ކ. މާލެ
|
18 އޮކްޓޯބަރ 2024 | ހުކުރު 06:16
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް - އެމްޑީޕީ ހަރުގެ ޖަލްސާގެ ތެރެއިން
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް - އެމްޑީޕީ ހަރުގެ ޖަލްސާގެ ތެރެއިން
އެމްޑީޕީ
ބަންކަރިންގެ ޚިދުމަތް
ބަންކަރިން ޚިދުމަތަށް ގެނައި ބޯޓު ޚިދުމަތް ނުދެވި ބޯޓުގައި ދަނީ ފެހިޖަހަމުން - ނާޒިލް
ނާޒިލް ވަނީ ބަންކަރިންގެ ޚިދުމަތް ކުރިއަށް ގެންދާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ
އެއް މަހާއި 20 ދުވަސް ވީ އިރު އައީ އެއް އުޅަނދު، ކްރޫއެއް ބަދަލު ކުރަން އައިސްފަ ފެން އަޅައިގެންނޯ ދިޔައީ، އައިމަ ސަންކުއިކް ބޯންދީ، ބޮޑުބެރުޖަހާ، ކުރުނބާ ދީފަ ފޮނުވާލީ
ވިޓޯލް އާއި އެސްޓީއޯ އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމާބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަކޮށްފައެއް ނުވޭ

ބަންކަރިން ޚިދުމަތަށް ގެނައި ބޯޓު ޚިދުމަތް ނުދެވި ބޯޓުގައި ފެހި ޖަހަމުންދާ ކަމަށް ދިވެހިރައްޔިތުން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ޖަލްސާގައި މެންބަރު ނާޒިލް ވަނީ ބަންކަރިންގެ ޚިދުމަތް ކުރިއަށް ގެންދާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ދާދިފަހުން އެމްޑީޕީން އަތޮޅު ތެރެއަށް ކުރި ދަތުރުގައި އިހަވަންދިއްޕޮޅު ގައި ބަންކަރިން ހިދުމަތް ދެމުންދާ ގޮތާއި އާއްމުން އެކަމާއި މެދު ދެކޭ ގޮތް ވަރަށް ކައިރިން ދެކެވަޑައިގެންފައިވާ ކަމަށް ނާޒިލް ވިދާޅުވިއެވެ. އަދި މިހާތަނަށް އެތަނަށް އައީ އެންމެ އުޅަނދެއް ކަަމަށާއި، އެ އުޅަނދުވެސް އައީ ކްރޫއަކު ބަދަލުކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ބޭރުގެ އާގު ބޯޓުފަހަރަށް ތެޔޮ އެޅުމާއި ސާވިސް ދިނުމަށް ހިންގަން ނިންމާފައިވާ އިހަވަންދިއްޕޮޅު ބަންކަރިން މަޝްރޫއު އަކީ ފައިދާވާ ވިޔަފާރި އެއް ކަމަށް ބުނުމުގެ ޖާގައެއް ނެތް ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އަޅުގަނޑު ކައިރީގަ އާއްމު މީހަކު ބުނި މިދަނީ ބަންކަރިން ޚިދުމަތް ދޭ ތަނަށޭ. އަޅުގަނޑު ބުނެފިން ކީއްކުރަން ހެ ތިބޭފުޅުން އެތަނަށް ދަނީ. މާނިޔާ މަސް އެބަ ޖަމާވެޔޯ ބުނީ ބޯޓު ކައިރިއަށް. އެހެންވެ މާނިޔާ މަހަށް ދާށޯ މިދަނީ. ބަންކަރިން ބޯޓު އެތާ އޮވެ އޮވެ ފެހި ޖައިގެން ރެހި އަންނަނީ އޯ. މާނިޔާ މަސް އަންނަނީޔޯ. އެއީ އޯ ލިބޭނެ ބަންކަރިންއަކީ. އެއް މަހާއި 20 ދުވަސް ވީ އިރު އައީ އެއް އުޅަނދު. ކްރޫއެއް ބަދަލު ކުރަން އައިސްފަ ފެން އަޅައިގެންނޯ ދިޔައީ. އައިމަ ސަންކުއިކް ބޯންދީ، ބޮޑުބެރުޖަހާ، ކުރުނބާ ދީފަ ފޮނުވާލީ.
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

މި ޚިދުމަތް ފޯރުކޮށްދިނުމަށް ދެ ބޯޓު ސަރުކާރުން ވަނީ ގެނެސްފައެވެ. އެއީ 3,258 ޓަނުގެ އެމްޓީ މެރިން އޭންޖަލް އާއި 3,929 ޓަނުގެ އެމްޓީ މެރިން ބެލާ އެވެ.

ބަންކަރިންގ ޚިދުމަތުގެ އިތުރުން، ފަޅުވެރިން ބަދަލުކުރުމާއި، ޕްރޮވިޝަން އަދި ޝިޕް ސްޓޯސް ފޯރުކޮށްދިނުމާއި، ސާފު ބޯފެން ފޯރުކޮށްދިނުން ފަދަ އިތުރު ޚިދުމަތްތައްވެސް ދެވޭނެކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ސަރުކާރުގެ އަމާޒަކީ މި ޚިދުމަތުން ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދުން ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދުވަނީ ވިދާޅުވެފައެވެ. އެހެން ނަމަވެސް ވިޓޯލް އާއި އެސްޓީއޯ އާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމާބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުން ހާމަކޮށްފައިނުވާއިރު، އެ ވަރުގެ ފައިދާ އެއް ރާއްޖެއަށް ލިބޭ ގޮތަކާމެދު ތަޖުރިބާކާރުން ވަނީ ސުވާލު އުފައްދާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް