ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ރައީސްގެ މަޤާމަށް މަރްޔަމް މުނާ އަދި އެ ކޮމިޝަނުގެ ނައިބު ރައީސްކަމަށް ޑރ. އަޙްމަދު އަދުހަމް ޢަބްދުﷲ ޢައްޔަންކުރައްވައިފިއެވެ.
މި ބޭފުޅުން މި މަޤާމުތަކަށް ޢައްޔަންކުރައްވާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 6/2006 )ގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތީންނެވެ.
މަރްޔަމް މުނާ, މާސްޓަރސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައި ވަނީ އޮސްޓްރޭލިޔާގެ އީޑިތު ކޯވަން ޔުނިވަރސިޓީ އިންނެވެ. މަރްޔަމް މުނާ މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ހިއުމަންރައިޓް ކޮމިޝަނުގެ މެންބަރެއްގެ މަޤާމުގައެވެ. އޭގެ ކުރިން މުނާ ހުންނެވީ އޭޝިއާ ޝިޕިންގ އެންޑް އިންޓަރނޭޝަނަލް ޓްރޭޑިންގގެ ކޯޕަރޭޓް ސެކްރެޓަރީގެ މަޤާމުގައެވެ. މީގެ އިތުރުން މިނިވަން މުއައްސަސާތަކާއި ސަރުކާރާއި އަމިއްލަ އޮފީސްތަކުގެ އިސްމަޤާމުތައް މުނާ ފުރުއްވާފައިވެއެވެ.
ޑޮކްޓަރ އަޙްމަދު އަދުހަމް ޢަބްދުﷲ، ޑޮކްޓްރޭޓް އޮފް ފިލޯސޮފީ އިން ލޯ (އިންޓަނޭޝަނަލް ލޯ) ފުރިހަމަކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ވޭލްސްގެ ޔުނިވަރސިޓީ އޮފް ވޮލޮންގޮންގްއިންނެވެ. މީގެ ކުރިން އެބޭފުޅާ ވަނީ ވިލާ ކޮލެޖުގައި ޕަބްލިކް އިންޓަރނޭޝަނަލް ލޯގެ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވާފައެވެ. މީގެ އިތުރުން ޑޮކްޓަރ އަދުހަމްއަކީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޑޮކްޓަރ އަދުހަމް މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ހިއުމަންރައިޓްސް ކޮމިޝަނުގެ މެންބަރެއްގެ މަޤާމުގައެވެ.