުމުގެ ތެރެއިން ވިޓޯލްގެ މައިގަނޑު ޒިންމާ ކަމުގައި ބަނކްރަކިންގ ހިދުމަތް ދިނުމަށް ބޭނުންވާ ތެޔޮ އިހަންވަދިއްފޮޅުގައި އޮންނަ ބާރޖަށް ސަޕްލައި ކުރުމާއި، ބަންކަރިންގ ހަބްއެއްގެ ގޮތުގައި ދިވެހިރާއްޖެ އިސްތިހާރު ކުރުން ހިމެނޭ ކަމަށް އެސްޓީއޯ އިން ބުނެފައި ވީނަމަވެސް، ޓާމް ޝީޓްގައި ސޮއި ކުރިފަހުން އެސްޓީއޯ އިން މިކަމާ ގުޅޭ އެހެން އެއްބަސްވުމެއްގައި ސޮއި ކުރިކަން މިހާތަނަށް ހާމަ ކޮށްފައި ނެތެވެ.
ބަންކަރިންގެ ޚިދުމަތް ދިނުމަށް ރައީސް ސާލިހްގެ ސަރުކާރުން ރޭވި އިހަވަންދިއްޕޮޅު ޕޯޓް ސިޓީ ޑިވަލަޕްމަންޓް ޕްރޮޖެކްޓްގެ ދަށުންހުސްވި އަހަރުގެ އޮގަސްޓް މަހުގެ 23 ގައި އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ޚިދުމަތް ފެށުމުގެ ގޮތުން އެސްޓީއޯއިން ގަތަރުގެ އާބަކޮން ޓްރޭޑިން އެންޑް ކޮންޓްރެކްޓިންއާ އެކީ ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގެ ދަށުން ފުރަތަމަ ކުރަން ޖެހެނީ ޓެކްނިކަލް ސްޓަޑީ ތަކާއި، ފީސިބިލިޓީ ހެދުން ކަމަށް ބުނެފައި ވާއިރު، ފަހުން މިހެދި އެއްބަސްވުމުގެ ދަށުން ކުރެވުނު މިފަދަ އެއްވެސް މަސައްކަތެއްގެ ތަފްސީލެއް މިހާތަނަށް ސަރުކާރުން ހާމަ ކޮށްފައެއް ނެތެވެ. އެފަދަ ދިރާސާތަކެއް ކުރުމެއް ނެތި، ބޭރުގެ ކުންފުންޏަކުން އެހާ ބޮޑު އިންވެސްޓްމެންޓެއް ރާއްޖޭގައި ކޮށްފާނެތޯ އެއީ ކުރެވޭ މުހިންމު ސުވާލެކެވެ.
ޑރ. މުއިއްޒުގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރ ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ބަންކަރިން ގެ ޚިދުމަތް ފައްޓަވާނެ ކަމަށް އިއުލާން ކުރެއްވި އިރު، އެ މަޝްރޫއު ފެށުމުގެ ކުރިން ރާއްޖޭގެ ގާނޫނުން ލާޒިމް ކުރާ އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމެންޓް ރިޕޯޓް ހެދި ކަމެއްވެސް އަދި އެނގޭކަށް ނެތެވެ. ހަމަ ޔަގީނުންވެސް އެފަދަ ރިޕޯޓެއް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީގެ ރަސްމީ ވެބްސައިޓްގައި އަދި މިހާތަނަށް އާންމު ކޮށްފައެއް ނުވެއެވެ.
މިކަންކަން މިހެން ފެންނަން ހުރި އިރު، ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ބަންކަރިން ޚިދުމަތް ފަށާނެ ކަމަށް މިނިސްޓަރ އެ ވިދާޅުވާ ވިދާޅުވުން އަދި ވެސް ގަބޫލު ކުރުން އެހާ ފަސޭހައެއް ނޫނެވެ.