އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓަރ މަޖިލީހަށް ހުށަހެޅުއްވި 36.9 ބިލިއަން ރުފިޔާގެ ބަޖެޓް, 25 ބިލިއަނަށް ކުޑަކުރުމަށްފަހު އަލުން މަޖިލީހަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރ އަޙުމަދު ސަލީމް ގޮވާލައްވައިފިއެވެ.
ބަޖެޓަށް ބަހުސްކުރައްވަމުން ޕީޕީއެމް ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު ސަލީމް ވިދާޅުވީ, ކުރީ ސަރުކާރުގައި ދައުލަތުގެ ދަރަނި އެވްރެޖްކޮށް ހުރީ ހަތަރު ބިލިއަން ރުފިޔާގައި ކަމަށާއި, ނަމަވެސް މި ސަރުކާރުގައި ދަރަނި ހުރީ ގާތްގަނޑަކަށް 14 ބިލިއަން ނުވަތަ 13 ބިލިއަން ރުފިޔާގައި ކަމަށެވެ. އެއީ ވަރަށްބޮޑު ނުރައްކަލެއް ކަމަށް ސަލީމް ވިދާޅުވިއެވެ. އަދި ބަޖެޓްގައި އޮތީ ރަނގަޅު އަދަދެއް ނޫންކަމަށް ވިދާޅުވެ ސަލީމް ވިދާޅުވީ ދަރަނި 14 ނުވަތަ 15 ބިލިއަނަށް އިތުރުވާނެކަމަށެވެ.
ކޮވިޑާއެކު ދަރަނި ބޮޑުވެގެންދިޔައިރު, އާންމު ހާލަތުގައި ދަރަނިކުޑަކުރަން މަސައްކަތްކުރަންޖެހޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ. މީގެއިތުރުން ބަޖެޓްގެ ދަރަނި ބޮޑުވުމުގެ ސަބަބުން ޑޮލަރުގެ އަގުވެސް ނުހިފެހެއްޓިގެން އުޅެންޖެހޭކަމަށް ސަލީމް ވިދާޅުވިއެވެ.
ޑޮލަރު ރާއްޖެއަށް ނުވަންނަނީކީ ނޫން. ޑޮލަރު ރާއްޖެއަށް ބޭނުންވާ ވަރަށް އެބަވަދޭ. އެއީ ބޮޑު އަގުގައި ގަނެވިއްޖިއްޔާ އެފައިސާ އެބަ ލިބޭ. ނުލިބިގެން އުޅޭކަށް ނުޖެހޭ. އެހެންވީމާ އަޅުގަނޑުމެން އެކަންތައްތަކުގައި ކުރިޔަށް ދެވެނީ ދައުލަތުގެ ދަރަނި އިންތިހާއަށް ކުޑަކޮށްގެން. އަޅުގަނޑު ގޮވާލަން ދައުލަތުގެ ބަޖެޓް 25 ބިލިއަނަށް ކުޑަކުރުމަށް. ކުޑަކޮށްފައި އަލުން ބަޖެޓް މިމަޖިލީހަށް ގެނައުމަށް.އަޙުމަދު ސަލީމް/ އޭދަފުށި ދާއިރާ
މީގެއިތުރުން, ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި އަޅާފައިވާ ހިޔާ ފްލެޓްތަކުގެ ފިނިޝިންގ މަސައްކަތް ނިންމުމަށާއި, އަދި ކުރިން ވެސް ކަނޑައަޅާފައި އޮތް ކުލި އެތަނުން ނެގުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ހަމަޖެއްސުމަށް ވެސް ސަލީމް ވަނީ ގޮވާލައްވާފައެވެ. ސަލީމް ވިދާޅުވީ ފިނިޝިންގ ނުނިންމާ ރައްޔިތުންނަށް ހިޔާ ފްލެޓްތައް ސަރުކާރުން ދިނީ ރައްޔިތުންނަށް ޖެއްސުން ކުރަން ކަމަށެވެ.
ސަލީމް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރަން ބޭނުންވާ ސަތޭކަ ތިރީހަކަށް މިލިއަން ރުފިޔާ އަކީ, ދައުލަތުގެ ބަޖެޓްގައި ހުރި ބޭކާރު ބޮޑެތި ޚަރަދުތައް ކުޑަކޮށްގެން ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ.