މާލޭގެ އިތުރުން، އަތޮޅުތެރޭގައި ރީޖަނަލް މެންޓަލް ހެލްތު ޕްރޮގްރާމް، އަންނަ އަހަރު ފެށުމަށްޓަކައި ތައްޔާރީތައް ވާން ފަށައިފިއެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދާނެ ގޮތް ރާވައި މިހާރު ނިމިފައެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަން ނިންމާފައިވަނީ މި ސަރުކާރުން ގާއިމްކުރަން ނިންމާފައިވާ ޓާރޝަރީ ހޮސްޕިޓަލުތަކުގައެވެ. ޓާޝަރީ ހޮސްޕިޓަލްތަކުގައި މެންޓަލް ހެލްތު ޔުނިޓުތައް ތަރައްޤީ ކުރުމަށްޓަކައި މިހާރު ވަނީ މަސައްކަތްތައް ފަށާފައެވެ.
މި ޕްރޮގްރާމު ކުރިއަށްގެންދަން ނިންމާފައިވަނީ ޓާޝަރީ ހޮސްޕިޓަލްތަކުގައި މެންޓަލް ހެލްތު ޓީމުތައް އެކުލަވާލައިގެންނެވެ. މި ޕްރޮގްރާމް ފެށުމުން މިފަދަ ބަލިތަކުގައި މެންޓަލް ހެލްތު ސެންޓަރާ ހަމައަށް އަންނަ މީހުން މަދުވެގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެއެވެ. އަދި އަތޮޅުތަކުން މި ޚިދުމަތް ހޯދާ މީހުންނަށް ފަސޭހައިން ޚިދުމަތް ލިބިގެންދާނެއެވެ.
އަންނަ އަހަރު، އިޖުތިމާޢީ ދާއިރާއަށް ޚާއްޞަ އިސްކަމެއް ބަޖެޓުގައި ދެވިފައިވާކަން ޖުމްހޫރީ ދުވަހު ގައުމާއި މުހާތަބު ކުރައްވާ ރައީސް ސޯލިހު ވިދާޅުވެފައިވާ އިރު، ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ފުޅާކުރުމަށް، އިތުރު ޑޮކްޓަރުންނާއި ނަރުހުން ހޯދުމަށް ބަޖެޓް ކުރެވިފައިވާކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. އަދި ނަފްސާނީ ބަލިތަކާމެދު ނަފްސުތައް ހޭލެވެން ފެށިއިރު، އޭގެ ފަރުވާ ހޯދުންވެފައި އޮތީ ވަރަށް ބޮޑު ދަތިކަމަކަށް ވެފައި ކަމަށާއި، އައިޖީއެމްއެޗްއިން އެޕޮއިންޓްމެންޓެއް ހަދައިގެން، ޑޮކްޓަރަށް ދެއްކުމަށް ކުރަންޖެހޭ އިންތިޒާރު ދިގު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މުއްދަތު ކުރުކޮށް، ރައްޔިތުންނާ ގާތުން މި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތް ކުރައްވަމުން ގެންދަވާ ރައީސް ވިދާޅުވިއެވެ.
ހެލްތް މިނިސްޓްރީން ބުނީ ޓާރޝަރީ ހޮސްޕިޓަލުތަކުން އެ ސަރަހައްދުތަކުގައި ހުންނަ އަތޮޅު ހޮސްޕިޓަލުތަކާއި ގުޅިގެން މެންޓަލް ހެލްތް މައްސަލަތައް ހުންނަ މީހުން ދެނެގަތުމަށް އައުޓްރީޗް ޕްރޮގްރާމުތައް ހިންގުމާއި، މިފަދަ ކަންކަމަށް މީހުން އަހުލުވެރިކުރުމަށް މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
މި ޕްރޮގްރާމުގެ ޕްލޭން ނިމި، މިހާރު އޮތީ މި މަސައްކަތް އެންޑޯޒްކުރުމުގެ މަރުހަލާގައެވެ. މި މަސައްކަތަށް ބޭނުންވާ ސައިކޮލޮޖިސްޓުންނާއި، ކައުންސިލް ދޭ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، މުސާރައިގެ އޮނިގަނޑު އޮތް ގޮތުންވެސް ގޮންޖެހުންތައް ދިމާވާކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.