ކޮވިޑް-19ން ދިފާއުވުމަށް ވެކްސިން ފުރިހަމަކުރި މީހުންގެ އަދަދު 360،161ށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު, ހޯމަ ދުވަހު 403 މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 192 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 211 މީހުންނެވެ.
ހޯމަ ދުވަހު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 59 މީހުންނެވެ. އެއީ މާލެ ސަރަހައްދުން 39 މީހުންނާއި އަތޮޅުތަކުން 20 މީހުންނެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު ވަނީ 394،930ށް އަރާފައެވެ.
ރާއްޖޭގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމު ކުރިއަށްދާއިރު, މާލެ ސަރަހައްދުގެ ވެކްސިނޭޝަން ސެންޓަރުތަކުން ވެކްސިން ޖަހައިދޭ ގަޑިތަކަށް ވަނީ ބަދަލުތައް ގެނެސްފައެވެ. އެޗްޕީއޭއިން ބުނީ ފައިޒަރ ވެކްސިން އޭޑީކޭ ހޮސްޕިޓަލުން ޖަހައިދެމުން ދަނީ ހެނދުނު 9:00ން 12:00ށް ކަމަށާއި، ހުޅުމާލެ ހޮސްޕިޓަލުން ހެނދުނު 11:00ން މެންދުރު 12:00ށް ކަމަށެވެ. އަދި އައިޖީއެމްއެޗުން ކޮންމެ ހަފުތާއެއްގެ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ން މެންދުރުފަހު 2:00ށް ވެކްސިން ޖަހައިދޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެސްޓްރަޒެނިކާ ވެކްސިން ޖަހައިދިނުމާ ގުޅޭގޮތުން އެޗްޕީއޭއިން ބުނީ، ދަމަނަވެށިން ހެނދުނު 9:00ން މެންދުރުފަހު 3:00ށް، ހުޅުމާލެ ހޮސްޕިޓަލުން 9:30ން 10:30ށް، އައިޖީއެމްއެޗުން ކޮންމެ ހަފުތާއެއްގެ ހޮނިހިރު، އާދިއްތަ އަދި ހޯމަ ދުވަހުގެ ހެނދުނު 10:00ން މެންދުރުފަހު 2:00ށް، ސެނެހިޔާއިން 10:00ން 12:30ށް އަދި ވިލިމާލެއިން 9:00ން މެންދުރު 1:00ށް ވެކްސިން ޖަހައި ދެމުންދާނެ ކަމަށެވެ.
އެޗްޕީއޭއިން ބުނީ ފައިޒަރ ވެކްސިން ޖެހުމަށް އެހުރިހާ ސެންޓަރުތަކުން އެޕޮއިންޓްމެންޓް ހައްދަން ޖެހޭ ކަމަށެވެ. އަދި އެސްޓްރަޒެނިކާ ވެކްސިން ޖެހުމަށް ހުޅުމާލެ ހޮސްޕިޓަލް ފިޔަވައި އެހެން ހުރިހާ ސެންޓަރުތަކުން ވެސް ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހައްދަންޖެހޭ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މީގެ އިތުރުން އެޗްޕީއޭއިން ބުނީ ސިނޮފާރމް ވެކްސިން ޖަހައިދެމުންދަނީ ކޮންމެ ބުރާސްފަތި ދުވަހެއްގައި ހަމައެކަނި ސެނެހިޔާއިން ކަމުގައެވެ. އެއީ ހެނދުނު 8:30ން 9:30ށެވެ. ވެކްސިން ޖެހުމަށް އެޕޮއިންޓްމެންޓް ހައްދާކަށް ނުޖެހެއެވެ.